Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 22:04
ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ
ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
މާދަރީ ބަހުގެ ދުވަސް
ދިވެހިބަސް ދިރުވުމަށްޓަކައި ޤައުމީ ސިޔާސަތެއް ކަނޑައަޅަންޖެހޭ: ރައީސް ސޯލިހް
ދިވެހިބަހުގެ ޤާނޫނެއް އޮންނަ އިރު، އެ ޤާނޫނު ތަންފީޒު ކުރުމަކީ، ދިވެހި ބަސް ކުރިއެރުވުމަށް އެޅިދާނެ ވަރަށް ރަނގަޅު ފިޔަވަޅެއް
ދިވެހި ބަހަށް އިސްކަން ދިނުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއް

ދިވެހިބަސް ދިރުވައި އާލާކުރުމަށްޓަކައި ދިވެހިބަހުގެ ޤައުމީ ސިޔާސަތެއް ކަނޑައެޅުމަކީ ވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށްޓަކައި ދަރުބާރުގޭގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ދިވެހި ބަސް ދިރުވައި އާލާކުރެވޭނެ ގިނަ ގޮތްތަކެއް ރައީސް ސޯލިހް ހިއްސާކުރެއްވެވި އެވެ. އެގޮތުން ތަޢުލީމީ މަރުޙަލާތަކުގައި ދިވެހިބަހަށް އިސްކަން ދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށާއި ޒަމާނީ ޓެކްނޮލޮޖީއަށް ދިވެހިބަސް އަހުލުވެރިކުރުވުމަށާއި، އެކަމުގެ ފަންނީ މަސައްކަތްތަކަށް އެހީތެރިވެދޭން ސަރުކާރު އޮތީ ތައްޔާރަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

ރައީސް ސޯލިހް ވިދާޅުވީ ދިވެހިބަހުގެ ޤާނޫނެއް އޮންނަ އިރު، އެ ޤާނޫނު ތަންފީޒު ކުރުމަކީ، ދިވެހި ބަސް ކުރިއެރުވުމަށް އެޅިދާނެ ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އެ ގޮތުން ދައުލަތުގެ ވުޒާރާތަކާއި އޮފީސްތަކަށް ކިޔާނެ ދިވެހި ބަހުގެ ނަންތަކެއް، ބަހުގެ އެކެޑަމީން މިހާރު ގެންދަވަނީ ތައްޔާރު ކުރަމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ބަސް ކުރިއެރުވުމަށްޓަކައި ދިރާސާތަކަށާއި ބަހުގެ ޢިލްމު ކުރިއަރުވާން ބޭނުންވާ މަޢުލޫމާތުތައް، ފަސޭހައިން ލިބިދިނުމަށްޓަކައި، ޤައުމީ ބަސްމާފާނެއް ނުވަތަ ލޭންގުއޭޖު ކޯޕަސްއެއް، ޤާއިމުކުރުމުގެ މަސައްކަތް ވެސް ބަހުގެ އެކެޑަމީން މިހާރު ވަނީ ފައްޓަވައިފައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ދިވެހި ބަސް ދިރުވައި ދެމެހެއްޓުމަށްޓަކައި، ކުޑަކުދީންނަށް ޚާއްޞަ، ދިވެހި ކާޓޫނާއި ޑްރާމާ އަދި ތަމްސީލާއި ފިލްމު އުފެއްދުމުގެ މަސައްކަތް، މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ، މިނިސްޓްރީ އޮފް އާޓްސް އިން މިހާރު ވެސް ކުރެވިދާނެ ކަމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން ކުޑަކުދީންނާއި ފުރާވަރު ކުދީންނަށް ޚާއްޞަކޮށްގެން ވާހަކަ ފޮތް އުފެއްދުމުގެ ޤައުމީ މުބާރާތެއް ބޭއްވުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށާއި ބަހުގެ އަދަބުގެ ޢިލްމު އުނގެނޭނެ ފޮތްތައް އުފެއްދުމާއި، ރާއްޖޭގެ އެކި ބަހުރުވަތަކުގެ އަދަބީ ބަސްފޮތްތައްވެސް އެކުލަވައިލުން ވަރަށް މުހިންމު ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ދިވެހި ބަހަށް އިސްކަން ދިނުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއް ކަމަށް ފާހަގަ ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ  ވަކީން ޚާއްޞަކޮށް، ދިވެހި ބަހުން ލިޔާ ލިޔުންތައް، ބަހުގެ ޤަވާޢިދާއި ހަމަތަކާ އެއްގޮތަށް ލިޔުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"މިހާރު އެންމެ ގިނައިން ލިޔާ ބަޔަކީ ނޫސްވެރިން ކަމަށްވާތީ، ހުރިހާ ނޫސްވެރިން ވެސް، މިކަމަށް ޚާއްޞަ އިސްކަމެއް ދިނުމަށް އަޅުގަނޑު އިލްތިމާސްކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ތަރައްޤީއަކީ އިންސާނާގެ ސިކުނޑިން އުފަންކުރުވާ އެއްޗަކަށްވާއިރު، ތަރައްޤީގެ ވިސްނުން އެކަކުގެ ފަރާތުން އަނެކާއަށް ފޯރުވައިދިނުމުގެ މެދުވެރިޔަކީ، އެބަޔަކު މޮށެ އުޅޭ ބަސް ކަމަށާއި ސިކުނޑީގައި އުފެދޭ ވިސްނުންތައް، ޙަޤީޤަތަކަށް ހަދައިދިނުމުގެ އެންމެ ފުރަތަމަ މަރުޙަލާ ކަޑައްތުކުރަނީ އެބަޔަކު ލިޔެއުޅޭ އަކުރުގެ ޒަރީޢާއިން ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

