Advertisement
ކ. މާލެ
|
16 ޖެނުއަރީ 2019 | ބުދަ 13:13
އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
އެމްޑީޕީ ޕްރައިމަރީ 2019
އެމްޑީޕީގެ ޕްރައިމަރީ ހުކުރު ދުވަހު 14:30-20:30 އަށް
270 ވޯޓުފޮށި ބަހައްޓާފައި ހުންނާނެ
86091 މީހުން ވޯޓާރސް ލިސްޓުގައި ހިމެނޭ

ޕްރައިމަރީގެ ވޯޓްލުން ކުރިއަށް ގެންދާނީ މެންދުރު ފަހު 2:30 އިން ރޭގަނޑު 8:30 އަށް ކަމަށް އެ ޕާޓީން ބުނެފި އެވެ. 

ބުދަ ދުވަހު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ކުރިން 280 ކެނޑިޑޭޓުން ވާދަކުރާނެކަން އިއުލާނު ކޮށްފައި އޮތަސް، ކެންޑިޑޭޓަކު ނަން ނަގާފައިވުމާއެކު، ޕްރައިމަރީގައި މިހާރު ވާދަކުރާނީ 279 ކެންޑިޑޭޓުން ކަމަށެވެ.  

" މިހާތަނަށް އަޅުގަނޑުމެންނަށް ކުރެވިފައިވާ މަސައްކަތުން 270 ވޯޓުފޮށި މުޅި ރާއްޖޭގައި ބެހެއްޓޭނެ ކަމަށް އަޅުގަނޑުމެން މިހާރު މިވަނީ ނިންމާފައި. އަޅުގަނޑުމެންގެ މި އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ އަދަދު 279 އަށް އަރާ. ބޭފުޅަކު ނަން އަބުރާ ގެންދެވުމާއެކު 279 އަށް މިހާރު މިވަނީ ބަދަލުވެފައި،" ޝިފާޒު ވިދާޅުވިއެވެ. 

އެމްޑީޕީ ޕްރައިމަރީ ވެގެންދާނީ ގައުމީ ފެންވަރުގެ ބޮޑު އިންތިޚާބެއް ކަމަށް ސިފަކުރާއިރު، ޕްރައިމަރީގައި 86،091 މީހުން ވޯޓުލާނެ ކަމަށް އެމްޑީޕީން ބުނެ އެވެ. ރާއްޖޭގެ އިތުރުން އިންޑިއާ، ލަންކާ އަދި މެލޭޝިއާގައިވެސް ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.  

މާލޭ ދަފުތަރުގައިވާ މީހުން ދާއިރާތަކަށް އެ މީހުން ބަހާލައިވާ ގޮތް އިއުލާނު ކުރުން ލަސްވީ، އިލެކްޝަންސް ކޮމިޝަނުން އެ ލިސްޓް ނިންމާނެ ކަމަށް ލިބެމުން ދިޔަ މައުލޫމާތަށް ބަލައިގެން ތިބުމުން ކަމަށް ޝިފާޒް ވިދާޅުވިއެވެ. 

"ދަފްތަރު ލަސްކުރީ އިލެކްޝަންސް ކޮމިޝަނުން ދަފްތަރު މާލޭގެ ދާއިރާތަކަށް ބަހާފައި އަޅުގަނޑުމެންގެ ޕްރައިމަރީގެ ކުރިން އެކަންކޮށް ނިންމަވާނެ ކަމަށް އަޅުގަނޑުމެންނަށް ލިބެމުންދިޔަ މައުލޫމާތަށް ބަލާފައި. އެހެން ނަމަވެސް އިންތިހާބުގެ އެއް ދުވަހަށް ވީ އިރުވެސް ދަފްތަރުގެ މެމްބަރުން އެކިއެކި ދާއިރާތަކަށް ބަހާފައިވާ ފައިނަލް ގޮތެއް އަދި އިލެކްޝަންސް ކޮމިޝަނުން ފައިނަލެއް ނުކުރޭ. އެހެންވީމާ، އަޅުގަނޑުމެން ފައިނަލް ލިސްޓް މި އިއުލާނު ކުރީ މިހާތަނަށް ލިބިފައި ހުރި ގޮތަށް،" ޝިފާޒް ވިދާޅުވިއެވެ. 

ޕްރައިމަރީގެ ދެފުއް ފެންނަ ގޮތަށް ސުލްހަވެރިކަމާއެކު އިންތިހާބު ކުރިއަށް ގެންދިއުމަށްޓަކައި ދުރާލާ އިއުލާނުކޮށް، އޮބްޒާވަރުން ހަމަޖައްސައި، ކޮންމެ ވޯޓު ފޮށްޓަކަށް ޕާޓީގެ އިސް ވެރިއަކު ހަމަޖައްސާފައިވާނެ ކަމަށް އެމްޑީޕީން ބުނެ އެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް