Advertisement
ކ. މާލެ
|
24 ޖެނުއަރީ 2019 | ބުރާސްފަތި 19:35
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް
ރައީސް އޮފީސް
އެއަރޕޯޓް ޓަރމިނަލްގެ މަސައްކަތް
އެއަރޕޯޓް ޓަރމިނަލްގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެއްވެސް ޕްލޭނެއް ނެތި: ރައީސް ސޯލިހް
ޓަރމިނަލްގައި ކޮލަމްތައް ޖަހައި ނިމުނުއިރު ޓަރމިނަލްގައި ޕްލޭނެއް ނުވަތަ ކުރެހުމެއް ނެތް
އެތަނުގެ މުޅި ޑިޒައިން ވެސް ނެތް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޓަރމިނަލްގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެއްވެސް ޕްލޭނެއް ނެތި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކުގެ މަޝްރޫއުތައް ނުފެށި ވަނީ ބަޖެޓް ނެތިގެން ނޫން ކަމަށާއި ކުރިން ހިންގާފައިވާ މަޝްރޫއުތައް އެއްވެސް ޕްލޭނެއް ނެތި ކުރިއަށް ގެންގޮސްފައިވުމުން އެކަންތައްތައް ބަލާ، ރަނގަޅު ކުރަން ޖެހޭތީ ކަމަށެވެ.

އެގޮތުން އެއަރޕޯޓްގެ ރަންވޭގެ ޕްރޮޖެކްޓް ނިމިފައިވާއިރު ޓަރމިނަލްގައި ކޮލަމްތައް ޖަހައި ނިމުނުއިރު ޓަރމިނަލްގެ ޕްލޭނެއް ނުވަތަ ކުރެހުމެއް ވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެތަނުގެ މުޅި ޑިޒައިން ވެސް ނެތް ކަމަށާއި އެހެންކަމުން އެތާނގެ މަސައްކަތް އަލުން ކުރަން ޖެހޭ ކަމަށެވެ.

މީގެ ކުރިން އަޑުއިވެމުން ދިޔައީ ހަތް މިލިއަން ފަސިންޖަރުންނަށް އަމާޒުކޮށްގެން އެއަރޕޯޓް ތަރައްޤީ ކުރާ ވާހަކަ ކަމަށާއި އެހެންނަމަވެސް އޭގެ ތަފްސީލަށް ބަލާއިރު އެތަން ތައްޔާރުކުރަން ޕްލޭން ކުރެވިފައި ވަނީ ހަތް މިލިއަން މީހުންގެ އެރައިވަލްއަކަށް ނޫން ކަމަށެވެ.

"މިއަދު ތަފްސީލަށް ގޮސް ބަލާއިރު އެ ދައްކާ ވާހަކަ އަކީ 3.7 މިލިއަން ފަސިންޖަރުން އައިސް ފުރުމަށް ޕްލޭން ކުރެވިފައިވާކަން، 7 މިލިއަން މީހުންގެ އެރައިވަލްއަކަށް ނޫން އެތަން ތައްޔާރުކޮށްފައި އޮތީ، އޭގެ މާނަ އަކީ ކުރިއަތް އޮތް ފަސް އަހަރުގެ ދުވަހުގެ ތެރޭގައި އެތަން ފުރޭނެ އަނެއްކާވެސް. އެކަހަލަ އެތައް އެތައް ކަމެއް. އެއަރޕޯޓަކީ ހަމައެކަނި ފްލައިޓް ޖައްސާ ފުރާތަނެއް ނޫން ދެއްތޯ؟ އެއީ ވަކިން މާކެޓް ކުރާ ތަނެއް، ވިއްކާ ތަނެއް. އެކަހަލަ އެއްވެސް ޕްލޭނެއް އެތާނގެ ތެރެއަކު ނެތް" ރައީސް ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓްގެ އާ ރަންވޭ އަށް ޓެސްޓް ފްލައި ޖައްސާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އާ ރަންވޭ ހަދާފައި ވަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ބީޔޫސީޖީއާއި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް