މިޝަނެއްގައި 104 ސެޓެލައިޓް ލޯންޗްކޮށްގެން އެންމެ ގިނަ ސެޓަލައިޓް އެންމެ މިޝަނެއްގައި ލޯންޗް ކުރި ގައުމު ކަމުގައި އިންޑިއާ ވެގެން ހިނގައްޖެއެވެ.
މިހާތަނަށް މި ރިކޯޑު އޮތީ ރަޝިއާގެ އަތުގައި ކަމަށްވާއިރު ރަޝިއާއިން އެންމެ މިޝަނެއްގައި 2014 ވަނަ އަހަރު ލޯންޗްކޮށްފައި ވަނީ 37 ސެޓެލައިޓެވެ.
އިރުމަތީ އިންޑިއާގައި ހުންނަ ސްރިހަރިކޮޓާ ސްޕޭސް ސެންޓަރުން 104 ސެޓެލައިޓް ލޯންޗް ކުރިއިރު އޮބްޒާވަރުން ބުނާގޮތުން މިއީ އިންޑިއާއިން މަލްޓި ބިލިއަން ޑޮލަރުގެ ޖައްވީ މާކެޓުގައި ބޮޑު ރޯލެއް އަދާ ކުރަމުން ދާކަން ދޭހަވާ ކަމެކެވެ. މި މިޝަނުގެ ޕްރޮޖެކްޓް ޑައިރެކްޓާ ބީ ޖަޔަކުމާރު ރޮއިޓާސް އަށް ވިދާޅުވެފައިވަނީ މިއީ ވަރަށް ބޮޑު އުފާވެރިކަމެއް ކަމަށާއި މިހާރު އިންޑިއާ އިން ތާރިޚުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ.
ގިނަ ސެޓެލައިޓްތަކެއް ލޯންޗްކޮށް އިންޑިއާ ތާރިޚުގެ ތެރެއަށް ވަނުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އިންޑިއާގެ ސައިންސްވެރިންނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއީ އިންްޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އައިއެސްއާރްއޯ) އިން ހޯދި ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި އަދި އިންޑިއާގެ ޖައްވީ ސައިންޓިފިކް ކޮމިއުނިޓީއަށް ފަޚުރުވެރިވުން ހައްގު ވަގުތުކޮޅެއް ކަމަށެވެ. އަދި އިންޑިއާގެ ސައިންސްވެރިންނަށް ސެލިއުޓް ކުރައްވާ ކަަމަށެވެ.
އިންޑިއާގެ ސަރުކާރުން އެގައުމުގެ ޖައްވީ ޕްރޮގްރާމަށް މިއަހަރު ވަނީ ބަޖެޓް ބޮޑުކޮށްފައެވެ. އަދި އެގައުމުން ވަނީ މިޝަނެއް ވީނަސް އަށް ފޮނުވުމަށް ވިސްނަމުންދާ ކަމަށް ވެސް ބުނެފައެވެ.