ބީއެމްއެލް އިސްލާމިކްއިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް ދެ ވައްތަރެއްގެ ސޭވިންގްސް އެކައުންޓާއި އަދި އިންވެސްޓްމަންޓް އެކައުންޓެއް ތަޢާރަފްކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ އާދިއްތަ ދުވަހު ތަޢާރަފްކުރި މި ހިދުމަތާއެކު ޝަރީޢާއާއި އެއްގޮތްވާ ގޮތުގެ މަތިން ބީއެމްއެލް އިސްލާމިކުން ދެމުންދާ ޚިދުމަތްތަކަށް މިވަނީ އިތުރު ފުރިހަމަކަމެއް ލިބިފައި ކަމަށެވެ.
މި އެކައުންޓްތައް ބިނާކުރެވިފައިވަނީ އިސްލާމިކް ބޭންކިން އުސޫލެއްކަމަށްވާ ވަކާލާ އުސޫލުގެ މައްޗަށެވެެ. މިގޮތުން ކަސްޓަމަރު އެކައުންޓުގައި ބަހައްޓާ ފައިސާ ޝަރީޢާ ހުއްދަކުރާ ކަންކަމަށް އިންވެސްޓްކުރުމަށްފަހު އެއިން ފައިދާ ލިބުުމުގެ ފުރުސަތު ކަސްޓަމަރަށް ލިބިގެންދެއެެވެ.
ބީއެމްއެލް އިސްލާމިކް ސޭވިންގސް އެކައުންޓްއަކީ ފަހަށް ފައިސާ ރައްކާކޮށް އަދި އެފައިސާއިން ފައިދާ ހޯދައިދިނުމުގެ ގޮތުން އަމިއްލަ ފަރުދުންނަށް ތަޢާރަފުކުރާ ޚިދުމަތެކެވެ. ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވަރ އެކައުންޓް އަކީ 18 އަހަރުން ދަށުގެ ކުދިންނަށް އިސްލާމިކު ބޭންކިންގ ޚިދުމަތް ދިނުމަށްޓަކައި ތަޢާރަފުކުރި އެކައުންޓެކެވެ. ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް އަކީ ޝަރީޢާ ހުއްދަކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަކި މުއްދަތަކަށްް ފައިސާ ރައްކާކުރުމަށްޓަކައި އަމިއްލަ ފަރުދުންނާއި ވިޔަފާރި ކުންފުނިތަކަށް ޚާއްސަ ކޮށް ތަޢާރަފުކުރާ އިންވެސްޓްމަންޓް އެކައުންޓެކެވެ.
ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ ޚިދުމަތްތައް މިދަނީ ފުޅާކުރަމުން ކަމަށާއި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް ޝަރީޢާގެ ހަމަތަކަށް ފެތޭ އިތުރު ތިން ޑިޕޮސިޓް އެކައުންޓެއް ބީއެމްއެލް އިސްލާމިކް ގެ ޚިދުމަތްތަކަށް އިތުރުކުރެވޭ ކަމީ ލިބޭ އުފަލެއް ކަމަށެވެ.
ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ.
ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައި ކަމަށާއި އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަމަށް ކަަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.