ދިވެހިރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމުގެ ގޮތުން، އިންޝުއަރެންސާ ބެހޭ ގާނޫނެއް ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވައިފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ނަސީރު ވިދާޅުވެއްޖެއެވެ.
އެލައިޑް އިންޝުއަރެންސްގެ 34 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހަފުލާ ޝަރަފުވެރި ކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ނަސީރު ވިދާޅުވީ އިންޝުއަރެންސް ކުންފުނިތަކުގެ މާލީ ހާލަތު ދެނެގަތުމަށް ސޯލްވެންސީ ރެގިއުލޭޝަނެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަން ހާމަކުރެއްވިއެވެ. އަދި އައިއެމްއެފްގެ އެހީއާ އެކު ކޯޕަރޭޓް ގަވަނަންސްގެ ރެގިއުލޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތާއި، އެމްއެމްއޭ އަށް އިންޝުއަރެންސް އެޑްވައިޒަރީ ކައުންސިލެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ނަސީރު ވިދާޅުވިއެވެ.
"މާލީ އިދާރާތަކުގެ ކޯޕަރޭޓް ގަވަނަންސް ހަރުދަނާ ކުރުމަށް ކޯޕަރޭޓް ގަވަނަންސް ރެގިއުލޭޝަންގެ މަސައްކަތް އަޅުގަނޑުމެން މި ވަނީ ފަށާފައި. އަދި އައިއެމްއެފްގެ އެހީގައި ކޯޕަރޭޓް ގަވަނަަންސް ރެގިއުލޭޝަނެއް ހެދޭނެ. އަދި އިންޝުއަރެންސްއާ ގުޅުން ހުރި އެއްމެހާ ކަމެއްގައި އެމްއެމްއޭ އަށް ލަފާދިނުމަށް އިންޝުއަރެންސް އެޑްވައިޒަރީ ކައުންސިލެއް އުފެއްދުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރަމުން މިގެންދަނީ،" ނަސީރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ނަސީރު ވިދާޅުވީ މިހާރު ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް ފަސް ކުންފުންޏަކަށް ހުއްދަ ދެވިފައިވާ އިރު، އެ ކުންފުނިތަކުގެ އެސެޓްސްގެ އަދަދު 1.3 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި އިންޝުއަރެންސް ކުންފުނިތަކުގެ ފައިދާ ކުރީ އަހަރާ އަޅާ ބަލާ އިރު 92 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ވެސް ނަސީރު ވިދާޅުވިއެވެ.
މީގެ އިތުރުން ނަސީރު ވަނީ ދިވެހިންގެ ތެރޭގައި ރައްކާކުރުމުގެ ސަގާފަތް އަށަގަންނަވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ނަސީރު ވިދާޅުވީ ދިވެހިންގެ ތެރޭގައި އިންޝުއަރެންސްގެ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ދިވެހި މުޖުތަމައުއަށް ބައްޓަން ކުރެވިގެން ހާއްސަ އިންޝުއަރެންސް ޕެކޭޖްތަކެއް ތައާރަފު ކުރަން ޖެހޭ ކަމަށެވެ.