ހދ.މަކުނުދޫ ފަޅުތެރެއިން ހަރުފައެއް ފެނިއްޖެއެވެ.
އެކަމާގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން މަކުނުދޫ ކައުންސިލުގެ މެމްބަރު ހުސައިން ސާމީ ވިިދާޅުވީ، އެއީ ނުރައްކާތެރި ފެން ހަރުފައިގެ ބާވަތެއް ކަމަށް ބެލެވޭ ކަމަށެވެ. އެ ހަރުފަ ފެނިފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި އެރަށު ފަޅުތެރެއިން މަސްބާނަން އުޅުނު ބަޔަކަށެވެ.
އެ ހަރުފައިގެ ސަބަބުން މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި، އޭގެ ދިގު މިނުގައި ގާތްގަނޑަކަށް 2 ފޫޓު ހުންނާނެ ކަމަށް ސާމީ ވިދާޅުވިއެވެ.
ކޯރުތަކުގައި އުޅޭ ވިހަގަދަ ހަރުފައެއްގެ ބާވަތެއް ކަމަށް ބެލެވޭ އެ ހަރުފައާ ހަވާލުވުމަށް މަކުނުދޫ ފުލުހުން އައުމަށް ހަމަޖެހިފައިވާ ކަމަށާއި، ހަރުފަ މިހާރު އޮތީ މަސްބާނަން ގޮސް އުޅުމުގެ ތެރޭގައި ހަރުފަ ނެގި މީހުންގެ ބެލުމުގެ ދަށުގައި ކަމަށް ސާމީ ވިދާޅުވިއެވެ.