Advertisement
ކ. މާލެ
|
18 ޖެނުއަރީ 2019 | ހުކުރު 14:14
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
މުހައްމަދު ޝަރުހާން
އިންސާނީ ހައްޤުތައް
އާ ސަރުކާރުން އިންސާނީ ހައްޤުތައް ކަށަވަރުކޮށްދޭނެ ކަމުގެ އުއްމީދު އެބައޮތް: ހިއުމަން ރައިޓްސް ވޮޗް
ސަރުކާރުން އިންސާނީ ހައްޤުތަކާ ގުޅޭ މުހިއްމު ފިޔަވަޅުތަކެއް އަޅާފަވޭ
ޖިނާއީ އަދުލު ޤާއިމު ކުރަން މި ސަރުކާރުން މަސައްކަތްކުރޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންސާނީ ހައްޤުތައް ކަށަވަރުކޮށްދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެފިއެވެ. 

އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމާއަތެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗް އިން 2019 ވަނަ އަހަރަށް ޚާއްސަކޮށް ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އާ ސަރުކާރު އައުމާ އެކު ފާއިތުވި ސަރުކާރުން އިންސާނީ ހައްޤުތައް ނިގުޅައިގަތުމަށް ކޮށްފައިވާ ކަންކަން އިސްލާހު ކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި، ޖިނާއީ އަދުލު ޤާއިމު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރި ކަމަށެވެ. 

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އައުމާ އެކު ސުލްހަވެރިކަމާ އެކު ހިޔާލުފާޅުކުރުމަށް ހުރަސް އެޅޭ ގޮތަށް ހުރިި ޤާނޫނުތައް އުވާލި ކަމަށާއި، ނުހައްޤުން އަދަބުދީފައިވާ ސިޔާސީ ކުށްވެރިން ދޫކޮށްލައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ޚާއްސަ ކޮމިޝަނެއް އެކުލަވާލެއްވިކަން ބަޔާންކޮށްފައި ވެއެވެ. 

ހިއުމަން ރައިޓްސް ވޮޗްގެ އެސޯސިއޭޓް އޭޝިއާ ޑިރެކްޓަރ ޕެޓްރީޝިއާ ގޮސްމަން ވިދާޅުވީ، ރައްޔިތުން ރާއްޖޭގެ ސަރުކާރު ބަދަލުކުރީ އަނިޔާވެރިކަން ހުއްޓުވައި ގެއްލިފައިވާ ހައްޤުތައް ކަށަވަރު ކުރުމަށް ކަމަށެވެ. އެގޮތުން އާ ސަރުކާރުން ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވެސް ޕެޓްރީޝިއާ ވިދާޅުވެފައި ވެއެވެ. 

ހިއުމަން ރައިޓްސް ވޮޗްއަކީ 1978 ވަނަ އަހަރު ޤާއިމުކޮށްފައިވާ ގްލޯބަލް ޖަމާއަތެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އިންސާނީ ހައްޤުތަކާ ގުޅޭގޮތުން އެކި ޤައުމުތަކުގެ ހާލަތު ބަޔާންކޮށް ބައިނަލްއަޤުވާމީ މީޑިއާތަކަށް ޚަބަރު ފޯރުކޮށްދިނުމުގައި މި ޖަމާއަތުން މުހިއްމު ރޯލެއް އަދާކުރެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް