އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮންގ އުންގެ ބޭބެ ކިމް ޖޮންގ ނަމްގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ތަހުލީލުތައް ނިންމާލައިފިއެވެ.
މެލޭޝިއާގެ ކުއާލަ ލަމްޕޫރުން ފުރަންގޮސް ހުންނަވަނިކޮށް މިދިއަ ހޯމަ ދުވަހު ނަމް އަވަހާރަކޮށްލާފައިވަނީ ހަށިގަނޑަށް ވިހަ ލައިގެންނެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ އަންހެނުންގެ ތެރެއިން އެކަކު ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރާއިރު ދެވަނަ މީހާ ވެސް މިހާރުވަނީ ހައްޔަރުކޮށްފައެވެ.
ނަމް މަރާލާފައިވަނީ އުތުރުކޮރެއާއިން ކަމަށް ފުޅާދާއިރާއެއްގައި ތުހުމަތު ކުރެވެމުން ދިޔަ ނަމަވެސް މިހާތަނަށް އެކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ
ކިމް ޗޮލްގެ ނަމުގައި އެއާޕޯޓަށް ފުރަން ގޮސްހުރީ ކިމް ޖޮންގ ނަމް ކަން މެލޭޝިއާއަށް އަދިވެސް ކަށަވަރުކޮށްދެވިފައި ނުވާއިރު ދެކުނު ކޮރެއާއިން ވަނީ އެއީ ނަމް ކަމަށް ޔަގީންވާ ކަމަށް ބުނެފައެވެ.
ލީޑަރު ކިމް ޖޮން އުން އާ ކިމްޖޮން ނަމްގެ އަވަހާރަވެފައިވާ ބައްޕާފުޅު ކިމް ޖޮން އިލްގެ އުފަންދުވަސް އެގައުމުގައި ބުރާސްފަތި ދުވަހު އަންނަނީ ފާހަގަ ކުރަމުންނެވެ.
ވެރިކަން ހިންގާ ޕާޓީގެ ބައްދަލުވުމެއްގައި ކިމް ޖޮން އުން ބުދަ ދުވަހު ބައިވެރިވެ ވަޑައިގެންފައިވާއިރު އޭނާ ފެނިފައިވަނީ ވަރަށް ސީރިއަސްކޮށް ހުންނަވަނިކޮށް ކަމަށާއި އާއްމުކޮށް ކަންކުރައްވާ އުސޫލުން ވަޑައިގަންނަވަމުން ވެސް ބަޔަކަށް އިޝާރާތެއް ކޮށްލައްވާފައި ނުވާ ކަމަށް ދެކުނުކޮރެއާގެ ޔޮނެޕް ނިއުސްއިން ރިޕޯޓްކޮށްފައި ވެއެވެ.
ސެލަންގޯގެ ފުލުހުންގެ ވެރިޔާ ވިދާޅުވީ ޕޯސްޓް މޯޓަމް ރިޕޯޓް ބުދަ ދުވަހު ހަވީރު ނިމިފައިވާ ކަމަށާއި ނަމަވެސް ރިޕޯޓް އާއްމުކުރާނެ ކަމެއް ކަށަވަރު ނުކޮށްދެވޭނެ ކަމަށެވެ.