Advertisement
ކ. މާލެ
|
22 ޖެނުއަރީ 2019 | އަންގާރަ 12:19
އިޤުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު ހަސަން މުޤްނީ އާއި ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ލަތީފް އިޤުރާރުގައި ސޮއިކުރައްވަނީ
އިޤުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު ހަސަން މުޤްނީ އާއި ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ލަތީފް އިޤުރާރުގައި ސޮއިކުރައްވަނީ
ރާއްޖެއެމްވީ
ކޮރަޕްޝަނާއި ހިޔާނަތް ހުއްޓުވުން
ކޮރަޕްޝަނާއި ހިޔާނަތް ހުއްޓުވުމަށް ސްޓެލްކޯގެ މުވައްޒަފުން އިޤުރާރެއްގައި ސޮއިކޮށްފި
1000 މުވައްޒަފުން އިޤުރާރުގައި ސޮއިކޮށްފައިވޭ
ހަސަން މުޤްނީ ވިދާޅުވީ އެ ކުންފުނީގައި ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮރަލެންސް ކަމަށް

ކޮރަޕްޝަނާއި ހިޔާނަތް ހުއްޓުވުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މުވައްޒަފުން އިޤުރާރެއްގައި ސޮއިކޮށްފިއެވެ.

އިޤުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އަންގާރަ ދުވަހު ސްޓެލްކޯ ބިލްޑިންގގައި ބާއްވާފައިވާއިރު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރުއެވެ.

8 ނުކުތާގެ މައްޗަށް އެކުލެވޭ އެ އިޤުރާރުގައި އެންމެ ފުރަތަމަ ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު ހަސަން މުޤްނީ އާއި ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ލަތީފްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު ހަސަން މުޤްނީ ވިދާޅުވީ އެ ކުންފުނީގައި ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮރަލެންސް ކަމަށާއި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ކޮރަޕްޝަންގެ އަމަލެއް ނުފެންނާނެ ކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ކޮރަޕްޝަން ނައްތާލުމުގެ ވައުދު ފުއްދާ ފުރަތަމަ ކުންފުންޏަށް ސްޓެލްކޯ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮރަޕްޝަން ހިންގާ ކުންފުނިތަކަކީ ސަރުކާރުގެ ބޮޑެތި ކުންފުނިތައް ކަމަށް ބުނެ ވަރަށް ގިނަ ފަރާތްތަކުން އިނގިލި ދިއްކުރާ ކަމަށާއި އެކަހަލަ ކަމެއް ކުންފުނީގެ އެއްވެސް މުވައްޒަފެއްގެ ފަރާތުން ނުފެންނާނެ ކަމަށް ހަސަން މުގުނީ ވިދާޅުވިއެވެ. އެކުންފުނީގެ މުވައްޒަފެއްގެ ފަރާތުން އެކަހަލަ ކަމެއް ކުޑަކޮށްވެސް ފާހަގަކުރެވިއްޖެކަމުގައިވާނަމަ އެކަން ވަރަށް ސީރިއަސް މައްސަލެއްގެ ގޮތުގައި ބަލާނެ ކަމަށް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ އިތުރަށް ވިދާޅުވިއެވެ.

ކަރަންޓުގެ ހިދުމަތް 24 ގަޑިއިރު ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ބޭނުންވާކަން ފާހަގަކުރައްވާ ހަސަން މުގުނީ ވިދާޅުވީ ހުޅުމާލޭގައި 50 މެގަވޯލްޓްގެ ޕަވަރ ޕްލާންޓް ނިންމިފައިވާ ކަމަށެވެ. އަދި ހުޅުމާލެ އާއި މާލެ އިންޓަރކަނެކްޝަން ކޭބަލެއް މެދުވެރިކޮށް ގުޅާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮރަޕްޝަން ހުއްޓުވުމަކީ ރައީސް ސޯލިހްގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކަށް މިނިވަން މުއައްސަސާތަކަށް އައްޔަންކުރާ ހުރިހާ މީހުންނާއި އެމީހުންގެ އަނބިން ނުވަތަ ފިރިންގެ މާލީ ބަޔާން ހާމަކުރުމުގެ އިތުރުން އެ ޤަވާއިދު ރިވިއު ކުރުން ހިމެނެއެވެ. އަދި ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޒީރޯ ޓޮރަލެރަންސް ޓު ކޮރަޕްޝަން ކެމްޕޭން ފެށުމަށް ވެސް ރައީސް ސޯލިހްގެ ސަރުކާރުން ވަނީ ނިންމާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
22 ޖެނުއަރީ 2019 | އަންގާރަ 09:21
އެކްސް
ހަމައެކަނި އިގްރާރެއްގައި ސޮއިކުރުމަކުން ކޮރޮޕްޝަނާއި ޚިޔާނާތް ނުހުއްޓޭނެކަން މިދިޔަ ޔާމީން ސަރުކާރުންވަނީ ނުހަނު ރަންގަޅަށް ސާބިތުކޮށްދީފަ