ޕަސިންޖަރުންގެ ތެރެއިން 50 މީހަކު ނޭވާޔަށް އުނދަގޫ ވުމާއި ގުޅިގެން ޖަރމަން އެއަރޕޯޓް ވަގުތީގޮތުން ބަންދުކޮށްފިއެވެ.
ޖަރމަނީގެ އެއަޕޯޓެއް ކަމުގައިވާ ހަމްބާރގ އެއަރޕޯޓް ވަގުތީގޮތުން ބަންދުކުރީ އަލިފާން ނިއްވާ މީހުން އެތަނުގައި ހަރަކާތްތެރިވުމަށެވެ. އެމީހުން އެއަރޕޯޓް ތެރޭގައި ހަރަކާތްތެރިވާން ފެށީ އެއަރޕޯޓްގެ އެއަރކޯން ސިސްޓަމަށް ޖެހި ސްޕްރޭއެއްގެ ސަބަބުން ނޭވާލާން އުނދަގޫވުމާއި ލޮލަށް އަސަރު ކުރުމުގެ ސަބަބުން 50 މީހަކު ޝަކުވާ ކުރުމާ ގުޅިގެން ކަމަށް ޖަރމަންގެ ނޫސް އެޖެންސީ ޕީޑީއޭއިން ބުނެފައިވެއެވެ.
އެކަން އެހެން ހިނގުމާއި ގުޅިގެން އަލިފާން ނިއްވާ މީހުން ވަނީ އެކަން ބެލުމުގެ މަސައްކަތް އެއަރޕޯޓްތެރޭގައި ފަށާފައެވެ. އެކަމުގެ ސަބަބުން ބައެއް ފްލައިޓްތައް ކެންސަލްކޮށްފައިވާއިރު އެކަން ނިމެންދެން ބައެއް ފްލައިޓްތައް ވަނީ ޑިލޭވެސް ކޮށްފައެވެ.
މިއީ ޓެރަރިޒަމްއާ ގުޅުން ހުރި ކަމެއް ނޫންކަމަށް ޖަރުމަނުގެ އޮފިޝަލުން ވަނީ ހާމަ ކޮށްފައެވެ.