ރަށްތަކުގައި ފަތުރުވެރިކަމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށްޓަކައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އައްޑޫ އަދި ފުވައްމުލަކު ސިޓީ އަށް ވަޑައިގެންފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރ މުހައްމަދު ހައްސާން ވިދާޅުވީ މިމަހުގެ ދިހަ ވަނަ ދުވަހު އައްޑޫ ސިޓީއަށް ވަޑައިގެން އައްޑޫ ސިޓީގެ ކައުންސިލްއާއި ބައްދަލުކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތަކާއި ފަތުރުވެރިކަމުގެ ވިޔަފާރީ އެ ރަށްތަކުގައި ފުޅާ ކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ސަފާރީ ޔޮޓް ފަދަ ތަކެތި އަންނައިރު ކައުންސިލަށް އެކަން ނޭނގޭ ކަމަށް ކައުންސިލުން ފާހަގަކުރުމުން ޤަވާއިދުތައް ބަދަލު ގެނެސްގެން ކައުންސިލަށް އެކަން އެންގޭނެ ގޮތެއް އޮތް ބައްލަވާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިއަދު އައްޑޫ ސިޓީގެ މިއަދު ނޭޗަރ ޕާކް ބައްލަވާލައްވާ އީކޯ ޓުއަރިޒަމް ތަޢާރަފްކުރެވޭނެ ގޮތާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ހުޅުމީދޫގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއިވެސް ބައްދަލުކުރައްވާފައެވެ.
މީގެ އިތުރުން ފުވައްމުލަކަށް ވަޑައިގެން އެސިޓީގެ ކައުންސިލާއި ބައްދަލުކޮށްވެސް ވަނީ މަޝްވަރާކޮށްފައެވެ.
އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަތުރުވެރިކަން ވަކި ވަކި ޑެސްޓިނޭޝަންތަކެއްގެ ގޮތުގައި ތަރައްޤީކޮށް ޕްރޮމޯޓް ކުރުމަކީ މި ސަރުކާރުގެ އަމާޒަކަށް ވާތީ އެކަމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި އެމްއެމްޕީއާރްސީ، މޯލްޑިސް އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަން އަދި ޓޫރިޒަމް މިނިސްޓްރީގެ ޓެކްނޮލޮޖިކަލް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ދަތުރުތަކަކީ ޓޫރިޒަމް މިނިސްޓަރު ސިލްސިލާކޮށް ކުރިއަތް ގެންދެވުމަށް ނިންމަވާފައިވާ ދަތުރުތަކެކެވެ.