Advertisement
ކ. މާލެ
|
19 ޑިސެންބަރ 2018 | ބުދަ 21:42
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް
ރައީސް އޮފީސް
ސިޓީ ކައުންސިލުގެ ބާރުތައް
ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް ރައީސް އަލުން ކަނޑައަޅުއްވައިފި
ބާރުތައް އަލުން ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު

ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަލުން ކަނޑައަޅުއްވައިފިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، ސިޓީ ކައުންސިލްގެ ބާރުތައް ކަމަށް ކަނޑައަޅުއްވާފައިވާ ކަންކަމުގެ ތެރޭގައި، އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލުގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، އެފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، ދިނުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި މި އިންވެސްޓްމަންޓްތައް ކައުންސިލުގެ ނަމުގައި މިލްކުކުރުމާއި، ކައުންސިލުގެ ބެލުމުގެ ދަށުން ޚިދުމަތްދެވޭ ތަންތަނާއި، ކައުންސިލުގެ އުޅަނދުފަހަރާއި، މަގުތަކާއި، ޕާކު ފަދަ އާންމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުމާއި، ސިޓީއާއި ސިޓީގައި ހިމެނޭ އަވަށްއަވަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުން ހިމެނެއެވެ.

ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް ކަމަށް ކަނޑައަޅުއްވާފައިވާ ކަންކަމުގެ ތެރޭގައި، ބިން ދޫކުރުމާއި ބިމާއި ޢިމާރާތްތައް ރަޖިސްޓަރީ ކުރުމާއި، ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި، އެކިއެކި ފަރާތް ފަރާތުން ބިންބިމާ ގުޅޭގޮތުން ހިންގާ އެންމެހައި މުޢާމަލާތުތަކުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މިސްކިތްތައް ބެލެހެއްޓުމާއި، އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެ ސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފުތަރު ލިޔެ ބެލެހެއްޓުމާއި، މަގުތައް ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ސިޓީ ކައުންސިލްގެ ގިނަ ބާރުތަކެއް ވަނީ ހަނިކޮށްފައެވެ. ކުރީގެ ސަރުކާރުން ސިޓީ ކައުންސިލްތަކުގެ ބާރުތައް ހަނިކޮށްފައި އޮތް އޮތުމަށް ނިމުމަކަށް ގެނެސް، ސިޓީ ކައުންސިލްތަކަށް ބާރުތައް އަލުން ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް