Advertisement
ކ. މާލެ
|
18 ޖެނުއަރީ 2019 | ހުކުރު 02:46
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
ވަން އޮންލައިން
ޓެކްސްގެ ނިޒާމް
ޓެކްސްގެ ނިޒާމް ހަރުދަނާ ކުރެއްވުމަށް އިކޮނޮމިކް މިނިސްޓަރު ކޮމެޓީއެއް އެކުލަވާލައްވައިފި
އެ ކޮމެޓީގެ މަސައްކަތަކަށް ވާނީ ޓެކްސް ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުން
ކޮމެޓީ އެކުލަވާލައްވާފައިވަނީ ސަރުކާރުގެ އޮފިޝަލުންނާއި އަމިއްލަ އޮޑިޓަރުންގެ އިތުރުން ގާނޫނީ ވަކީލުން ހިމެނޭ ގޮތަށް

ޓެކްސްގެ ނިޒާމް ހަރުދަނާ ކުރެއްވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހާއްސަ ކޮމެޓީއެއް އެކުލަވާލައްވައިފިއެވެ.

މިނިސްޓަރު ބުރާސްފަތި ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ކޮމެޓީގެ މަސައްކަތަކަށް ވާނީ ޓެކްސް ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުމާއި އެ ނިޒާމު ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ. އަދި ޓެކްސްގެ ގާނޫނު ތަންފީޒު ކުރުމަށް ކުރާ މަސައްކަތް ބެލުމަކީ ވެސް އެކޮމެޓީގެ މަސްއޫލިއްޔަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކޮމެޓީ އެކުލަވާލައްވާފައިވަނީ ސަރުކާރުގެ އޮފިޝަލުންނާއި އަމިއްލަ އޮޑިޓަރުންގެ އިތުރުން ގާނޫނީ ވަކީލުންގެ މައްޗަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެމަނިކުފާނުގެ ޓުވީޓުގައި އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ކިތައް މެމްބަރުން ކަމެއް ހާމައެއް ނުކުރައްވައެވެ.

އިކޮނޮމިކް މިނިސްޓަރު މިފަދައިން ޓުވީޓު ކުރައްވާފައިވާއިރު ބުރާސްފަތި ދުވަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފައިވަނީ 2018 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ އަހަރީ ފީ އާ ޖޫރިމަނާގެ ގޮތުގައި 197.9 މިލިއަން ރުފިޔާ ނުލިބިވާ ކަމަށެވެ. މީރާ އިން ބުނީ 2018 ވަނަ އަހަރުގެ ނިޔަލަށް 7089 ކުންފުންޏަކުން އަހަރީ ފީ އާއި ޖޫރިމަނާ ނުދައްކާވާ ކަމަށެވެ. އޭގެ ތެރޭގައި 2017 ވަނަ އަހަރު ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން އުވާލުމަށް ނިންމާފައިވާ 5772 ކުންފުންޏަކުން ދައްކަން ޖެހޭ 189.6 މިލިއަން ރުފިޔާއާ އޭގެ ތެރޭގައި ނުހިމެނޭ 1317 ކުންފުންޏަކުން ދައްކަންޖެހޭ 8.2 މިލިއަން ރުފިޔާ ހިމެނޭ ކަމަށް ވެސް މީރާ އިން ބުންޏެވެ.

ކުންފުނީގެ އަހަރީ ފީ ގެ އިތުރުން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގައިވާ ގޮތުން، ކުންފުނިތަކުން އެއްވެސް ވިޔަފާރީއެއް ނުކުރިކަމުގައި ވިޔަސް ޤާނޫނުގައިވާ ގޮތުގެ މަތިން ޓެކްސް ބަޔާން ހުށަހަޅަން ޖެހޭ ކަމަށާއި އެ ބަޔާން ހުށަނާޅައިފިނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށް މީރާ އިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް