ކ. މާލެ
|
27 ޑިސެންބަރ 2018 | ބުރާސްފަތި 22:16
ޔޫތު މިނިސްޓަރު މަހުލޫފު (ކ)
ޔޫތު މިނިސްޓަރު މަހުލޫފު (ކ)
Twitter/Ahmed Mahloof
ހަފްތާ ރެސް
ބޭނުމަކީ ވިހާވެސް ގިނަ ޒުވާނުންނަށް ހަފުތާ ރެސްއިން ފުރުސަތު ދިނުން: މަހްލޫފު
މި ހަރަކާތަށް ފަހު އެ ތަން ވެގެން ދާނީ ވަރަށް ''ހެޕެނިންގް'' ތަނެއްގެ ގޮތުގައި

ޔޫތު މިނިސްޓްރީ އިންތިޒާމު ކޮށްގެން ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭ ބާއްވަން ހަމަޖެހިފައިވާ ''ހަފްތާ ރެސް'' ގެ ބޭނުމަކީ ވީހާވެސް ގިނަ ޒުވާނުންނަށް ވިޔަފާރިކުރުމުގެ ފުރުސަތު ދިނުން ކަމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް އެމްޕަވާމަންޓް އަހްމަދު މަހުލޫފު ވިދާޅުވެއްޖެ.

ހުކުރު ދުވަހުގެ ރޭ ހުޅުވަން ހަމަޖެހިފައިވާ ހަފްތާ ރެސް މާކެޓްއާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މަހްލޫފު ވިދާޅުވީ، ހަފްތާ ރެސް އަކީ މަގުމަތީ ބާޒާރު ކަހަލަ ގޮތަށް އިތުރު ބަދަލުތަކެއް ގެނެސް ހިންގަން ހަމަޖެހިފައިވާ މާކެޓެއް ކަމަށެވެ.

މަހުލޫފު ވިދާޅުވީ، މި ފަދަ މާކެޓެއް ހިންގުމުގެ ބޭނުމަކީ އަލަށް ވިޔަފާރިގެ ތެރެއަށް ވަންނަށް ބޭނުންވާ ޒުވާނުންނަށް ފުރުސަތު ދިނުންކަމަށެވެ.

އެގޮތުން ފުރުސަތު ދޭނީ ކެޓަގަރީ ތަކަކަށް ބަހާލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.  

މަހްލޫފު ވިދާޅުވީ، މި މާކެޓް އިން ހެޔޮ އަގެއްގައި ރައްޔިތުންނަށް އެއްޗެހި ލިބިގެންދާނެ ކަމަށާއި މި ހަރަކާތަށް ފަހު އެ ތަން ވެގެން ދާނީ ވަރަށް ''ހެޕެނިންގް'' ތަނެއްގެ ގޮތުގައި މިނިސްޓަރު ވަނީ  ސިފަ ކުރައްވާފައެވެ.

 ''އަޅުގަނޑުމެން އުއްމީދު ކުރަނީ މިކަން ފެށިގެން ދިޔުމަށް ފަހު  މިސަރަހައްދަކީ ވަރަށް ބޮޑަށް ހެޕަނިން އޭރިޔާ އަކަށް މިތަން ވެގެންދާނެ. ހަމަ ލައިވް މިއުޒިކާ އެކީ މިކަން ކުރިޔަށް ދާނީ'' އޭނާ ވިދާޅުވި އެވެ. 

މި ސަރުކާރުގެ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެންމެ ޒުވާން ވަޒީރު މަހްލޫފު ވިދާޅުވީ، މި ހަރަކާތް ރޭވުމުގައި އެއްމެ ބޮޑަށް އިސްކަން ދީފައިވަނީ ޒުވާނުންގެ އެއްބާރުލުމާއި އެކު ކުރިޔަށް ގެންދާ ގޮތަށް ކަމަށެވެ.

މި ކަހަލަ ކަންތައްތަކުގައި ޒުވާނުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަ ކޮށް މަހްލޫފު ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާ ކޮށްފައެވެ. މި ހަރަކާތުގައި ގިނަ ރައްޔިތުން ތަކެއް ބައިވެރިވާނެ ކަމުގެ އުއްމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުކުރު ދުވަހަގެ ރޭ އަށެއް ޖަހާއިރު ރަސްމީކޮށް މި މާކެޓް ފެށިޔަސް، ހަވީރު ހަތަރަކުން ފަށައިގެން ސްޓޯލް ތަކަށް އާއްމުންނަށް ވަދެވޭނެ ކަމަށް މަހްލޫފް ވިދާޅުވެފައެވެ.

 ''ހަފްތާ ރެސް'' މާކެޓް ބާއްވާނެ ކަމުގެ އިއުލާން ޔޫތު މިނިސްޓްރީ އިން އިއުލާން ކޮށްފައި ވަނީ މި މަހުއެވެ.  

މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާފަންނު ސޯޝަލް ސެންޓަރ ސަރަހައްދާއި ރަސްފަންނު ސަރަހައްދުގައެވެ.

- ކޮމެންޓް