ރަޝިއާއެކު އޮތް ގުޅުންތަކެއްގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކަލް ފްލިން އިސްތިއުފާ ދެއްވައިފި ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމާ ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން އެމެރިކާއިން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅިއިރު އެ މައްސަލައިގައި މަޝްވަރާ ކުރެއްވިކަމުގެ ތުހުމަތު ފްލިންގެ މައްޗަށް ވަނީ ކުރެވިފައެވެ.
ބުނެވޭ ގޮތުގައި އެ މަޝްވަރާތަކާ ބެހޭ ގޮތުން އޭނާ ވަނީ އޮފިޝަލުންނަށް އޮޅުވާލައްވާފައެވެ.
މިދިޔަ މަހުގެ ފަހުކޮޅު ހިނގައިދިޔަ ގުޅުންތަކާ ބެހޭ ގޮތުން ޖަސްޓިސް ޑިޕާޓްމަންޓުން ވައިޓް ހައުސްއަށް އިންޒާރު ދީފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައި ވެއެވެ.
އެ ޑިޕާޓްމަންޓުން ބުނެފައިވަނީ ފްލިން މެދުވެރިކޮށް ރަޝިއާއިން ބްލެކް މެއިލް ކުރުމުގެ ނުރައްކާ ބޮޑު ކަމަށެވެ
ޑިމޮކްރެޓިކް ޕާޓީގެ އިސް ބޭފުޅުންވަނީ ފްލިން ވަކިކުރުމަށް ގޮވާލާފައެވެ.
އެމެރިކާގެ ޚާރިޖީ ގުޅުންތަކާ ބެހޭ ގޮތުން އެހެން ގައުމުތަކާ އަމިއްލަ ފަރުދުން މަޝްވަރާ ކުރުމަކީ މަނާ ކަމެކެވެ.
ރަޝިއާގެ އެމްބަސެޑަރާ ފްލިން ފޯނުން ގުޅުއްވައިގެން މަޝްވަރާ ކުރައްވާފައިވަނީ ސަރުކާރުގެ މަގާމަށް އޭނާ އައްޔަން ކުރުމުގެ ކުރިން މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.
އިސްތިއުފާގެ ސިޓީގައި ފްލިން ވިދާޅުވެފައި ވަނީ ނައިބު ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެން ހުންނެވި މައިކް ޕެންސްއަށް އެ މައުލޫމާތު އެރުވުނީ ބޭއިޚްތިޔާރުގައި ކަމަށެވެ. އަދި އެ މައުލޫމާތު އެރުވުނީ ފުރިހަމައަށް ނޫން ކަމަށެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމަށް ވަގުތީ ގޮތުން ޖެން ޖޯސެފް ކެއިތު ކެލޮގް އައްޔަން ކުރައްވާފައި ވާކަމަށެވެ.
އަސްކަރިއްޔާގެ ކުރީގެ ލެފްޓިނެންޓް ޖެނެރަލެއް ކަމަށްވާ ފްލިން ފުރަތަމަ ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން އެމްބަސެޑަރާ މަޝްވަރާކުރެއްވި ކަމަށް ބުނާ ވާހަކަ ދޮގުކުރައްވާފައެވެ. އަދި ނައިބު ރައީސް މައިކް ޕެންސް ވެސް ވަނީ ފްލިންގެ މައްޗަށް ކުރެވުނު ތުހުމަތު ދިފާއުކުރައްވައި ޢާއްމުންނާ މުޚާތަބު ކުރައްވައި ވާހަކަދައްކަވާފައެވެ.
ނަމަވެސް ފްލިން ފަހުން ވިދާޅުވެފައިވަނީ އެ ދެބޭފުޅުންނަށް އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެވިފައި ވެދާނެ ކަމަށެވެ.