ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖިމްގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެންމެ ފުރަތަމަ ހުޅުވި ފިޓް ޒޯނުން "ފްރީ ވީކް" ފަށައިފިއެވެ.
ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ފިޓްޒޯންގެ މެނޭޖިން ޕާޓްނަރ އަހްމަދު ރިޔާޒް ވިދާޅުވީ އެގޮތަށް އާންމުންނަށް ހިލޭ ބައިވެރިވެވޭ ގޮތަށް ހުޅުވާލީ ޕްރޮގްރާމްތަކަށް އައިސް ތަޖްރިބާކޮށްލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.
އެގޮތުން ޖެނުއަރީ 28 އިން ފެށިގެން ފެބްރުއަރީ 3 ވަނަ ދުވަހުގެ ނިޔަލަށް ފިޓުޒޯންއިން ކުރިއަށްގެންދާ ސްޓީލް ޕްރޮގްރާމާއި ޒުމްބާގައި ހިލޭ ބައިވެރިވެވޭނެ ކަމަށެވެ.
ޒުންބާ ކްލާސްތައް ކޮންމެ ރެޔަކު 8:30 އިން 9:30 އަށް ކުރިއަށްދާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
އަދި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ކްލާސްތައް ހިންގަމުން ގެންދާއިރު، ސްޓީލް ކޮމްބެޓް، ސްޓީލް ޓޮނިކް، ސްޓީލް ޓްރެއިނިން ޕްރޮގްރާމް ހެނދުނާއި ރޭގަނޑުގެ އެކި ގަޑިތަކުގައި ކުރިއަށްގެންދާނެ ކަމަށާއި މިހާރު ވެސް ގިނަ ބައެއްގެ ތަރުހީބު މިކަމަށް ލިބެމުންދާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
އެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ފިޓް ޒޯންގެ ސެޓިފައިޓް އިންސްޓްރަކްޓަރުން ތިބޭނެއެވެ.
މީގެ އިތުރުން މިހާރުވެސް ފިޓްޒޯންއިން ދަނީ ފިޓްމިކްސް ކްލާސްތައް ހިލޭ ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދަމުންނެވެ.
ރިޔާޒް ވިދާޅުވީ މި ޕްރޮގްރާމެއް ތަޢާރަފްކުރީ ބިޒީ ޝެޑިއުލްގައި މަސައްކަތްކުރާ ފަރާތްތަކަށް، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރު އެޅުމަށް ކަމަށާއި އަދި ފޯރުންތެރިކަން ނެތް ފަރާތްތަކަށް ވެސް ޓްރެއިނަރަކާ އެކީ ޖިމްގައި ކަސްރަތުކޮށްލުމުގެ ފުރުޞަތު ލިބިގެންދާ ގޮތަށް ކަމުން މި ޕްރޮގްރާމަށް ގިނަ ބައެއްގެ ތަރުހީބެއް ލިބެމުންދާ ކަމަށެވެ.
ފިޓްމިކްސްއަކީ ފިޓްޒޯންގެ އަމިއްލަ އުފެއްދުމެއް ކަމަށާއި މިއީ ހިކެން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ ދުވަހުގެ އިރު އޮއްސި 6:30 އިން 7:30 އަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހަފްތާގެ ކޮންމެ ދުވަހަކު ވެސް ހުޅުވާލާފައިވާ ކަމަށާއި އެގޮތުން ފިޓްޒޯން ހޮޓްލައިން ނަންބަރ 3352030 ނުވަތަ ވައިބަރ ނަންބަރ 7613079 އަށް މެސެޖްކޮށްގެން ވެސް ބައިވެރިވެވޭނެއެވެ.