ރާއްޖޭގައި ބާއްވާ އައިސީޓީ އެކްސްޕޯ އެންޑް ކޮންސިއުމަރ އިލެކްޓްރޯނިކްސް ފެއަރ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިފްތިތާހު ކޮށްދެއްވައިފިއެވެ.
ޖޫން މަހުގެ ތެރޭގައި ދަރުބާރުގޭގައި ބާއްވަން ހަމަޖެހިފައިވާ ފެއާގައި ރާއްޖޭގެ ބޮޑެތި ހުރިހާ ކުންފުނިތަކަކުން ލިބެން ހުރި އެންމެ ޒަމާނީ ވަސީލަތްތައް ދައްކާލުމާ އެކު އެ ވަސީލަތްތައް އާންމުންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ފެއާގެ ތެރެއިން އިލެކްޓްރޯނިކްސް ސާމާނު ހެޔޮ އަގެއްގައި ގަތުމުގެ ފުރުސަތު ލިބޭނެއެވެ.
މި ފެއަރގައި ރާއްޖޭގެ ކުންފުނިތަކާއި ގެސްޓްހައުސްތަކާއި ހޮޓާތަކުގެ ވެރިންގެ އިތުރުން އައިޓީ ދާއިރާގައި މަސައްކަތްކުރާ މީހުން ބައިވެރިވާ ސިންޕޯސިއަމެއް ވެސް ކުރިއަށްދާނެ ކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. އަދި މީގެ އިތުރުން ބީޓުބީ މީޓިންގތަކަށް އޮންލައިންކޮށް ރިކުއެސްޓްކޮށްގެން ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ.
މި ފެއަރ އިންތިޒާމުކުރާ ލިކަމެކް އިން ބުނެފައި ވަނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ޓެކްނޮލޮޖީ ރޯޑް ޝޯތަކެއް ބޭއްވުމެވެ. އެގޮތުން މި އަހަރު އުތުރާއި ދެކުނުގައި ދެ ރޯޑް ޝޯއެއް ބޭއްވުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މި ފެއަރއަކީ މިންސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއިން އެންޑޯސްކޮށްގެން ބާއްވާ އިވެންޓެކެވެ.