އެއް ޗައިނާ ސިޔާސަތައް ތާއީދު ކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ރައީސް ޓްރަމްޕްގެ ރާގު ބަދަލު ކުރައްވާ ޗައިނާ އިން އުއްމީދު ކުރި ގޮތައް އެއް ޗައިނާގެ އުސޫލަށް ތާއީދު ކުރައްވާކަން ހާމަ ކުރެއްވީ ޗައިނާގެ ރައީސްއާ ފޯނުން ގުޅުއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ހުސްވި އަހަރުގެ ޑިސެމްބަރު މަހު ޓްރަމްޕް ވިދާޅުވީ "އެއް ޗައިނާ" ސިޔާސަތައް އެމެރިކާއިން ބޯލަނބަން ނުޖެހޭނެ ކަމަށެވެ.
ވޭތުވެ ދިޔަ ދިގު މާޒީގައި އެމެރިކާއިން ގަބޫލު ކުރި "އެއް ޗައިނާ" ސިޔާސަތު ރައީސް ޓްރަމްޕްގެ ވެރިކަމުގައި ބަދަލު ވެގެން ހިނގައިދާނެ ކަމަށް ގަބޫލު ކުރެވި، ޗައިނާއާ އެމެރިކާގެ ގުޅުން ރައީސް ޓްރަމްޕްގެ އެ ވާހަކަފުޅާއެކު ހީނަރު ވެގެން ދިޔަކަން ފާހަގަ ކުރެވުނެވެ.
ރައީސް ޓްރަމްޕް އާއި ރައީސް ޝީ ގެ ފޯންކޯލާ ބެހޭ ގޮތުން ވައިޓް ހައުސް އިން ބުނެފައިވަނީ، ބުރާސްފަތި ދުވަހުގެ ރޭ ދެ ބޭފުޅުން ވަރަށް ދިގު ކޮށް ފޯނުން ވާހަކަފުޅު ދެއްކެވި ކަމަށާއި، އަދި ރައީސް ޝީގެ އެދިވަޑައިގަތުމަށް "އެއް ޗައިނާ" ސިޔާސަތައް ރައީސް ޓްރަމްޕް ތާއީދު ކުރައްވާނެ ކަމަށް ޗައިނާގެ ރައީސަށް ރައީސް ޓްރަމްޕް ދެންނެވި ކަމަށް ވައިޓް ހައުސްގެ ބަޔާނުގައި ވެއެވެ.
ޖެނުއަރީ 20 ވަނަ ދުވަހު ރައީސް ޓްރަމްޕް މަގާމާ ހަވާލުވެ ވަޑައިގަތް ފަހުން މި ދެބޭފުޅުން ވާހަކަފުޅު ދެއްކެވި މީ ފުރަތަމަ ފަހަރެވެ.
ޗައިނާގެ ޑިޕޮލޮމެޓުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި ފޯނު ކޯލުގެ ކުރިން ރައީސް ޝީ ހުންނެވި ނުތަނަވަސްވެ ވަޑައިގެންފައެވެ. އެއީ ޗައިނާއިން އެދޭ ގޮތައް ރައީސް ޓްރަމްޕް "އެއް ޗައިނާ" ސިޔާސަތު ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެއްޖެ ނަމަ ރައީސް ޝީއަށް ބޮޑު ލަދުވެތި ކަމެއް ކުރިމަތިވެ ވަޑައިގަންނަވާނެ ކަމަށް ބައްލަވާފައެވެ.
ބައިނަލް އަގްވާމީ މަސްރަހުގައި ޗައިނާއަށް ޓައިވާނުގެ މައްސަލައަށް ވުރެ ބޮޑު މައްސަލައެއް ނޯންނަ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެހެން ކަމުން ޗައިނާ އާ ގުޅުން އޮންނަ ގައުމުތަކުން ގަބޫލު ކުރަންޖެހެނީ ޓައިވާނަކީ އަމިއްލަ ވެރިކަމެއް ހިންގާ ތަނެއް ނަމަވެސް އެއީ ޗައިނާގެ ބައެއްގެ ގޮތުގައެވެ. މިހާ ނާޒުކު މައްސަލައަކަށް ޓައިވާނުގެ މައްސަލަ ވެފައިވަނިކޮށް ރައީސް ޓްރަމްޕް "އެއް ޗައިނާ" ސިޔާސަތާ ދެކޮޅަށް ވާހަކަފުޅު ދެއްކެވުމަކީ ބޭކާރު ކަމެއް ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވެއެވެ.
ރައީސް ޓްރަމްޕް އާއި ރައީސް ޝީގެ މަޝްވަރާތަކާ ބެހޭ ގޮތުން ޗައިނާގެ ރަސްމީ މީޑިއާ މެދުވެރިކޮށް ޗައިނާއިން ސަރުކާރުން ހާމަކުރި ބަޔާނުގައި ބުނެފައިވަނީ "އެއް ޗައިނާ" ގެ ސިޔާސަތައް ރައީސް ޓްރަމްޕް ތާއީދު ކުރެއްވުމުން ރައީސް ޝީ އެކަމަށް ޝުކުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ދެ ގައުމަކީ އެއް ގައުމު އަނެއް ގައުމަށް އެހީތެރިވެދީ ގާތްކޮށް މަސައްކަތް ކުރެވިދާނެ ދެ ގައުމު ކަމަށް ރައީސް ޝީ ދެކެވަޑައިގަންނަވާ ކަމަށްވެސް ޗައިނާގެ ރަސްމީ ބަޔާނުގައި ވެއެވެ.
ޓައިވާނު ވަކި ގައުމެއްގެ ގޮތުގައ ބަލައިގަތުން އެމެރިކާއިން ނިމުމަކަށް ގެނައީ 1979 ވަނަ އަހަރުއެވެ. ނަމަވެސް އެމެރިކާއަކީ ޓައިވާނަށް މިހާރުވެސް އެންމެ ގިނަ ހަތިޔާރު ވިއްކާ ގައުމެވެ. އަދި ޓައިވާނުން އަމިއްލަ ދިފާއުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެމެރިކާގައި އޭރަކު އޮންނަ ސަރުކާރެއްގެ މައްޗަށް ލާޒިމް ކުރާ ގާނޫނެއްވެސް އެމެރިކާއިންވަނީ ފާސްކޮށްފައެވެ.
ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް އެ ގައުމުން އިއުލާނު ކުރީ 1949 ވަނަ އަހަރު އެވެ. ބެއިޖިންގ އިން ބުނަމުންދަނީ ޓައިވާން، ޗައިނާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށާއި އެކަމުގައި ބާރުގެ ބޭނުން ކުރަން ޖެހުނަސް ކުރާނެ ކަމަށެވެ.
ޓައިވާނުގެ މައްސަލައަށް ދެ ރައީސުންގެ ފޯނު ކޯލުން ފިނިކަން ލިބުނު ނަމަވެސް ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހަދަމުންދާ ރަށުގެ މައްސަލައާއި ވިޔަފާރިއާ ގުޅޭ މުހިންމު މައްސަލަތަކާ ބެހޭ ގޮތުން ދެބޭފުޅުން ވާހަކަ ފުޅު ދެއްކެވި ކަމެއް ޗައިނާއިންވެސް އަދި އެމެރިކާއިން ވެސް ހާމަކޮށްފައެއް ނުވެއެވެ.