ބައިނަލްއަގްވާމީ ޑްރަގް ޓްރެފިކިންގގައި ބައިވެރިވާ ކަމަށް ތުހުމަތުކޮށް އެމެރިކާއިން ވެނެޒުއޭލާގެ އާ ނައިބު ރައީސްއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
މި އަމުރާ އެކު ޓަރެކް އެލް-އައިސާމީ ވަނީ އެމެރިކާގެ މަސްތުވާތަކެތީގެ ބޮޑުންގެ ލިސްޓުގައި ހިމަނާފައެވެ.
މީގެ އިތުރުން މުއްސަނދި ވިޔަފާރިވެރިއެއް ކަމަށްވާ ސަމާކް ބެއްލޯއަށް ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރަނީ އައިސާމީއަށް ވިޔަފާރި ކޮށްދޭ ކަމުގެ ތުހުމަތެވެ.
ރައީސް ނިކޮލަސް މަޑޫރޯ ނައިބު ރައީސް ކަމަށް އައިސާމީ އައްޔަން ކުރައްވާފައި ވަނީ މިދިއަ މަހުއެވެ.
ބެއްލޯއާ މެދު ކުރެވޭ ތުހުމަތަށް މިހާތަނަށް އޭނާ އެއްޗެއް ބުނެފައި ނުވާއިރު އައިސާމީ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފައެވެ.
ނައިބު ރައީސްގެ މައްޗަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އެމެރިކާގައިވާ އޭނާގެ މުދާ ހިފަހައްޓައި އެގައުމަށް އޭނާ ވަނުން ވަނީ މަނާކުރެވިފައެވެ.
އެމެރިކާގެ ޓްރެޒަރީން ނެރެފައިވާ ބަޔާނެއްގައި ބުނީ ވެނެޒުއޭލާއިން ވައިގެ މަގުންނާއި ކަނޑުމަގުން އެމެރިކާއަށް ފޮނުވާ މަސްތުވާތަކެތި ފޮނުވުމުގެ އިންތިޒާމްތައް ހަމަޖައްސައިދެނީ އައިސާމީ ކަމަށެވެ.