Advertisement
ކ. މާލެ
|
4 ޖެނުއަރީ 2019 | ހުކުރު 22:15
ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަބްރޫކްގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަނީ
ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަބްރޫކްގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަނީ
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް 2019
އެމްޑީޕީގެ ޕްރައިމަރީއަކީ ޕާޓީގެ އެތެރޭގެ ހަރަކާތެއް، އެއީ ޕާޓީގެ އެތެރޭގެ އިދިކޮޅު ހަރަކާތެއް ނޫން: ރައީސް ނަޝީދު
މިއީ ސުލްހަވެރި ވާދަވެރި އެކުވެރި ހަރަކާތެއް
ވަސީލަތްތައް ބޭނުންކޮށްގެން ކުދި ޖަޒީރާތައް މާ ރަނގަޅަށް ވެސް ތަރައްޤީ ކުރެވޭނެ

މޯލްޑިވިއަން ޑޮމޮކްރޮޓިކް ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީއަކީ އެ ޕާޓީގެ އެތެރޭގެ ހަރަކާތެއް ކަމަށާއި އެއީ ޕާޓީގެ އެތެރޭގެ އިދިކޮޅު ހަރަކާތެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވ. ފެލިދޫ ދާއިރާއަށް ޕްރައިމަރީގައި ވާދަކުރައްވާ މަބްރޫކް އަޒީޒްގެ ކެމްޕެއިން ލޯންޗުކުރުމަށް ހުކުރު ދުވަހުގެ ހަވީރު ވ. ފުލިދޫގައި އޮތް ހަރަކާތުގައި އެ ރަށު ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ އެތެރޭގެ ޑިމޮކްރޮސީ އޮންނަ ޕާޓީއެއް ކަމަށާއި އެމްޑީޕީ ޕްރައިމަރީ އަކީ ސުލްހަވެރި ވާދަވެރި ހަރަކާތެއް ކަމަށެވެ.

"އެމްޑީޕީ އަކީ އެތެރޭގެ ޑޮމޮކްރޮސީ އޮންނަ ޕާޓީއެއް، ޕާޓީގެ ޕްރައިމަރީ އަކީ ޕާޓީގެ އެތެރޭގެ ހަރަކާތެއް، މިއީ ޕާޓީގެ އެތެރޭގެ އިދިކޮޅު ހަރަކާތެއް ނޫން. މިއީ ސުލްހަވެރި ވާދަވެރި އެކުވެރި ހަރަކާތެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިއަދު ދުނިޔޭގެ ޓެކްނޮލޮޖީއާ ދުނިޔޭގައި ހޯދެން ހުރި ނިޒާމްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ކުދި ޖަޒީރާތައް މާ ރަނގަޅަށް ވެސް ތަރައްޤީ ކުރެވޭނެ ކަމަށެވެ. އަދި ފެނާއި ނަރުދާމާގެ ނިޒާމަކީ ބޭނުންތެރި ނިޒާމެއް ކަމަށާއި އެ ނިޒާމަކީ ވިޔަފާރީގެ ގޮތުން ދެކޮޅު ޖެހޭ ނިޒާމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ޑީސަލުން ކަރަންޓުދީގެން އެ ކަރަންޓުން ބޮޑު އަގު ނެގުމަކީ މާ ކުރީގެ ޓެކްނޮލޮޖީއެއް ކަމަށާއި ސޯލާއިން ކަރަންޓު ނެގުމުން ރައްޔިތުންނަށް ފަސޭހަވެފައި، ކަރަންޓުގެ ހަރަދު ވެސް ކުޑަވާނެ ކަމަށެވެ.

"ހަމަ ބުއްދިން ވިސްނާފައި ކައުންސިލުންނާއި މަޖިލީހުންނާއި ސަރުކާރުން މަސައްކަތް ކުރީމާ މި ރަށަށް ފައިބާ ވެހޭ ފެން މި ރަށު މީހުންނަށް ބޭނުންކުރެވޭނެ، މި ރަށުގައި އުފައްދާ ކަރަންޓުން މި ރަށުގެ ފެން ޑީސެލިނޭޓް ވެސް ކުރެވޭނެ. މި ރަށުގައި ހަދާ ނަރުދަމާގެ ނިޒާމުގެ ހޮޅި ގޮސް ބޭރުވެފައި އޮންނާނީ ސާފުނުކުރާ ނަޖިސް މޫދަށް ދާ ގޮތަކަށް ނޫން. ނަރުދަމާގެ ނިޒާމު މިހާރު އުފެދިގެން އަންނައިރު އަންނަން ޖެހޭނީ ސާފުވެގެން ރީތި ގޮތުގައި އޭގެ ބާކީ ބައި އުކާލެވޭ ގޮތަށް. މިއަދު ކުންޏެއް ނެތް ދުނިޔެއަކު، ދުނިޔޭގައި ވަނީ ކަރަންޓަށް ބަދަލުކުރާ ހަކަތައަށް ބަދަލުކުރާ ސާމާނު، ކުންޏެއް ނުހުރޭ. މުޅިން އެހެން އިޤްތިސޯދެއް މުޅިން އެހެން ވިސްނުމެއް އަޅުގަނޑުމެންނަށް ބިނާކުރެވޭނެ" ނަޝީދު ވިދާޅުވިއެވެ.   

ރައީސް ސޯލިހްގެ ސަރުކާރުން އަކުރުން އަކުރަށް ރަނުން ރަނަށް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ހޯދައިދޭންޖެހޭ ޤާނޫނީ ބާރުވެރިކަން، ލިބޭނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ބޮޑު އަޤުލަބިއްޔަތު ލިބިގެން ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ނަޒާހަތްތެރި މަޖިލީހަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް