Advertisement
ކ. މާލެ
|
22 ޖެނުއަރީ 2019 | އަންގާރަ 18:42
ހޯމް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ހޯމް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
މަދަނީ ޖަމިއްޔާތަކުގެ ފެއަރ
ޖަމިއްޔާތަކަށް މިހާތަނަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދީފައެއް ނުވޭ: ހޯމް މިނިސްޓަރު
މަދަނީ ޖަމިއްޔާތައް ބާރުވެރި ކުރުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތު
ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ވެގެންދާނީ ޖަމިއްޔާތައް ބާރުވެރި ކުރުވައިގެން

ޖަމިއްޔާތަކުން މިހާތަނަށް ކުރަމުން އައި މަސައްކަތްތަކަށް ބަލާއިރު އެ ޖަމިއްޔާތަކަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދީފައިނުވާ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މަދަނީ ޖަމިއްޔާތައް ބާރުވެރި ކުރުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތު ކަމަށާއި ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ވެގެންދާނީ ޖަމިއްޔާތައް ބާރުވެރި ކުރުވައިގެން ކަމަށެވެ.

"ވޭތުވެދިޔަ ދުވަސްތަކުގައި މަދަނީ މުއައްސަސާތަކުން ޖަމިއްޔާތަކުން، ޖަމާއަތްތަކުން ކޮށްފައިވާ ބުރަ މިންނެތް މަސައްކަތަށް ބަލާއިރު އެ ފަރާތްތަކަށް އެކަށީގެންވާ މިންވަރަށް އެހީތެރިވެ އެއްބާރުލުން ދީފައިނުވާ ކަމީ ޤަބޫލުކުރަން ޖެހިފައި އޮތް ހަޤީޤަތެއް. ﷲ އިރާދުކުރެއްވިއްޔާ ރައީސް ސޯލިހްގެ ސަރުކާރުން އަޅުގަނޑުމެން އެ ހަޤީޤަތް ބަދަލުކުރާނަން. ޖަމިއްޔާ ޖަމާއަތްތަކާއި ގުޅޭ މަދަނީ މަސައްކަތްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނީ އެ މުއައްސަސާތަކާއެކު މަޝްވަރާކޮށްގެން އެކުވެރި މާހައުލެއްގައި" އިމްރާން ވިދާޅުވިއެވެ.   

ފޯރަމްގެ މައިގަނޑު ތިން މަޤްސަދަކީ މަދަނީ ޖަމިއްޔާތައް ހިންގުން ހަރުދަނާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމިއްޔާތަކުގެ މަސައްކަތް ފޯކަސް ކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން ޖަމިއްޔާތައް ހިންގުމަށްޓަކައި މާލީ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމަށް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ މުޖުތަމައުގައި ވަރަށް ބޮޑު ދައުރެއް ޖަމިއްޔާތަކުން އަދާކުރާ ކަމަށާއި އެފަރާތްތަކަށް އިތުރު އެހީތެރިކަމެއް ފޯރުކޮށް ދެއްވިއްޖެކަމުގައިވާ ނަމަ އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށެވެ.

"މުޖުތަމައުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ބައެއް ޖަމިއްޔާތަކަކީ، ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެދޭ ބައެއް. މިބޭފުޅުންނާއި ގުޅިގެން ވަރަށް ގާތްކޮށް އެކުވެރިކޮށް މަސައްކަތް ކުރަން އަޅުގަނޑު މިހިރީ ތައްޔާރަށް" މަހްލޫފް ވިދާޅުވިއެވެ.

މި ފޯރަމް ހަވެލި ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ގޮސް 18 ވަނަ ދުވަހަށް ދަރުބާރުގޭގައެވެ. ފެއަރގެ އެއް ދުވަސް ހާއްސަކުރެވިފައި ވަނީ ބޮޑެތި ވިޔަފާރީތައް ތަމްސީލުކުރާ ފަރާތްތަކަށެވެ. އަދި އަނެއް ދެ ދުވަސް ހާއްސަކުރެވިފައި ވަނީ ސުކޫލްތަކާއި ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ދަރިވަރުންނަށެވެ.

ހޯމް މިނިސްޓްރީން އިތުރަށް ބުނީ ފެއަރގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށާއި ފެއަރގައި ބައިވެރިވާ ޖަމިއްޔާތަކަށް، އެ ޖަމިއްޔާގެ މަސައްކަތާއި ގުޅޭގޮތުން 3 މިނެޓްގެ ޕްރެޒެންޓޭޝަނެއް ހުށަހެޅުމުގެ ފުރުސަތު ފެއަރގެ ތެރެއިން ލިބިގެންދާނެ ކަމަށެވެ. އަދި ބައިވެރިވާ ޖަމިއްޔާތަކުގެ ސްޓޯލްތައް ހުންނާނީ ކެޓަގަރައިޒް ކުރެވިފައި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މަދަނީ ޖަމިއްޔާތަކުގެ މަސައްކަތް އާންމުންނަށް ހިއްސާކޮށް، އާ މެންބަރުން ހޯދާ ކުންފުނިތަކަށް ދައުވަތުދީގެން އެއްތަނަކުން ޖަމިއްޔާތަކުގެ އެކި މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި މަދަނީ ޖަމިއްޔާތަކުގެ ފެއަރ އެއް ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިހާތަނަށް ފެއަރގައި ބައިވެރިވުމަށްޓަކައި 5 ޖަމިއްޔާއަކުން ރަޖިސްޓްރީކޮށްފައި ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް