މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔައިފިއެވެ.
މި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަކީ ސަޢޫދީ އަރަބިއާގެ ރައްޔިތެއް ކަމަށްވާ ޚާލިދު ކަރީމް އެވެ.
އޭނާ ރާއްޖެ އައީ އޮމާން އެއަރ ފްލައިޓް ޑަބްލިޔު.ވައި 381 އިން އަންގާރަ ދުވަހު ހެނދުނު އެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އާ އަހަރުގެ ފެށުމާއި، އެނިވަރސަރީ ފާހަގަ ކުރުމަށްޓަކައި އޭނާގެ ޢާއިލާއާއި އެކުގައެވެ.
މިއީ އަހަރެމެން ދިވެހިރާއްޖެއަށް އައި ދެވަނަ ފަހަރު. ދިވެހިރާއްޖޭގެ އެންމެ ޚާއްސަ ކަމަކީ ދިވެހީންގެ އޯގާތެރި ހިނިތުންވުން. ދިވެހިންގެ ހިނިތުން މޫނުތައް ފެނުނީމަ އަހަރެމެންނަށް އަމިއްލަ ވަޒަނުގައި ހުރެވޭ ކަހަލަ އިހުސާސެއް ކުރެވޭ"، އެ ދެމަފިރިން ބުންޏެވެ.
މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށްޓަކައި މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު، އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުޙައްމަދު އަދި ދެ އޮފީހުގެ އިސް ވެރީންނާއި، އެމް.އޭ.ސީއެލް އާއި މަޓާޓޯގެ އިސް ވެރީންނާއި، ފަތުރުވެރިޔާއަށް ހަދިޔާ ދިން ފަރާތްތަކުން ވަނީ ބައިވެރި ވެފައެވެ.
ދިވެހިރައްޔިތުންގެ ފަރާތުން މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ހަދިޔާ ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދެވެ. އަދި އެމް.އެމް.ޕީ.އާރް.ސީ ގެ ފަރާތުން "އެގްޒެކެޓިވް ގިފްޓް ޕެކް" ޙަވާލުކޮށްދެއްވީ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުޙައްމަދެވެ. އަދި އެމް.އޭ.ސީ.އެލް ގެ ފަރާތުން ހަދިޔާ ޙަވާލުކޮށްދެއްވީ އެ ކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިޙެވެ.
މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ހަދިޔާގެ ގޮތުގައި އެއް ހަފްތާގެ ޗުއްޓީއެއް މިއަހަރު ހަދިޔާކުރީ "އާވީ ނޭޗަރސް ޕެރެޑައިސް" ރިޒޯޓުންނެވެ. އަދި "އޮމާން އެއަރ"ގެ ފަރާތުން ވަނީ އެމީހުން ދިވެހިރާއްޖެއަށް އަލުން އައުމަށް ޓިކެޓް ދީފައެވެ.
މިނިސްޓަރު މީޑިއާއަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވީ ދިވެހިރާއްޖެއިން މިއަހަރު އަމާޒު ހިފާނެ އެއް ކަމަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ފަތުރުވެރީން ރާއްޖެ އަންނަ ވަގުތު މިހާރަށްވުރެ ހިތްގައިމު ތަޖުރިބާއެއް ކުރެވޭނެ ގޮތަށް ކަންކަން ތަރައްގީ ކުރުމަށެވެ.
މިގޮތުން އެއަރޕޯޓްގެ މަސައްކަތް ކުރިޔަށްދާނީ އެ ކަންކަމަށް ވިސްނައިގެން ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ނިމިގެން ދިޔަ އަހަރަށްވުރެ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ޢަދަދު އިތުރު ކުރުމަށް އެ ކުންފުނިން ގިނަ ކަންތައްތަކެއް ރޭވިފައި ވާ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި އެ ކަންކަމުގެ ތަފްސީލް މީޑިއާ އާއި ޙިއްސާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާ ނިސްބަތްވާ ސަޢުދީ އަރަބިއާ އަކީ މެދުއިރުމަތީން ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރީން އަންނަ ގައުމެވެ. އަދި މިއީ ހަލުވި ކަމާއި އެކު ބޮޑުވަމުން އަންނަ މާކެޓެކެވެ. 2017 ވަނަ އަހަރާއި އަޅާ ބަލާއިރު، ނިމިގެންދިޔަ އަހަރުގެ ޖެނުއަރީ އިން ނޮވެމްބަރަށް، ސަޢޫދީ އަރަބިއާއިން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރީންގެ ޢަދަދު ވަނީ 16 އިންސައްތަ އިތުރުވެފައެވެ.
މި މުއްދަތުގައި 475،21 ސަޢޫދީ ފަތުރުވެރީން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަކީ ސަޢޫދީގެ ރައްޔިތަކަށް ވުމުން މެދުއިރުމަތީގައި ދިވެހިރާއްޖެ އިޝްތިހާރު ވެގެން ދާނެއެވެ. އެމް.އެމް.ޕީ އާރް.ސީ އިން ކޮންމެ އަހަރެއްގެ ފުރަތަމަ ފަތުރުވެރިޔާގެ އިތުރުން ފަސް ލައްކަ ވަނަ ފަތުރުވެރިޔާ، ހަތްލައްކަ ފަންސާސް ހާސް ވަނަ ފަތުރުވެރިޔާ އަދި އެއް މިލިޔަން ވަނަ ފަތުރުވެރިޔާ ފާހަގަކޮށް މަރުޙަބާ ކިޔައެވެ.
2018 ވަނަ އަހަރުގެ ޖެނުއަރީ އިން ނޮވެމްބަރުގެ ނިޔަލަށް ޖުމްލަ އެއް މިލިއަން ތިންލައްކަ ތިރީސް ތިން ހާސް ހަ ސަތޭކަ ފަންސާސް ހަތަރު ފަތުރުވެރީން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، 7 އިންސައްތައިގެ ކުރިއެރުމެކެވެ.