ހައިރައިޒުން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް ލިވިންގް އެކްސްޕޯ 2019 މާދަމާ ހުޅުވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުން 11 ވަނަ ދުވަހަށް، ދަރުބާރުގޭގައި ބާއްވަން ނިންމާފައިވާ މި އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުން 22 ކުންފުންޏަކުން ބައިވެރިވެފައިވާ ކަމަށް އެ ފަރާތުން ބުނެއެވެ.
ހައިރައިޒް އިން އިންތިޒާމްކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ލިވިން އެކްސްޕޯއަކީ ގޯތިގެދޮރުގެ ވިޔަފާރި ކުރާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ އެންމެ ބޮޑު އެކްސްޕޯއެކެވެ.
ގޯތިގެދޮރުގެ ވިޔަފާރި ކުރާ ކުންފުނިތަކަށް ޚާއްސަކޮށްގެން ބާއްވާ މި އެކްސްޕޯއަކީ ރާއްޖޭގައި މިގޮތަށް ބާއްވާ އެންމެ ބޮޑު އެއް އެކްސްޕޯއެވެ.
ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދާ މިއެކްސްޕޯގައި މިފަހަރުވެސް ގެދޮރުގެ ވިޔަފާރި ކުރާ ފަރާތްތަކާ ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށްވެސް ވަރަށް ފަހި ފުރުސަތު ތަކެއް ލިބިގެންދާނެ ކަމަށާއި ގެދޮރަށް ބޭނުންވާ ސާމާނުތައް ލިބެން ހުންނާނެ ތަންތަނާ، ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތާ ގެއެއް ފުރިހަމަވާނެ ހުރިހާ ގޮތެއް އެކްސްޕޯއިން ފަހިވެގެންދާނެ ހައިރައިޒުން ބުންޏެވެ.
މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސްއެވެ. އަދި ކޯ ސްޕޮންސަރުންނަކީ ރާއްޖޭގެ އަކުއާ ވިޓާ ރެސިޑެންސް އާއި ސްރީލަންކާގައި ތަރައްގީކުރާ ލަގްޒަރީ އެޕާޓްމެންޓް ޕްރޮޕަޓީ އަލްޓެއާއެވެ.
މިދިޔަ އަހަރު މޯލްޑިވްސް ލިވިންގް އެކްސްޕޯ އާޓް ގެލަރީގައި ބާއްވާފައިވާއިރު އެކްސްޕޯގައި ރާއްޖެ އާއި ރާއްޖޭ އިން ބޭރުގެ 20 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބިޑެތި އިނާމްތަކެއް ހުށަހެޅިގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މިއެކްސްޕޯގައި މި އަހަރުގެ ވަރަށް ހާއްސަ އިނާމުތަކެއް ހުށަހަޅާފައިވާ ކަމަށް ހައިރައިޒުން ވަނީ ބުނަފެވެ.
އެކްސްޕޯ ކުރިއަށްދާ ތިން ދުވަހުވެސް މެންދުރުފަހު 14:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00އަށް އާންމުންނަށް ޒިޔާރަތްކުރެވޭނެއެވެ.