Advertisement
ކ. މާލެ
|
18 ޑިސެންބަރ 2018 | އަންގާރަ 22:59
ހިންވަރު ދާއިރާގައި އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ޖީހާން މަހްމޫދުގެ ކެމްޕެއިން ލޯންޗުކުރުމުގެ ހަރަކާތުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ
ހިންވަރު ދާއިރާގައި އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ޖީހާން މަހްމޫދުގެ ކެމްޕެއިން ލޯންޗުކުރުމުގެ ހަރަކާތުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ
ސިމާހާ ނަސީމް
އެމްޑީޕީގެ ޕްރައިމަރީ
ޕްރައިމަރީގައި މޮޅުވާ ކެންޑިޑޭޓެއްގެ ފަހަތަށް އެމްޑީޕީގެ މެމްބަރުން އަރާނެ، އެއީ ޝައްކެއް އޮތް ކަމެއް ނޫން: ނަޝީދު
އެއްވެސް ކެންޑިޑޭޓަކު ކަންބޮޑުވާކަަށް ނުޖެހޭނެ
ރައީސް ސޯލިހްގެ ސަރުކާރު ހިންގަމުންދަނީ ގުޅިފައިވާ ޕާޓީގެ ފިކުރާއި ވައުދުތަކަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް، މޮޅުވާ ކެންޑިޑޭޓެއްގެ ފަހަތަށް އެމްޑީޕީގެ ހުރިހާ މެމްބަރުން އަރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ހިންވަރު ދާއިރާގައި އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ޖީހާން މަހްމޫދުގެ ކެމްޕެއިން ލޯންޗުކުރުމުގެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކު ކަންބޮޑުވެލައްވަން ނުޖެހޭނެ ކަމަށާއި ޕްރައިމަރީގައި މޮޅުވާ ކެންޑިޑޭޓެއްގެ ފަހަތަށް އެމްޑީޕީގެ މެމްބަރުން އަރާނެ ކަމަށެވެ. އަދި އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވާ އެއްވެސް ކެންޑިޑޭޓެއް ކަންބޮޑުވެލައްވާނެ ކަމެއް ނެތް، ހުރިހާ މެމްބަރުން އަރާނެ މޮޅުވާ ކެންޑިޑޭޓެއްގެ ފަހަތަށް، އެއީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާނެ ކަމެއް ނޫން، އަޅުގަނޑުމެންގެ ޕާޓީއަށް 13 އަހަރު މިވަނީ. މި ޕާޓީ ނޫނީއްޔާ އެތެރެވަރީގައި ޕްރައިމަރީ ބާއްވާ ޕާޓީއެއް ނޯންނާނެ. ނަޝީދު ވިދާޅުވިއެވެ.   

އެމްޑީޕީގެ ފަރާތުން ގުޅިފައިވާ އިއްތިހާދާއެކު އެތައް ވައުދުތައް ވެފައިވާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރު ހިންގަމުންދަނީ ގުޅިފައިވާ ޕާޓީގެ ފިކުރާއި ވައުދުތަކަށް ކަމަށާއި އޭގެ ތެރެއިން އެމްޑީޕީގެ އުންމީދުތައް ވަރަށް ސާފުވެފައި ފުން ކަމަށެވެ.

ދިވެހިންނަށް ތަނަވަސް ދިރުއުޅުމެއް އުޅެވެން އެބައޮތް ކަމަށާއި ދިވެހިންނަށް ހައްޤުވާ މިންވަރު ލިބޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ ހައްޤު މިންވަރު ލިބެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އިންސާފުވެރި ޝަރީއަތެއް ރާއްޖޭގައި ހިންގައިގެން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ތަސައްވަރުގައި އޮތީ ފެލިވަރުގައި އެއަރޕޯޓެއް އެޅުމުގެ އިތުރުން ހިންވަރާއި ނައިފަރާ ގުޅާލުން ކަމަށެވެ. އެމްޑީޕީން މިސްރާބު ހިފާފައިވަނީ މަޖިލީހުގެ އިންތިހާބުގައި މާ ތަނަވަސް އަޤުލަބިއްޔަތެއް ހޯދަން ކަމަށް ނަޝީދު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް