ކ. މާލެ
|
1 ފެބްރުއަރީ 2019 | ހުކުރު 10:21
ދުބާއީ އިންޓަރނޭޝަލް އެއާޕޯޓް
ދުބާއީ އިންޓަރނޭޝަލް އެއާޕޯޓް
މުހައްމަދު ޝަރުހާން
ވައިގެ ދަތުރުފަތުރު
ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓަކަށް އަނެއްކާވެސް ދުބާއީ އިންޓަރނޭޝަނަލް
2018 ވަނަ އަހަރު ދުބާއީ އިންޓަރނޭޝަލްއިން 89.15 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދީފައިވޭ

ނިމިގެންދިޔަ 2018 ވަނަ އަހަރު އެންމެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދިން އެއާޕޯޓުގެ މަޤާމު އެކުވެރި އަރަބި އިމާރާތުގެ ދުބާއީ އިންޓަރނޭޝަނަލް އެއާޕޯޓް ހޯދައިފިއެވެ.

މިއީ ދުބާއީ އިންޓަރނޭޝަނަލް އެއާޕޯޓް މި މަޤާމު ދިފާޢުކުރާ 5 ވަނަ އަހަރެވެ. 2018 ވަނަ އަހަރު ދުބާއީ އިންޓަރނޭޝަލް އެއާޕޯޓުން 89.15 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދީފައިވެއެވެ. މިއީ އެ އެއާޕޯޓުން 2018 ވަނަ އަހަރު ޚިދުމަތް ދެވޭނެ ކަމަށް ލަފާކުރި 90.3 މިލިއަން ފަސިންޖަރުންނަށްވުރެ މަދު އަދަދެއް ނަމަވެސް، މިއީ 2017 ވަނަ އަހަރު އެ އެއާޕޯޓުން ޚިދުމަތް ދިން ފަސިންޖަރުންނަށްވުރެ 1 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން ނިމިގެންދިޔަ އަހަރު އެންމެ ގިނައިން ދުބާއީ އެއާޕޯޓް ބޭނުންކޮށްފައިވަނީ އިންޑިއާ ރައްޔިތުންނެވެ. އަދި 2017 އާއި ޚިލާފަށް އިނގެރޭސި ފަސިންޖަރުން ފަހަތަށް ޖައްސާލައި، 2018 ވަނަ އަހަރު ދެވަނައަށް އެންމެ ގިނައިން ދުބާއީ އިންޓަރނޭޝަނަލް އެއާޕޯޓް ބޭނުންކޮށްފައިވަނީ ސައުދީ އަރަބިއާގެ ރައްޔިތުންނެވެ. އެއީ އިންޑިއާގެ 12.28 މިލިއަން ފަސިންޖަރުންނާއި، ސައުދީގެ 6.47 މިލިއަން ފަސިންޖަރުންނެވެ.

ފަސިންޖަރުން އިތުރުވި ނިސްބަތަށް ބަލާއިރު، 2018 ވަނަ އަހަރަށްވުރެ 2017 ވަނަ އަހަރު ދުބާއީ އިންޓަރނޭޝަނަލް އެއާޕޯޓް ބޭނުންކުރި ފަސިންޖަރުންގެ ނިސްބަތް އިތުރެވެ. އެގޮތުން 2017 ވަނަ އަހަރާއި އަޅާ ބަލައި 2018 ވަނަ އަހަރު ފަސިންޖަރުންގެ މިންވަރު އިތުރުވީ 1 އިންސައްތަ ނަމަވެސް، 2016 ވަނަ އަހަރާއި އަޅާ ބަލައި 2017 ވަނަ އަހަރު ފަސިންޖަރުންގެ މިންވަރު ވަނީ 5.5 އިންސައްތަ އިތުރުވެފައެވެ.

ލަންޑަންގެ ހީތުރޯ އެއާޕޯޓް ފަހަތަށް ޖައްސާލައި، 2014 ވަނަ އަހަރު އެންމެ ގިނަ ފަސިންޖަރުން ބޭނުންކުރި އެއާޕޯޓްގެ ދަރަޖަ ހޯދީއްސުރެ، ދުބާއީ އިންޓަރނޭޝަނަލް އެއާޕޯޓްއިން ދަނީ އެ މަޤާމު ދިފާޢުކުރަމުންނެވެ. ދުބާއީ އިންޓަރނޭޝަނަލް އެއާޕޯޓަކީ، ދުބާއީއިން ހިންގާ އެމިރޭޓްސް އެއާލައިންސް އާއި އެ ކުންފުނީގެ ބަޖެޓް އެއާލައިން، ފްލައިދުބާއީގެ މައި އެއާޕޯޓެވެ.

- ކޮމެންޓް