ދެކުނު ސޫދާނު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ދިޔަ އެގައުމުގެ ރައްޔިތުންގެ އަދަދު 1.5 މިލިއަނަށް ވުރެ މައްޗަށް އަރައި އެ ގައުމަކީ ތިން ވަނައަށް އެންމެ ގިނަ ރެފިއުޖީން އުފެދުނު ގައުމު ކަމަށް އދ.ގެ ރެފިއުޖީންނާ ބެހޭ އިދާރާ ޔޫއެންއެޗްސީއާރުން ބުނެފިއެވެ.
މިހާރު އެންމެ ގިނަ ރެފިއުޖީން ނިސްބަތްވާ ގައުމަކީ ސީރިއާ އާއި އަފްޣާނިސްތާނެވެ.
އދ.ގެ ރެފިއުޖީންނާ ބެހޭ އިދާރާއިން ހުކުރު ދުވަހު ބުނީ ސަރުކަރުތަކާއި ވާދަވެރި ހަނގުރާމަވެރި ޖަމާއަތްތަކުން ވާހަކަ ދައްކަން އެއްބަސް ނުވާހާ ހިނދަކު އެގައުމުތަކުގައި އަދި ގައުމުން ބޭރަށް ރެފިއުޖީންގެ ގޮތުގައި ދާ ފަރާތްތައް މި އަހަރު ދާނީ އިތުރުވަމުން ކަމަށެވެ.
ޔޫއެންއެޗްސީއާރު އިން ބުނީ ގައުމުގެ ތެރޭގައި ރެފިއުޖީންގެ ގޮތުގައި ތިބި މީހުންގެ އަދަދު 2.1 މިލިއަނަށް އަރާ ކަމަށެވެ.
ޔޫއެން އެޗްސީއާރުން ބުނީ މި އަދަދުތަކާ އެކު ދެކުނު ސޫދާނަކީ އެފްރިކާގައި ރެފިއުޖީންގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމު ކަމަށާއި އަދި ސީރިއާ އާއި އަފްޣާނިސްތާނަށް ފަހު ތިންވަނަ ކަމަށެވެ.
އެ ޖަމާއަތުން ވަނީ ހަމަނުޖެހުމުގައި ހިމެނޭ ހުރިހާ ފަރާތްތަކަކުން މައްސަލައިގެ ސުލްހަވެރި އަވަސް ހައްލަކަށް ދިއުމަށް ގޮވާލާފައެވެ. މީގެ އިތުރުން ރެފިއުޖީންގެ މައްސަލައަށް ސަމާލުކަން ދޭ މިންވަރު ކުޑަވުމާއި ފަންޑިންގެ ލިބޭ މިންވަރު ދަށްކަން ވަނީ ފާހަގަކޮށްފައެވެ.
ޔޫއެންއެޗްސީއާރުގެ ފަރާތުން ވާހަކަދެއްކެވި ވިލިއަމް ސްޕްލިންޑާ ވިދާޅުވީ 2016 ވަނަ އަހަރު އެކަނިވެސް 760،000 މީހުން އެގައުމު ދޫކޮށް ދިއަ ކަމަށެވެ. އޭގެ ތެރޭގައި އަހަރުގެ ފަހު ހަމަސް ދުވަހު ދިޔަ 500،000 މީހުން ވެސް ހިމެނޭ ކަމަށެވެ.
ހަތިޔާރާއެކު އެގައުމުގެ ދާޚިލީ ހަމަނުޖެހުން ހިނގަމުންދާތާ މިހާރު މިއީ ހަތަރުވަނަ އަހަރެވެ.
އެގައުމުގެ ރެފިއުޖީންގެ ތެރެއިން 60 އިންސައްތައަކީ ކުޑަކުދިން ކަމަށްވާ އިރު އޭގެ ތެރޭގައި ކާޑުބަލި ޖެހިފައިވާ ކުދިން ކަންބޮޑުވާ މިންވަރަކަށް ތިބިކަން އދ. އިން ފާހަގަ ކުރެއެވެ.