"އެހެންކަމުން، އެބައެއްގެ މާދަރީ ބަހަށް ލޯބިކޮށް، އެ ބަހެއް ދިރުވައި އާލާކުރުމަކީ، ކުރިއަރައި ދިޔުމަށް އެދޭ ކޮންމެ ބަޔަކުވެސް ކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެންނަކީ ވެސް އަޅުގަނޑުމެންގެ މާދަރީ ބަހަށް ލޯބިކުރާ އަދި މާދަރީ ބަސް ކުރިއަރުވަން މަސައްކަތް ކުރާ ބައެއް ކަމުގައި ވާންޖެހޭނެ،" ރައީސް ސ÷ޯލިހް ވިދާޅުވިއެވެ.

"މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރާ އިރު، ދިވެހި ބަހުގެ ޤަދީމީ ޙަޤީޤަތަކީ ކޮބައިކަން ހޯދަންޖެހޭ. އެކަން ކުރެވޭނީ އަޅުގަނޑުމެންގެ ތަޢުލީމީ މަރުޙަލާތަކުގައި، ދިވެހި ބަހަށް އިސްކަންދީ ޤަދީމީ ދިވެހި ބަސް ދިރާސާކޮށްގެން. ޒަމާނީ ދުނިޔެއަށް ހޭނިފައިވާ ދިވެހިބަހަކަށް ބޭނުންވާ އާ ލަފްޒުތައް އަޅުގަނޑުމެންނަށް އުފެއްދޭނީ އޭރުން."

އަޅުގަނޑުމެންގެ ދިވެހި ޙަޟާރަތުގެ ޤަދީމީ އެވޭލާކަމާ މެދު ފަޚުރުވެރިވާ ފަދައިން، ދިވެހި ބަހާމެދުވެސް ފަޚުރުވެރިވާންޖެހޭނެ ކަމަށާއި މި ދިވެހި ދައުލަތް އެކި ޒަމާންތަކުން ފިރުކެމުން، މިޒަމާނާ ހަމައަށް އައީ، ދިވެހި ބަސް ކޮނޑުއަޅައިގެން ކަމަށާއި އެހެންވެ، ދިވެހި ދައުލަތުގެ މުސްކުޅިކަމާ މެދު އުފެދޭ ފަޚުރުވެރިކަމަކީ، ދިވެހިބަހާ މެދު ކުރެވޭ އުފާވެރިކަމުގެ އިޙްސާސެއް ކަމުގައިވާންޖެހޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މި އަހަރުގެ މާދަރީ ބަހުގެ ިޝިޢާރުން އެނގޭ ގޮތުގައި، އިންސާނުންނާއި ތަރައްޤީ ގުޅުވައިދޭ ފާލަމަކީ އެބައެއްގެ މާދަރީ ބަހެވެ. މުޖްތަމަޢުގެ ޞުލްޙަ މަސަލަސްކަން ދަމަހައްޓައިދީ އެބައެއްގެ މެދުގައި އެއްބައިވަންތަކަން ޤާއިމުކޮށްދެނީ ވެސް މާދަރީ ބަސް ކަމަށް ރައީސް ވިދާޅުވިއެވެ.

