ޕާކިސްތާނުގައި ބުރާސްފަތި ދުވަހު ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއާ ގުޅިގެން ހިންގި ސަލާމަތީ އޮޕަރޭޝަނުގައި 100 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލައިފައިވާ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.
ބުރާސްފަތި ދުވަހު ސޫފީ މަޒުހަބުގެ މިސްކިތަކަށް ދިން ޖާނުންފިދާވުމުގެ ހަމަލާގައި މަދުވެގެން 80 މީހުން ވަނީ މަރުވެފައެވެ. މިހާދިސާ ހިނގާފައިވަނީ ސެހްވަން ޓައުންގައެވެ.
ބުރާސްފަތި ދުވަހު ޖާނުންފިދާވެގެން ހަމަލާ ދެވުނު މިސްކިތް ހުންނަ ސިންދް ޕްރޮވިންސުން 18 ހަނގުރާމަވެރިއަކު މަރާލައިފައިވާއިރު އެހެން ސަރަހައްދުތަކުން 13 ހަނގުރާމަވެރިއަކު މަރާލައިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ސޫފީ މަޒުހަބުގެ މިސްކިތަކަށް ބުރާސްފަތި ދުވަހު ދެވުނު ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ނަގާފައެވެ. ހަމަލާގައި 80 މީހުން މަރުވުމުގެ އިތުރަށް 250 މީހުން ވަނީ ޒަޚަމްވެފައެވެ.
ޖާނުންފިދާވުމުގެ ހަމަލާ ދިނުމާއި ގުޅިގެން ބޮޑު ވަޒީރު ނަވާޒް ޝަރީފް ވަނީ މިހަމަލާ ކުއްވެރިކުރައްވާފައެވެ. އަދި ހަމަލާގެ ފަހަތުގައި ތިބި މީހުން ހޯދާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޕާކިސްތާނުން ހިންގި ސަލާމަތީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ ބޮޑު ހަމަލާއަކާއި ގުޅިގެން އާންމުކޮށް ހިންގާ ހާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން އޮޕަރޭޝަނެކެވެ.