ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިސްތިހާބުގެ ޓިކެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށް ޕާޓީތަކުން ބާއްވާ ޕްރައިމަރީ މި މަހުގެ 26 ކުރިން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ ޕާޓީތަކުގެ ޕްރައިމަރީ މި މަހުގެ ކުރިން ބާއްވަން ޖެހެނީ ޕްރައިމަރީގައި ބައިވެރިވެ ނާކާމިޔާބުވާ ފަރާތްތަކަށް މި އިންތިހާބުގައި ބައިވެރިނުވެވޭނެ ކަމަށް ގާނޫނުގައި އޮންނާތީ ކަމަށެވެ.
"ސައްބީސް ޖެނުއަރީގެ ކުރިން ޕްރައިމަރީ ބާއްވާ ނިންމައި އެ އައި ނަތީޖާ އަޅުގަނޑުމެނަށް ޖެހޭނެ އަންގަން. މިހާތަނަށް އަޅުގަނޑުމެނަށް މައުލޫމާތު ލިބެނީ އެމްޑީޕީން އެކަނި ޕްރައިމަރީ ބާއްވަން މި އުޅެނީ. އެހެން ފަރާތްތަކުން ވެސް ޕްރައިމަރީ ބާއްވަފާނެ ކަމަށް ލަފާ ކުރެވޭތީ ހުރިހާ ސިޔާސީ ޕާޓީތަކުގެ ސަމާލު ކަމަށް އަޅުގަނޑުމެން ދަންނަވާލަން ވާނެ ސިޓީ ފޮނުވާފައި ޕްރައިމަރީ ބާއްވާ ކަމުގައިވާ ނަމަ 26ގެ ކުރިން ބޭއްވުމަށް،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ މި މަހުގެ 27ގެ ކުރިން ޕްރައިމަރީގެ ނަތީޖާތައް އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމަށް އެންގީ މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 28 ގައި ހުޅުވާލާނެތީ ކަމަށެވެ.
އެމްޑީޕީން މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ހަމަޖައްސާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އެ ޕާޓީން ވަނީ 76 ދާއިރާއެއްގެ ޕްރައިމަރީ ބޭއްވުމަށް ނިންމާފައެވެ. ނަމަވެސް އެހެން އެއްވެސް ޕާޓީއަކުން މިހާތަނަށް ޕްރައިމަރީ އިއުލާނުކޮށްފައެއް ނުވެއެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.