މި އުޞޫލުން ބަލާއިރު، ދެމެހެއްޓެނިވި ތަރައްޤީގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެކައްޗަކީ ބަހަވީ ސިންދަފާތު ކަމަށާއި ނަމަވެސް، ތަރައްޤީގެ ފަހަތުން އިންސާނުން ހޭރިޔާކުރާއިރު، ތަރައްޤީގެ މޯހިރަށް މާދަރީ ބަސް ދޫކޮށްލުމުގެ ސަބަބުން، ވަރަށް ގިނަ ބަސްބަހާއި ބަހުރުވަތައް މިހާރުވެސް ވަނީ، ނޭވާހޮޅިއަށް އެޅިފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ޔުނެސްކޯގެ އެޓްލަސް އޮފް ދަ ވޯލްޑްސް ލޭންގުއޭޖްސް އިން ޑޭންޖަރގެ އެންމެ ފަހު އިޞްދާރުގައި ބުނެފައިވާ ގޮތުން، 2465 ބަހެއް މިހާރުވެސް ވަނީ ނެތިދިޔުމުގެ ނުރައްކަލާ ކުރިމަތިވެފައި. އަދި، 230 ބަހެއް ވަނީ، 1950 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު ނެތި ގޮސްފައި،" ރައީސް ސޯލިހް ވިދާޅުވިއެވެ.

"އިންސާނުން މޮށެއުޅޭ 6000 އަށްވުރެ ގިނަ ބަސްބަހުގެ ތެރެއިން، ތަޢުލީމީ ނިޒާމާއި ޢާންމު ޚިދުމަތްތަކުގައި އަހަންމިއްޔަތުކަން ދެވެނީ، ވަރަށް މަދު ބަސްބަހަށް. އަދި ޑިޖިޓަލް ވިއުގައިގެ ތެރޭގައި ބޭނުންކުރެވެނީ 100 އަށް ވުރެވެސް މަދު ބަސް. މިއިން އެނގެނީ އެފަދަ ބަސްބަހުގެ މާއުޖާލާ ކުރިމަގެއް ނެތްކަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ބަހެއް ދެމިއޮތުމުގެ އެންމެ މުހިންމު އެއް ވަސީލަތަކީ، އެ ބަހަކުން ލިޔެކިޔުމާއި، ލިޔެކިޔާން ބޭނުންކުރާ އަމިއްލަ އަކުރު ކަމަށާއި އިރާދަކުރެއްވީތީ، އަޅުގަނޑުމެންގެ މާދަރީ ބަހަކީ، އެ ދެ ނަސީބުވެސް ލިބިފައިވާ މުއްސަނދި ރީތި ބަހެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެންކަމުން، ދިވެހީންގެ މާދަރީ ބަސް ދިރުވައި އާލާކުރުމަށް މަސައްކަތް ކުރަންޖެހޭނީ ދިވެހިން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
21 ފެބްރުއަރީ 2019 | ބުރާސްފަތި 18:17
ނެތިދިޔައީ
ކެރަގަދުކޮލުން ބޭރުވީމާ ބޭނުންނުހިފޭބަހެއް ކުރިއެރުމަކީ އަންތަރީސްހިވާވަރުގެ ކަމެއް، ތިކަހަލަކިތައް ބަސްތޯ ދުނިޔެއިން ބަލަބަ ހުއްޓާ، ގަދިމީ ހައިރޯގލިފްވެސް އެތައްހާސް އަހަރެއްވަންދެން ބޭނުންކޮށްކޮށް ހުޓާފަނާވެދިޔައީ،