Advertisement
ކ. މާލެ
|
17 ޑިސެންބަރ 2018 | ހޯމަ 09:25
އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައްދަލުކުރައްވަނީ
އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ރައީސްގެ އިލްތިމާސް
ބޭރުޤައުމުތަކުގައި އުޅޭއިރު މުސްލިމުންކަން ހަނދާންކޮށް، ދީނީ ވާޖިބުތަކަށް ސަމާލުކަން ދެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި
ޢަޤީދާ ބަލިކަށިވެދާނެ ފަދަ އެއްވެސް ކަމަކަށް ފުރުޞަތު ދީގެން ނުވާނެ
ބޭރު ޤައުމެއްގައި އުޅުނަސް، ކޮންމެ ދިވެއްސަކީ އަނެއް ދިވެހި މީހާގެ އެއްބަނޑުއެއްބަފާ އަޚެއްކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ

ބޭރު ޤައުމުތަކުގައި އުޅޭއިރުވެސް  އަޅުގަނޑުމެންނަކީ މުސްލިމުންކަން އަބަދުވެސް ހަނދާންކޮށް، ދީނީ ވާޖިބުތަކަށް ސަމާލުކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފިއެވެ.

މިހާރު އިންޑިއާ އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޢަޤީދާ ބަލިކަށިވެދާނެ ފަދަ އެއްވެސް ކަމަކަށް ފުރުޞަތު ދީގެން ނުވާނެ ކަމަށާއި ބޭރު ޤައުމެއްގައި އުޅުނަސް، ކޮންމެ ދިވެއްސަކީ އަނެއް ދިވެހި މީހާގެ އެއްބަނޑުއެއްބަފާ އަޚެއްކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ރާއްޖެ ފަދަ ކުޑަ ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަން،  ކަށަވަރުކުރުމުގެ އެންމެ މުހިންމު ވަޞީލަތަކީ، ބައިނަލްއަޤްވާމީ މުޖްތަމަޢާ ގުޅުން ބަދަހިކުރުން ކަމަށާއި، އެ ގުޅުން ކެނޑިގެންދާ ފަދަ ކަމެއް، މި ސަރުކާރުން ނުކުރާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ވަކިން ޚާއްޞަކޮށް، މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، އިންޑިއާއާ އެކު ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް އަލިއަޅުއްވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެކި ބޭނުންތަކުގައި އިންޑިއާއަށް ދިވެހިން ދަތުރު ކުރާ ނިސްބަތް، ދުވަހުން ދުވަހަށް އިތުރުވަމުންދާކަން ފާހަގަކުރައްވަމުން ވިދާޅުވީ އިންޑިއާގައި ދިވެހިންނަށް ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ، ވިސާ ލިބުމުގެ ދަތިކަން ކަމުގައި ވިދާޅުވިއެވެ.

"އަޅުގަނޑުގެ މިދަތުރުގައި، އިންޑިއާއާއެކު ސޮއިކުރާ ވިސާގެ އެއްބަސްވުމުގެ ދަށުން، ބޭސްފަރުވާ އާއި ޓޫރިޒަމާއި ވިޔަފާރިއާ ގުޅޭ ކަންކަމަށް، ކޮންމެ ހަ މަހަކުން 90 ދުވަހުގެ ވިސާ ލިބޭނެ. ޓޫރިސްޓު ވިސާގައި އެތެރެވުމަށް ފަހުވެސް، ޞިއްޙީ ކުއްލި ޙާލަތެއް މެދުވެރިވެއްޖެ ނަމަ، އެމީހަކަށާއި އެހީތެރިންނަށް ވެސް މެޑިކަލް ވިސާ ހަމަޖެހޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ތަޢާރަފް ކުރުމަކީ،  ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ. އަދި މިހާރު ލޯނު ނަގައިގެން ކިޔަވާ ދަރިވަރުންނަށް، ލުއިފަސޭހަ ގޮތަކަށް، ލޯނު އަނބުރާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް، ސަރުކާރުން މަސައްކަތް ކުރާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް