Advertisement
ކ. މާލެ
|
7 ޖެނުއަރީ 2019 | ހޯމަ 00:42
ޤާނޫނީ ވަކީލް މުހައްމަދު ނިޝާން
ޤާނޫނީ ވަކީލް މުހައްމަދު ނިޝާން
މުހައްމަދު ޝަރުހާން
ފަލަސުރުޚީ
ފުލުހުންގެ މުއައްސަސާ ގަޑުބަޑުވުމުގެ ޒިންމާ ރިޔާޒް އަދި ހުސެއިން ވަހީދު ނަންގަވަން ޖެހޭނެ: ނިޝާން
އެ ދެ ބޭފުޅުން އެތާނގައި ތިއްބަވައިގެން ކުރެއްވި ކަންތައްތަކެއްގެ ސަބަބުން އެ މުއައްސަސާގެ ތެރޭގައި ވަނީ ގަޑުބަޑު އުފެދިފައި
މަސައްކަތް ކޮށްފައިވަނީ އެބޭފުޅުންގެ އަމިއްލަ މަސްލަހަތު އިސްކުރުމަށް

ފުލުހުންގެ މުއައްސަސާ ގަޑުބަޑުވުމުގެ ޒިންމާ ކުރީގެ ޕޮލިސް ކޮމިޝަނަރުން ކަމަށްވާ އަބްދުﷲ ރިޔާޒް އާއި ހުސެއިން ވަހީދު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޤާނޫނީ ވަކީލް މުހައްމަދު ނިޝާން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ފުލުހެއްގެ ގޮތުގައި ކުރިން މަސައްކަތްވެސް ކޮށްފައިވާ ނިޝާން ވިދާޅުވީ ރިޔާޒް އާއި ހުސެއިން ވަހީދު ފުލުހުންގެ މުއައްސަސާގައި ތިއްބަވައިގެން ކުރެއްވި ކަންތައްތަކުގެ ސަބަބުން ފުލުހުންގެ މުއައްސަސާ 'އަތްނުލެވޭ ވަރަށް ހޫނުވެފައިވާ' ކަމަށާއި އެކަމުގެ ޒިންމާ އެ ދެ ބޭފުޅުން ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

"މިކަމުގެ ޒިންމާ ނަގަންޖެހޭނީ ހަމައެކަނި މިހާރު ފުލުހުންގެ މުއައްސަސާގައި ތިބި ފަރާތްތަކުންނެއް ނޫން. ކުރީގެ ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ހުސެއިން ވަހީދު ޒިންމާ ނަގަން ޖެހޭނެ، މޯލްޑިވްސް ޕޮލިސް ސަރވިސް މިއަދު މި ގޮސް އޮތް ހިސާބަށް، އެބޭފުޅުން އެތާނގައި ތިއްބަވައިގެން ކުރެއްވި ކަންތައްތަކެއްގެ ސަބަބުން އެ މުއައްސަސާގެ ތެރޭގައި ބޮޑަށް ގަޑުބަޑު އުފެދިފައިވަނީ، އެބޭފުޅުންނަށް ކޮންޓްރޯލް ނުވީ، އެބޭފުޅުންނަށް އޮންނަ ގޮތަށް ކަންނުކުރެވުނީ، އެބޭފުޅުންގެ އަމިއްލަ މަސްލަހަތު އިސްކުރުމަށް މަސައްކަތް ކުރެވުނީ" ނިޝާން ވިދާޅުވިއެވެ.

ފާއިތުވެ ދިޔަ ދުވަސްތަކުގައި ފުލުހުންނާއި މެދު ރައްޔިތުން ކުރަމުން އައި އިތުބާރު ގެއްލިފައިވާކަން ފާހަގަކުރައްވާ ނިޝާން ވިދާޅުވީ އެ އިތުބާރު އަލުން އަނބުރާ ހޯދަން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތައް ކުރަންޖެހޭނެ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޝާން އިތުރަށް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ވެދެފައިވާ ނުފޫޒު ހުއްޓުވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުން އިލްމީ ދިރާސާއެއް ހެދުމަށްފަހު އެކަމަށް ރަނގަޅު ބޭހެއް ހޯދަންޖެހޭ ކަމަށެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށްޓަކައި ރައީސް ކޮމިޝަނެއް އުފެއްދެވީ ފުލުހުންނަށް އިތުބާރު ނުކުރާތީ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކައަށް ރައްދު ދެއްވާ ނިޝާން ވިދާޅުވީ ފުލުހުންނަށް ރައީސް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށެވެ. އެގޮތުން ކުރިން ރައީސްކަން ކުރެއްވި ބޭފުޅެއްގެ ޖިނާއި ތަހުޤީޤު ހިނގުމަށް ފުލުހުންނާއި ރައީސް ހަވާލުކުރައްވާނީވެސް ފުރިހަމައަށް އިތުބާރު އޮންނެވުމުންކަން ނިޝާން ފާހަގަކުރެއްވިއެވެ.

"މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވަރަށް އިތުބާރު ކުރާތީ ނޫންތޯ ރައީސްކަން ކުރައްވާފައި ފައިބައިވަޑައިގެންނެވި ބޭފުޅެއްގެ ޖިނާއި ތަހުޤީޤު ކުރަން ހަވާލުކުރެއްވީ. އެހެންނޫންމަ އެކަމަށް ވެސް ކޮމިޝަނެއް އުފެއްދެވުމުގެ ޤާނޫނީ ބާރު ރައީސް އަށް ލިބިގެންވޭ ނޫންތޯ؟ އެހެންވީމަ ވާހަކަ ދައްކާއިރު އެވާހަކަ ދައްކާ މީހަކު ވެސް އަމިއްލަށް ވިސްނަންވާނެ ޤައުމުގައި މި އުފެއްދެނީ ކިހާ ގަޑުބަޑު ވާހަކައެއްތޯ؟ އެކަން ނުކުރުމަށް އަޅުގަނޑު ގޮވާލަން" ނިޝާން ވިދާޅުވިއެވެ.

ރާއްޖޭގައި އިންޓެލިޖެންސްއާ ބެހޭ ޤާނޫނެއް ނެތް ކަމަށާއި ޝަރުއީ ކޯޓުތަކުން އިންޓެލިޖެންސް ރިޕޯޓުގެ މައްޗަށް އެކަނި ގޮތް ނުނިންމޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށް ނިޝާން ވިދާޅުވިއެވެ. އެހެންކަމުން އިންޓެލިޖެންސްއާ ބެހޭ ޤާނޫނެއް ރާއްޖޭގައި އޮންނަ ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް