Advertisement
ކ. މާލެ
|
10 ޖެނުއަރީ 2019 | ބުރާސްފަތި 11:40
މޯލްޑިވިއަން އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސް
މޯލްޑިވިއަން އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސް
ރާއްޖެއެމްވީ
އައިލެންޑް އޭވިއޭޝަން
ހެޔޮކުރި އަގުގައި ޓިކެޓް ވިއްކަން ފަށައިފި
ދަތުރުުކުރާއިރު ފޯރުކޮށްދޭ ޚިދުމަތްތަކަށްވެސް ބަދަލުގެންނާނެ
ގިނަ ބަޔަކު ދަނީ ޓިކެޓް ގަންނަމުން

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރަން ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް, ހެޔޮކުރި އަގުގައި މޯލްޑިވިއަންގެ ޓިކެޓް ވިއްކަން ފަށައިފިއެވެ. 

މޯލްޑިވިއަންގެ އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޕަބްލިކް ރިލޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، އަގުތަކަށް ގެނެވުނު ބަދަލުތަކާއެކު، އެއާލައިންތަކުން ދަތުރުތައް ކުރާއިރު ފޯރުކޮށްދޭ އެކި ޚިދުމަތްތަކަށްވެސް ކުރިއެރުންތަކެއް ގެނައުމަށް ވިސްނަމުންދާ ކަމަށެވެ. 

މިހާރު ކަނޑައަޅާފައިވާ އަގުތަކަކީ އައިލެންޑް އޭވިއޭޝަންގެ ޚިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަށް ބަލާފައި މިވަގުތަށް ކަނޑައެޅޭނެ އެންމެ ހެޔޮ އަގު ކަމަށްވެސް ވަސީމް ވިިދާޅުވިއެވެ. 

"އައިލެންޑް އޭވިއޭޝަންގެ ދެމިއޮތުމާ އައިލެންޑް އޭވިއޭޝަންގެ މަސައްކަތް ކުރަމުންދާ މުވައްޒަފުންނާ އަދި ދެމުންދާ ޚިދުމަތްތަކަށް ކުޑަ ނަމަވެސް ބުރޫއެއް ނާރާ ދެން އަޅުގަނޑުމެންނަށް ދެވެން ހުރި އެންމެ އަގު ހެޔޮޮކޮށް އަޅުގަނޑުމެން މި ދެނީ،" އޭނާ ވިދާޅުވިއެވެ. 

މިވަގުތަށް ބަލާއިރު، ކަނޑައަޅާފައިވާ އަގުުތަކަކީ އެންމެ އެކަށީގެންވާ އަގުުތަކެއް ކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް ވަސީމް ވިދާޅުވިއެވެ. 

"މިވަގުތަށް ދިވެހި ރައްޔިތުންނަށް އެފޯޑް ކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް ޔަޤީން ކުރެވޭ ބަދަލެއް އަޅުގަނޑުމެން މި ކުރަނީ. ސަބަބަކީ ކުރިން ފާހަގަކުރި ގޮތަށް އަޅުގަނޑުމެން އައިލެންޑް އޭވިިއޭޝަން ކުރިއަށް އޮތް ތާނގައިވެސް ތިބޭ ފުޅުންނަށް ޚިދުމަތް ދިނުމުގައި ދެމި އޮތުމަށްޓަކައި އޮންނަންޖެހޭ މިންގަނޑުގައި ތިބެގެން އަދި އަޅުގަނޑުމެންނަށް ޚިދުމަތް އެންމެ ރަނގަޅަށް ދެވޭނެ ގޮޮތަކަށް ބަލާފައި އެންމެ ބޮޑުތަނުން އަޅުގަނޑުމެންނަށް މި ކުރެވުނީ،" ވަސީމް ވިދާޅުވިއެވެ. 

ބުރާސްފަތި ދުވަހުން ފެށިގެން ހެޔޮ އަގުތަކުގައި ޓިިކެޓް ވިއްކަން ފަށާފައިވާއިރު، ގިނަ ބަޔަކު މިހާރުވެސް ދަނީ ޓިކެޓް ގަންނަމުންނެވެ.

ޓިކެޓުގެ އަގުތަކަށް އައި ބަދަލުތަކަށް ބަލާއިރު، މާލެ އާއި ހަނިމާދޫގެ ދެކޮޅު ދަތުރާއި، މާލެއާއި ތިމަރަފުށީގެ ދެކޮޅު ދަތުރު އަދި މާލެއާއި ކައްދޫގެ ދެކޮޅު ދަތުރުގެ އަގުވަނީ 1،610 ރުފިޔާއާއި 2،226 ރުފިޔާއާ ދެމެދު އަދަދަކަށް ކުޑަކޮށްފައި ވެއެވެ. 

އަދި މާލެއާއި އިފުރާއި ދެމެދުގެ ދެކޮޅު ދަތުރާއި، މާލެއާއި ކުޑަހުވަދޫގެ ދެކޮޅު ދަތުރުގެ އަގު ވަނީ 1،500 ރުފިޔާއާއި 2،056 ފުރިޔާއާއި ދެމެދުގެ އަގަކަށް ކުޑަ ކޮށްފައެވެ. މާލެއާއި ކޫއްޑޫ އަދި މާލެއާއި ކާޑެއްދޫގެ ދެކޮޅު ދަތުރުގެ އަގު ވަނީ 1،652 ރުފިޔާއާއި 2،442 ރުފިޔާއާއި ދެމެދުގެ އަގަކަށް ކުޑަކޮށްފައެވެ. އަދި މާލެއާއި ފުވައްމުލަކުގެ ދެކޮޅު ދަތުރުގެ އަގު ވަނީ 1،698 ރުފިޔާއާއި 2،598 ރުފިޔާއާ ދެމެދުގެ އަދަދަކަށް ވަނީ ކުޑަކޮށްފައެވެ.

ޓިކެޓްގެ އަގަށް ގެނެވުނު ބަދަލަށް އަމަލުކުރަން ފަށާފައިވާއިރު ކޮންމެ ދުވަހަކުވެސް 500 ސީޓް އަގު ހެޔޮ ބޭންޑުތަކުން ލިބެން ހުންނާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވަނީ ވިދާޅުވެފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް