ކ. މާލެ
|
8 ޖެނުއަރީ 2019 | އަންގާރަ 07:18
ސީއީއެސްގައި ބަހައްޓާފައި ހުރި ފިނި ބުއިމަށް ބޭނުންކުރާ އައިސް ސްކަލްޕްޗާއެއް
ސީއީއެސްގައި ބަހައްޓާފައި ހުރި ފިނި ބުއިމަށް ބޭނުންކުރާ އައިސް ސްކަލްޕްޗާއެއް
ރޮއިޓަރސް
ކޮންސިއުމަރ ޓެކްނޮލޮޖީ ޝޯ
ސީއީއެސް 2019: މި ފަހަރު ވެސް ތަފާތު އުފެއްދުންތަކެއް ފެނިގެން ދާނެ
މި އަހަރުގެ ޝޯގައި 4400 ކުންފުންޏަކުން 182000 މީހުން ބައިވެރިވެފައިވޭ

އެމެރިކާގެ ލަސް ވޭގަސްގައި ބާއްވާ ދުނިޔޭގެ އެއްމެ ބޮޑު ކޮންސިއުމަރ ޓެކްނޮލޮޖީ ވިޔަފާރީގެ ޝޯ ކަމުގައިވާ ކޮންސިއުމަރ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) ގައި މި އަހަރުވެސް ތަފާތު އުފެއްދުންތަކެއް ތައާރަފްކުރާނެ ކަމަށް މި ޝޯ އިންތިޒާމް ކުރާ ފަރާތުން ހާމަކޮށްފިއެވެ.

ޝޯ އިންތިޒާމް ކުރާ ކޮންސިއުމަރ ޓެކްނޮލޮޖީ އެސޯސިއޭޝަންއިން ބުނެފައިވަނީ މި އަހަރުގެ ޝޯގައި 4400 ކުންފުންޏަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ފަހަރުގެ ޝޯގައި 182000 މީހުން ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މި ފަހަރުގެ ޝޯގައި ތައާރަފްކުރަން ނިންމާފައިވާ ބައެއް އުފެއްދުންތަކުގެ ތެރޭގައި 8ކޭ ޓެކްނޮލޮޖީގެ ޓީވީއާއި، އެހީއަކާއި ނުލައި ޕާން ފިހާ ރޮބަޓަކާއި ސެމްސަންގެ ގެލެކްސީ އެސް10 ހިމެނެއެވެ. މީގެ އިތުރުން ވެސް 5ޖީ ސަޕޯޓް ކުރާ ފޯނުތަކާއި ސްމާޓް ކާރާއި ސްމާޓް ހޯމް ޓެކްނޮލޮޖީތައް ހިމެނެއެވެ.

މި އަހަރުގެ ސީއީއެސްގައި އެންމެ ބޮޑަށް ވާހަކަ ދެކެވޭނީ އާޓިފިޝަލް އިންޓެލިޖެންސްއަށް ލިބިފައިވާ ކުރިއެރުންތަކާއި ބެހޭ ގޮތުން ކަމަށް މާހިރުން ވަނީ ބުނެފައެވެ. މި އަހަރުގެ ޝޯގައި އެލެކްސާ އާއި ސިރީ ކަހަލަ ވޮއިސް އެސިސްޓަންޓުންގެ އެހީގައި ބޭނުންކުރެވޭ ބައިވަރު އާ އުފެއްދުންތައް ހިމެނެއެވެ.

ސީއީއެސްއަކީ 1967 ވަނަ އަހަރުން ފެށިގެން ވޭގަސްގައި ބާއްވަމުން އަންނަ ވަރަށް ކާމިޔާބު ވިޔަފާރި ޝޯއެކެވެ. އެގޮތުން މި ޝޯގައި ތައާރަފް ކުރެވުނު މަޝްހޫރު އުފެއްދުންތަކުގެ ތެރޭގައި ފްލެޓް ސްކްރީން ޓީވީއާއި ޑްރައިވަރ ދުއްވާ ކާރު އަދި ކާވް އާއި ފޯލްޑަބަލް ޓީވީ ސްކްރީންތައް ހިމެނެއެވެ.

- ކޮމެންޓް