ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދުގެ ބޭބޭފުޅު، ޕްރިންސް ޠަލާލް ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު އަވަހާރަވުމާ ގުޅިގެން، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް އާދިއްތަ ދުވަހު ފޮނުއްވެއްވި ތައުޒިއާގެ މެސްޖްގައި، ޕްރިންސް ތަލާލް އަވަހާރަވުމާއި ގުޅިގެން ސައުދީ އަރަބިއްޔާއަށް ކުރިމަތިވި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި ސައުދި ޝާހީ އާއިލާއަށް ރައީސް ވަނީ އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މީގެ އިތުރުން ޕްރިންސް ޠަލާލް އަކީ ސައުދި އަރަބިއްޔާގެ ވެރިކަމުގެ އެންމެ އިސް ސަފުގައި އެތައް ގޮތަކުން ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތެއްކަން ރައީސް ވަނީ ފާހަގަކޮށްފައެވެ.
ޕްރިންސް ތަލާލް އަވަހާރަވުމަކީ ސައުދީ އަރައްބިއްޔާގެ ރައްޔިތުންނަށް ލިބިގެން ދިޔަ ބޮޑު ހިތާމައެއްގެ ގޮތުގައި ރައީސް ސޯލިހުގެ މެސެޖްގައިވަނީ ސިފަ ކުރައްވާފައެވެ.
އުމުރުފުޅުން 87 އަހަރުފުޅުގައި ޕްރިންސް ތަލާލް އަވަހާރަވެއްޖެކަމަށް ސައުދީ ޝާހީ ގަނޑުވަރުން ބުނެފައި ވަނީ ހޮނިހިރު ދުވަހުއެވެ. އެމަނިކުފާނު އަވަހާރަވެފައި ވަނީ އާލާސްކަންފުޅުގައި ގިނަ އަހަރުތަކެއް އުޅުއްވުމަށް ފަހުއެވެ.
އެ މަނިކުފާނުވަނީ 1950 އާއި 1960 ގައި ސައުދީ ވެރިކަމުގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އޭގެތެރޭގައި ކޮމިއުނިކޭޝަން މިނިސްޓަރކަމާއި، ފައިނޭސް މިނިސްޓަރކަންވެސް ހިމެނެއެވެ.
ޝާހީ ގަނޑުވަރުން ބުނީ ޕްރިންސް ތަލާލްގެ ޖަނާޒާއާއި ކަށުނަމާދު އޮންނާނީ ވެރިރަށް ރިޔާޛްގައި އާދީއްތަ ދުވަހު ކަމަށެވެ.