މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންސީސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އިން އިންތިޒާމު ކޮށްގެން ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018ގެ ގާލާ އެޑިޝަން ބާއްވައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވީ ހަފްލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވިއެވެ. މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއެވެ. ދައުލަތުގެ ބައެއް ވަޒީރުންނާއި ރާއްޖޭގެ ބައެއް ކުންފުނިތަކުގެ އިސްވެރިން މި ހަފުލާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ
މި ހަފުލާގައި މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދު ވިދާޅުވީ މި އަހަރު މަޓާޓޯއިން ބޭއްވި މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ތިން އެޑިޝަނަށް ވެސް ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަމަށެވެ. އެގޮތުން 300 ނޮމިނޭޝަންއަށް ބައި މިލިއަނަށް ވުރެ ގިނަ ވޯޓު ލިބިފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.
މި ފަހަރުގެ ޓްރެވަލް އެވޯޑްސްގައި ރާއްޖޭގެ ލީޑިން ލަކްޒަރީ އެވޯޑު ލިބުނީ ޝެވަލް ބްލޮންކް ރަންދެލިއަށެވެ. ލީޑީން ބީޗް ރިސޯޓުގެ މަގާމު ލިބުނީ ކޮކޫން މޯލްޑިވްސްއަށެވެ. އަދި ލީޑިންގް ޕްރައިވެޓް އައިލެންޑް ލިބުނީ ނަލަދޫ ޕްރައިވެޓް އައިލެންޑަށެވެ. އިތުރު 27 ކެޓެގަރީއަކުން އެއްވަނައަށް އައި ފަރާތްތަކަށް ވަނީ މި ހަފުލާގައި އެވޯޑް ދީފައެވެ.
މިފަހަރުގެ އެވޯޑުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ހަތަރު ފަރާތަކަށް ވަނީ އެ މީހުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޕީޕަލްސް އެޑިޝަން އެވޯޑު ދީފައެވެ. މި އެވޯޑު ލިބިވަޑައިގެންނެވީ އަލީ އަހުމަދު (ވިސްތާ އަލީ)، އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ)، ހުސައިން ވަހީދުގެ އިތުރުން މާކް ހެއިރްއަށެވެ.
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަނަކީ ހޮޓެލްތަކާއި ރިސޯޓުތަކާއި ޓްރެވަލް މަރުކާތަކުގެ އިތުރުން އެއާލައިނުތަކާއި ލިވްއަބޯޑުތަކަށް ހާއްސަ އެޑިޝަނެވެ. މިއަހަރަކީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބޭއްވި ހަތްވަނަ އަހަރެވެ.