ޕާސަނަލް ކޮމްޕިއުޓާސް އިން ހެޔޮ އަގުތަކާ އެކު ދިވެހި މަސްވެރިންގެ ޖަމިއްޔާގެ މެމްބަރުންނަށް ޙާއްސަ ޑިސްކައުންޓް ސްކީމެއް ތަޢާރަފްކޮށްފިއެވެ.
ޕާސަނަލް ކޮމްޕިއުޓާސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ސްކީމް ތަޢާރަފްކުރަމުން ޕާސަނަލް ކޮމްޕިއުޓާސްގެ ޑައިރެކްޓަރ ސޭލްސް އެންޑް މާރކެޓިން އަލީ ރިޔާޒް ވިދާޅުވީ މި ސްކީމް ތަޢާރަފްކުރީ ހާއްސަކޮށް މަސްވެރިންނަށް ކަމަށާއި ސަބަބަކީ އައިޓީގެ ސާމާނަކީ ހުރިހާ ފަރާތްތަކަށް ވެސް އަހުލުވެރި ޕްރޮޑަކްޓަކަށް ހަދައި، ހެޔޮ އަގެއްގައި މިތަކެތި ފޯރުކޮށްދިނުން ކަމަށެވެ.
މިސްކީމުގެ ދަށުން ޑިސްކައުންޓް ސްޓަރްކަޗަރ އޮންނަ ގޮތުން އެކި ޕްރޮޑަކްޓްސްތަކުގައި ޑިސްކައުންޓް ލިބޭ މިންވަރު ތަފާތުވާނެ ކަމަށާއި އެގޮތުން މަސްވެރިންގެ ޖަމިއްޔާގެ މެމްބަރަކަށް ވުމުން ކޮންމެ ޕްރޮޑަކްޓަކުން ވެސް މެކްސިމަމް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
މި ސްކީމާ ގުޅޭ ގޮތުން ދިވެހި މަސްވެރިންގެ ޖަމިއްޔާގެ ރައީސް އަޙްމަދު ޝާފިއު ވިދާޅުވީ މިއީ ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަސްވެރިންނަށް ހާއްސަކޮށްގެން ތަޢާރަފްކުރި ސްކީމެއް ކަމަށާއި ރާއްޖޭގައި ގާތް ގަނޑަކަށް ކަޅުބިލަމަހުގެ މަސްވެރިކަންކުރާ 10،000 ވަރަކަށް މަސްވެރިން ހަރަކާތްތެރިވާއިރު، މި ސްކީމުގެ ދަށުން އެ ފަރާތްތަކުގެ އާއިލާގެ ކޮންމެ މެމްބަރަކަށް ވެސް ޕާސަނަލް ކޮމްޕިއުޓާސް އިން ވިއްކާ ކޮންމެ ޕްރޮޑަކްޓަކުން ވެސް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
ޝާފިއު ވިދާޅުވީ މިއީ ވަކިން ހާއްސަކޮށް މަސްވެރިންނާއި އަދި ޖަމިއްޔާގެ މެމްބަރުންނަށް ތަޢާރަފްކުރި ސްކީމަކަށްވާއިރު، ޕާސަނަލް ކޮމްޕިއުޓާސް އިން ޑިސްކައުންޓް ލިބޭނީ އެޖަމިއްޔާގެ މެމްބަރަކަށް ވެގެން ކަމަށެވެ.
އެގޮތުން ޖަމިއްޔާގެ މެމްބަރަކަށް ވުމަށް މޯލްޑިވްޓޫނާ ވެބްސައިޓް މެދުވެރިކޮށް ކޮންމެ ފަރާތަކަށް ވެސް އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށް ފަހު މެމްބަރަކަށް ވެވިދާނެ ކަމަށް ޝާފިއު ވިދާޅުވިއެވެ.
މިކަހަލަ ސްކީމް ތަޢާރަފް ކުރުމުން މަސްވެރިންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ކްރެޑިޓް ސްކީމްތައް ވެސް ތަޢާރަފްކުރެވިދާނެ ކަމުގެ އުއްމީދު އޮތްއިރު، އެހެނިހެން ދާއިރާތަކުން އިތުރު ސްކީމްތައް ތަޢާރަފްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝާފިއު ވިދާޅުވިއެވެ.
ޖެނުއަރީ 1، 2019 ވަނަ ދުވަހު އަލުން ރީބްރޭންޑް ކުރުމަށް ފަހު ދިވެހި މަސްވެރިންގެ ޖަމިއްޔާ ރަޖިސްޓްރީވެގެން އައި އިރު މަސްވެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ވެސް ޝާފިއު ވިދާޅުވިއެވެ.