އިނގިރޭސިވިލާތާ، ޔޫރަޕާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމުކުރުމުގެ މަސައްކަތް ފައްޓަވާފައި ވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބުދަ ދުވަހުގެ ރޭ ގއ. ގެމަނަފުށީގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ ބާޒާރުގައި މަސް އެކްސްޕޯޓް ކުރުމަށް ފަހި ގޮތްތަކެއް ހޯއްދަވައި ދެއްވާނެ ކަމަށާއި، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށެވެ. އަދި މަސްވެރިކަމަކީ ރާއްޖޭގެ ތިންވަނަ ސިނާއަތް ކަމަށާއި މަސްވެރިކަން ދިރުވާ އާލާ ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭން ޖެހޭ އެއްކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ބާޒާރުގައި ރާއްޖޭގެ މަހަށް މިހާރަށްވުރެ ރަނގަޅު އަގެއް ހޯދައިދިނުމަކީ މި ސަރުކާރުން ކުރަން ނިންމާފައިވާ ކަމެއް ކަމަށާއި އަވަރަށްޓެރި ބައެއް ޤައުމުތަކުން އެއްވެސް ޑިއުޓީއެއް ނެތި ޔޫރަޕަށް މަސް ބޭރުކުރެވޭއިރު، ރާއްޖެއިން ޔޫރަޕަށް މަސް ބޭރުކުރަނީ 22 ޕަސަންޓްގެ ޑިއުޓީއަކާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ ރާއްޖެ ފަދަ ނާޒުކު އިޤްތިސާދަކަށް ތަހައްމަލު ކުރެވޭނެ ވަރަށް ވުރެން ބޮޑު ބުރައެއް، ހަމައެފަދައިން ބައިނަލްއަޤްވާމީ ބާޒާރުގައި ރާއްޖެއަށް މިއަށްވުރެ ރަނގަޅު ގޮތްތައް ފަހިކުރެވެންވާނެ ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއީ ބައިނަލްއަޤްވާމީ ދުނިޔެއާ ގުޅުން ބަދަހިކޮށްގެން ނުކުރެވޭނެ ވަރުގެ ކަމެއް ނޫން. މިކަމަށް އޮތް އެންމެ އެކަށޭނެ ހައްލަކީ މިހާރު ވެސް ރާއްޖޭގެ މަސް އެކްސްޕޯޓްކުރާ އިނގިރޭސިވިލާތާ ޔޫރަޕްގެ އިއްތިހާދާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުން. އެކަމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. ބޭރުގެ ސިނާއަތުގެ މަސްވެރިކަމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިން ކަނޑުމަހަށް ލިބުނު ޕްރިމިއަމްގެ ބޮޑުބައެއް ވަނީ ގެއްލިފައި، މިކަމަށް ހައްލެއް ހޯދުމަށް ބޭރުގެ މަސް ގަންނަ ގިނަ ފަރާތްތަކާއެކު މަސައްކަތްތަކެއް ވަނީ ފަށަންޖެހިފައި. އެކަން އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ ހައްލު ކުރާނަން" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ގެމަނަފުއްޓަކީ މަސްވެރިންގެ ސިނާއަތަށް ވަރަށް ބޮޑެތި ބަދަލުތައް ގެނެސްދޭ ރަށެއް ކަމަށާއި ރާއްޖޭގައި މަސްވެރިކަން މިއަދު ވަނީ ވަރަށް ބޮޑު އިންގިލާބީ ބަދަލުތަކެއްގެ ތެރޭގައި ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކެއް އެބަހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަސްވެރި ދޯނި ފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ބޭންކްތަކުން ފަސޭހައިން ލޯނު ލިބޭނެ ސްކީމެއް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ޤާއިމުކުރައްވާނެ ކަމަށެވެ. މަސްވެރިން ކުރާ މަސައްކަތާ އަޅާބަލާއިރު ލިބެނީ ކުޑަ އާމްދަނީއެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.