ކަސްޓަމަރުންގެ ޑިމާންޑަށް ބަލައި އަދި ލޯނު ނެގުމުގައި ކަސްޓަމަރުންނަށް އިތުރު ފަހެލިކަމެއް ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން އަމިއްލަ ފަރުދުންނަށް އަމާޒުކޮށް ދޫކުރާ ލޯނުތަކަށް ރަނގަޅު ބަދަލުތަކެއް ގެނެސްފިއެވެ.
މި ގެނެވުނު ބަދަލާއެކު ލުއި އެކްސްޕްރެސް ލޯނުގެ ގޮތުގައި300,000 ރުފިޔާ އާ ހަމަޔަށް ލޯނު ލިބިގެންދާނެއެވެ. މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ވަނީ ކަނޑައެޅިފައެވެ. ލުއި އެކްސްޕްރެސް ލޯނަކީ އެއްވެސް ރަހުނަކާ ނުލައި ގަވައިދުން އެކައުންޓަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް ދޫކުރާ ލޯނެކެވެ. އަދި މިލޯނަށް އެދި ހުށަހަޅާއިރު ރަހުނެއް ވެސް ބޭނުމެއް ނުވެއެވެ. އަދި އަމިއްލައަށް އެއްވެސް ޚަރަދެއް ވެސް ކުރަންނުޖެހެއެވެ.
ބީއެމްއެލް އިން ވަރަށް ކުރީއްސުރެ 15,000 ރުފިޔާ އާ ހަމަޔަށް ދޫކުރާ ލުއި ލޯނު ވެސް މިވަނީ ލުއި މައިކްރޯ އަށް ބަދަލުކުރެވިފައެވެ. މިއީ ގަވައިދުން މުސާރަ ނުވަތަ އާމްދަނީ ނުލިބޭ ފަރާތްތަކަށް އަމާޒުކޮށް ދޫކުރާ ލޯނެކެވެ. މި ލޯނަށް ގެނެވުނު ބަދަލާއެކު އެއްވެސް ރަހުނަކާ ނުލައި 25,000 ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެއެވެ. މި ލޯނު ޚަލާސްކުރުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.
މީގެ އިތުރުން އާމްދަނީގެ ގޮތުގައި ކުލި ލިބޭ ފަރާތްތަކަށް އަމާޒުކޮށް ދޫކުރާ ބީއެމްއެލް ލައިފް ސްޓައިލް ލޯނަށްވެސް ވަނީ އިތުރު ފުރިހަމަކަމެއް ގެނެސްފައެވެ. މިގޮތުން އެއްވެސް ރަހުނަކާ ނުލައި 5 އަހަރުގެ މުއްދަތަކުން އަނބުރާ ދައްކާ ގޮތަށް 100,000 ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެއެވެ. ރަހުނަކާއެކު 1.5 މިލިއަން ރުފިޔާ އާ ހަމަޔަށް ބީއެމްއެލް ލައިފްސްޓައިލް ލޯން ދޫކުރެއެވެ.
ބީއެމްއެލް ކިޔަވާ ލޯނަށް އެދި ހުށަހެޅުމުގައި ދިމާވާ ދަތިތައް ފަސޭހަކުރުމުގެ ގޮތުންނާއި ދަރިވަރުންގެ ކިޔެވުމަށް ކުރާ ހޭދަ ބެލުމަށްޓަކައި ބޭންކުން ގެންދާ ޕްރޮސެސްއަށް ވެސް ވަނީ ބަދަލުގެނެސްފައެވެ.
އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ބިޒްނަސް މރ. ކުލްދީޕް ޕަލިވާލް ވިދާޅުވީ ބޭންކުގެ ޕަރސަނަލް ލޯނުތަކަށް މިގެނެވުނު ރަނގަޅު ބަދަލުތަކާއެކު ކަސްޓަމަރުންގެ އެކިއެކި އަމިއްލަ ބޭނުންތަކަށް ފައިނޭންސް ލިބިގެންދާނެ ކަމަށެވެ.
"ކަސްޓަމަރުންގެ ޑިމާންޑަށް ބަލައި އަޅުގަނޑުމެން އަބަދު ވެސް ދަނީ ކަސްޓަމަރުން ބޭނުންވާ ގޮތަށް އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް ބައްޓަންކުރަމުން. މިއަދު ބޭންކުގެ ޕަރސަނަލް ލޯނުތަކަށް މިގެނެވުނު ރަނގަޅު ބަދަލުތަކާއެކު ކަސްޓަމަރުންގެ އެކިއެކި އަމިއްލަ ބޭނުންތަކަށް ފައިނޭންސް ލިބިގެންދާނެ. ކަސްޓަމަރުންނަށް މިހާރު ބޮޑު އަދަދަކަށް އެދި ހުށަހެޅޭނެ އަދި ހަމައެޔާއެކު ލޯނު އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބިގެންދާނެވެސްމެ." މރ. ކުލްދީޕް ޕަލިވާލް ވިދާޅުވިއެވެ.
މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.