Advertisement
ކ. މާލެ
|
22 ޖެނުއަރީ 2019 | އަންގާރަ 16:48
ރައުޝަން ޖިއާންގެ އާއިލާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރައުޝަން ޖިއާންގެ އާއިލާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
ރައުޝަން ޖިއާން
ރާއްޖެއިން ފުރިހަމަ އެހީތެރިކަން ދިން، އިންތިޒާރު ކުރަނީ ތަހުޤީޤު ނިމޭނެ އިރަކަށް: ޖިއާން މަންމަ
ރާއްޖޭގެ ރައްޔިތުންނާ ސަރުކާރަށް ޝުކުރުއަދާކޮށްފައިވޭ

ރާއްޖެއިން ފުރިހަމައަށް އެހީތެރިކަން ދިން ކަމަށާއި، މިހާރު އިންތިޒާރު ކުރަނީ ތަހުޤީޤުތައް ނިމޭނެ އިރަކަށް ކަމަށް ރައުޝަން ޖިއާންގެ މަންމަ ފަރްޒާނާ ހުސައިން ބުނެފިއެވެ. 

އަންގާރަ ދުވަހު އުނިމާ ގްރޭންޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަރްޒާނާ ބުނީ، އެ އާއިލާއަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ރާއްޖެއިން ފުރިިހަމަ އެހީތެރިކަން ދިން ކަމަށާއި، އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ. 

"ރާއްޖެއިން އަބަދުވެސް ކަންތައް ކޮށްދިނީ ރަނގަޅަށް. އަބަދުވެސް އަހަރުމެންނަށް ވެދިނީ އެހީތެރިކަން. ރާއްޖޭގެ ރައްޔިތުންވެސް، ހުރިހާ އެންމެންވެސް ދިން ލޯތްބާ އަޅާލުމަށް ހަމައެކަނި ޝުކުރަކުން ނުފުދޭ،" ފަރްޒާނާ ބުނިއެވެ. 

އެ ބައްދަލުވުމުގައި ޤާނޫނީ ވަކީލު އިބްރާހިމް ހާފިޒާއި، ފައްޔާޒު ޝާތިރު ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ފަރްޒާނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ގިނަ ފަރާތްތަކަކަށް ޝުކުރު އަދާކޮށްފައެވެ. 

"ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމާއި، ނައިބު ރައީސް ފައިސަލް ނަސީމް އާއި، މާލޭ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ މުހައްމަދާއި، ފުލުހުންނާއި، ހެލްތު މިނިސްޓަރ އަމީނާއި، އައިޖީއެމްއެޗްގެ ސްޓާފުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި ހެއުކަމަށް ޚާއްސަކޮށް ޝުކުރުވެރިވަން،" ފަރްޒާނާ ބުނެފައި ވެއެވެ. 

ބުދަ ދުވަހު ފ.އަތޮޅު ހޮސްޕިޓަލު ވަޒީފާއަށް އަލުން ނުކުންނަ ފަރްޒާނާ ބުނީ، ތަހުޤީޤުތައް ވަކި ގޮތަކަށް ނިމެންދެން ރާއްޖޭގައި މަޑުކުރަން ނިންމާފައިވާ ކަމަށެވެ. 

ރައުޝަން ޖިއާންގެ އާއިލާ -- ފޮޓޯ: އާއިލާ

މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައުޝަން ޖިއާން މަރުވެފައިވަނީ ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތް ކުރަމުން ދިޔަ ތަނަކުން ވެއްޓުނު ސިމެންތި ގޯންޏަކުން ޖެހިގެންނެވެ. އެ ހާދިސާއާ ގުޅިގެން ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި ހުރި ކަންކަން ރަނގަޅުވެގެން ދިއުމަކީ އެ އާއިލާގެ އެންމެ ބޮޑު އުއްމީދު ކަމަށް ފަރްޒާނާ ބުނެފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް