Advertisement
ކ. މާލެ
|
24 ޖެނުއަރީ 2019 | ބުރާސްފަތި 16:42
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް
ރާއްޖެ އެމްވީ
ޕީއެސްއައިޕީ މަޝްރޫއުތައް
ޕީއެސްއައިޕީގެ މަޝްރޫއުތައް އަންނަ ހަފްތާގައި އިއުލާންކުރާނެ: ރައީސް ސޯލިހް
ޕީއެސްއައިޕީގެ ހުރިހާ މަޝްރޫއެއްގެ ލިޔެކިޔުންތައް ވަނީ ނިމިފައި
ސަރުކާރުގެ ހުރިހާ ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް ބާރު ސްޕީޑްގައި ފެށިގެންދާނެ

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތައް އަންނަ ހަފްތާގައި އިއުލާންކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި އަހަރުގެ ޕީއެސްއައިޕީ މަޝްރޫއުތައް ފެށުން ލަސްވަނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ މަޝްރޫއުތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށާއި ހުރިހާ މަޝްރޫއެއްގެ ލިޔެކިޔުންތައް ނިމި އެކަމުގެ ސްޓަޑީތައް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.

"ޕީއެސްއައިޕީ މަޝްރޫއުގެ ގާތްގަނޑަކަށް ހުރިހާ މަޝްރޫއަކާ ބެހޭ ލިޔެކިޔުންތައް ނިންމާ، ސްޓަޑީ ހަދާ ނިމިފައިވަނީ. އަންނަ ހަފްތާގެ ތެރޭގައި ޕީއެސްއައިޕީގައި ހިމެނޭ ވޯޓަރ އެންޑް ސްވަރޭޖް އާއި މަގުހެދުމާއި ބެހޭ ހުރިހާ މަޝްރޫއެއް ބިޑަށް ހުޅުވާލެވޭނެ، އެއާއެކު ސަރުކާރުގެ ހުރިހާ ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް ބާރު ސްޕީޑްގައި ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ.  

2019 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޕީއެސްއައިޕީ މަޝްރުއޫތައް ހިންގުމަށް ބަޖެޓުގައި ހިމަނާފައި ވަނީ 11،235.9 މިލިއަން ރުފިޔާއެވެ.

ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ތެރޭގައި ސިއްހީ އަދި އިޖުތިމާއީ ހިދުމަތްދޭ ތަންތަން ތަރައްޤީކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ބިން ހިއްކުމާއި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން ހިމެނެއެވެ. މީގެ އިތުރުން ތައުލީމާއި ގުޅޭ ވަސީލަތްތައް ތަރައްޤީ ކުރުމާއި ލަފާފުރުމުގެ ދަތިކަން ވެސް ހައްލުކުރުން ހިމެނެއެވެ.

ރާއްޖޭގައި މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވައުދަކަށްވާއިރު ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް އިއުލާނު ނުކުރެވި އަދި މިދިޔަ ސަރުކާރުން ތަރައްގީކުރަމުން ދިޔަ 7،000 ފްލެޓްގެ މަސައްކަތް ވެސް އަހަރެއްހާ ދުވަހަށް ލަސްވެގެން ދާނެ ކަމަށް ސަރުކާރުން ބުނެފައި ވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް