Advertisement
ކ. މާލެ
|
7 ޖެނުއަރީ 2019 | ހޯމަ 12:18
މިސްކިތްތައް ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލުކުރަނީ
މިސްކިތްތައް ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލުކުރަނީ
ރާއްޖެއެމްވީ
މިސްކިތްތައް ބެލެހެއްޓުން
މާލޭ ސިޓީގެ މިސްކިތްތައް ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލުކޮށްފި
ގަބުރުސްތާނު ތަކާއި މޯރޗަރީތައްވެސް ބެލެހެއްޓުމަށް ހަވާލުކޮށްފައިވޭ

މާލޭ ސިޓީގެ މިސްކިތްތައް ބެލެހެއްޓުން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ. 

ހޯމަ ދުވަހު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތްތައް ބެލެހެއްޓުން މާލޭ ސިޓީ ކައުންސިލާ ހަވާލު ކޮށްފައިވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މާލޭ ސިޓީ ކައުންސިލު މެދުގައި ސޮއިކުރެވުނު އެމްއޯޔޫއެއްގެ ދަށުންނެވެ. 

މި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަޙްމަދުﷲ ޖަމީލެވެ. އަދި ސިޓީކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މާލޭ ސިޓީކައުންސިލުގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފެވެ. 

މިކަމާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަޙްމަދުﷲ ވިދާޅުވީ، މި އެމްއޯޔޫގެ ދަށުން މިސްކިތްތަކުގެ އިތުރުން، މާލޭ ސިޓީގެ ގަބުރުސްތާނު ތަކާއި މޯރޗަރީތައް މަރާމާތުކުރުމާއި، އާބާތުރަ ފިލުވައި ސާފުކޮށް ބެލެހެއްޓުންވެސް މާލޭ ސިޓީ ކައުންސިލާއި ހަވާލުކުރެވިގެންދާނެ ކަމަށެވެ. 

މިސްކިތްތައް ބެލެހެއްޓުން މާލޭ ސިޓީ ކައުންސިލާ ހަވާލުކުރެވުނު ކަމަށް ވިޔަސް، އިމާމުންގެ ކަންކަން ބެލެހެއްޓުމާއި، އަލަށް އަޅާ މިސްކިތްތަކުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތްތައް ކުރައްވާނީ މިނިސްޓްރީން ކަމަށް އަޙްމަދުﷲ ވިދާޅުވިއެވެ. 

" ދީނީ އެއްބައިވަންތަ ކަމުގެ ޤާނޫނުގެ ދަށުން މިސްކިތެއް އަލަށް އަޅާ ކަމަށްވާނަމަ އެއީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ބެލުމުގެ ދަށުން ކުރަންޖެހޭ ކަމެއް. ކުރިންވެސް އަމަލުކުރަމުން އަންނަ ގޮތުން މިސްކިތް އަޅާ ނިމުމަށްފަހު އެފަރާތަކުން މިނިސްޓްރީއާ ހަވާލުކުރާ ހިސާބުން އަޅުގަނޑުުމެން އެ ހަވާލުވެގެން ކުރިއަށްގެންދަނީ. ދެން މިހާރު މި އައި ބަދަލާއެކީގައި އަޅުގަނޑުމެން ކައުންސިލުތަކާ މިސްކިތްތައް ހަވާލުކުރާނަން. އެކަމަކު މިސްކިތެއް އެޅުމަށް މަސައްކަތް ކުރައްވާއިރު ފުރަތަމަ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދަން ޖެހޭނީ" އަޙްމަދުﷲ ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ ޝަމާއު ވިދާޅުވީ، މި ގެނެވުނު ބަދަލުގެ ސަބަބުން ރައްޔިތުންނާ ގާތުން ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދެވިގެން ދާނެ ކަމަށެވެ.  

"ރައްޔިިތުންނާ ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ލާމަރުކަޒީ އުސޫލުން އެކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ސިޓީ ކައުންސިލުތަކާ މިސްކިތްތައް ހަވާލުވެގެންދާއިރު އަޅުގަނޑުމެން މި ހަވާލުވަނީ މާލޭ ސިޓީއާ. ފާހަގަކޮށްލަން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކައުންސިލުތަކުން މި މަސައްކަތް ނެގުމުގެ ސަބަބުން ބައިވަރު ގޮންޖެހުންތައް ކުރިމަތިވި " ޝަމާއު ވިދާޅުވިއެވެ. 

މާލޭ ސިިޓީގެ މިސްކިތްތައް ބެލެހެއްޓުން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާއިރު، ފުވައްމުލަކާއި އައްޑޫ ސިޓީގެ މިސްކިތްތައްވެސް އެ މިސްކިތްތައް ނިސްބަތްވާ ސިޓީ ކައުންސިލަކާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް