Advertisement
ކ. މާލެ
|
24 ޑިސެންބަރ 2018 | ހޯމަ 08:29
މޯލްޑިވްސް ބޯޓިންގ އެވޯޑްސް ހަފްލާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ޢިސްމާއިލް ވާހަކަ ދައްކަވަނީ
މޯލްޑިވްސް ބޯޓިންގ އެވޯޑްސް ހަފްލާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ޢިސްމާއިލް ވާހަކަ ދައްކަވަނީ
ވަން އޮންލައިން
މީރާ
މީރާ އަކީ ވިޔަފާރީތަކަށް އޮތް ބޮޑު ގެއްލުމެއް: އިކޮނޮމިކް މިނިސްޓަރު
ޓެކްސް ނެގުމަކީ ވިޔަފާރީތައް ފުނޑުފުނޑު ކޮށްލާފައިވާ ޓެކްސް ނެގުމެއް ނޫން
ފާއިތުވި ފަސް އަހަރު މީރާ އަމިއްލައަށް ބޭނުންވާ ގޮތަކަށް ޤާނޫނާ ޤަވާއިދުތައް މާނަކޮށްގެން ވަރަށް ގިނަ ވިޔަފާރީތައް ބަނގުރޫޓު ވެގެންދިޔަ

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަކީ މި ވަގުތު ވިޔަފާރީތަކަށް އޮތް ބޮޑު ގެއްލުމެއް ކަމަށާއި ކުރިއަތް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޓެކްސް ރިވިއު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ޢިސްމާއިލް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި އޮތް މޯލްޑިވްސް ބޯޓިންގ އެވޯޑްސް ހަފްލާ ޝަރަފުވެރިކޮށް ދެއްވާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މީރާ އަކީ މިވަގުތު ވިޔަފާރީއަށް އޮތް ގެއްލުމެއް ކަމަށާއި އެހެން ނަމަވެސް މީރާ އުފެދިގެން އައީ އެ  މަޤްސަދުގައި ނޫން ކަމަށެވެ.

"މީރާ އަކީ މިވަގުތު ވިޔަފާރީތަކަށް އޮތް ވަރަށް ބޮޑު ގެއްލުމެއް، މީރާ އުފެދިގެން އައީ އެކަމަކު އެ ނިޔަތަކު ނޫން. މީރާ އުފެދިގެން އައީ ވިޔަފާރިވެރިން ލައްވާ ވިޔަފާރި ކުރުވާ އޭގެ މަންފާ ދިވެހި ރައްޔިތުންނަށް ބެހޭނެ ގޮތަކަށް ރޭވުމަށްޓަކައި. ޤައުމެއްގެ ކުރިއެރުން ނުގެނެވޭނެ ޓެކްސް ނުނަގައެއް. އެކަމަކު ޓެކްސް ނެގުމަކީ ވިޔަފާރީތައް ފުނޑުފުނޑު ކޮށްލާފައިވާ ޓެކްސް ނެގުމެއް ނޫން. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ފާއިތުވި ފަސް އަހަރު މީރާ އަމިއްލައަށް ބޭނުންވާ ގޮތަކަށް ޤާނޫނާއި ޤަވާއިދުތައް މާނަކޮށްގެން ވަރަށް ގިނަ ވިޔަފާރީތައް ބަނގުރޫޓު ވެގެންދިޔަތަން. ކުރިއަތް އޮތް މަހެއްހާ ދުވަސް ތެރޭގައި އަޅުގަނޑުމެން ޓެކްސް ރިވިއު ކުރުމުގެ މަސައްކަތް ފަށާނަން" ފައްޔާޒު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިސްނުންފުޅުގައި ހުރީ ވިޔަފާރީތަކަށް ފަސޭހަ ފަހި މާހައުލެއް ޤާއިމްކޮށްދެއްވަންކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުން ވިޔަފާރިތަކާ މެދު އަމަލުކޮށްފައިވަނީ ނުވިސްނާ ކަމަށެވެ. އެގޮތުން ކުއްލި ކުއްލިއަށް ބަދަލު ގެނެސް ވިޔަފާރިތަކަށް ދިމާވެދާނެ ތަކުލީފަކަށް ވިސްނާފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުން ކަންތައް ކުރާނީ އެގޮތަށް ނޫން ކަމަށް ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ އިމްޕޯޓް ލައިސެންސް ބާތިލް ކުރަން ވިސްނާފައިވާނެ ކަމަށާއި އެކި ސަބަބުތަކާ ހެދި 20 ނޫނީ 25 އަހަރުވެ، އުވާނުލެވިވާ 7500 ކުންފުނި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އުވާލާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

ވިޔަފާރީތަކަށް ސަރުކާރުގެ ފަރާތުން ފަސޭހަތައް ގެނެސްދޭއިރު އެކަމާއި ގުޅިގެން ޒިންމާތަކެއް އަންނާނެ ކަމަށާއި އެ ފަސޭހަތައް ވިޔަފާރީތަކުން ނުބައި ގޮތުގައި ބޭނުންކުރުމުގެ އެއްވެސް ޖާގައެއް މި ސަރުކާރުން ނުދޭނެ ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމުގެ ދާއިރާއަށާއި އެހެނިހެން ދާއިރާތަކަށް މީހުން ތަމްރީން ކުރާނެ ކަމަށާއި އެ ހުނަރުތައް ހޯދުމުގެ ޕްރޮގްރާމެއް އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ރާއްޖޭގެ ބޯޓިންގ އިންޑަސްޓްރީގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ސަފާރީތައް ރައްކާތެރިކަމާއެކު އަޅާނެ ބަނދަރެއް ނެތުން ކަމަށެވެ. އަދި ކުރިއަތް އޮތް މަސްތަކުގައި ސަފާރީ ބޯޓުތައް އަޅާނެ ބަނދަރެއް މާލެ ކައިރިން ލިބޭނެކަމުގެ ޔަޤީންކަން ފައްޔާޒު ވަނީ ދެއްވާފައެވެ.

ރާއްޖޭގެ ބޯޓިންގް އިންޑަސްޓްރީގެ ޤައުމީ ޖަމިއްޔާއަކަށް މޯލްޑިވްސް ލިވްއަބޯޑް އެސޯސިއޭޝަން ހަމަޖެހިފައިވާ ކަމަށާއި ހޯމް މިނިސްޓްރީން އެ ހުއްދަ ވެސް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް