ކ. މާލެ
|
10 ޑިސެންބަރ 2018 | ހޯމަ 18:08
ޗެކްގެ އަނެއް ފަރާތުގައި ސޮއިކުރުމުން އެހެން އެކައުންޓަކަށް ޗެކް ޖަމާކުރުމަށް އެންޑޯޒް ކުރެވެނޭ
ޗެކްގެ އަނެއް ފަރާތުގައި ސޮއިކުރުމުން އެހެން އެކައުންޓަކަށް ޗެކް ޖަމާކުރުމަށް އެންޑޯޒް ކުރެވެނޭ
މިހާރު
އެެމްއެމްއޭ
ބޭންކްތަކުން ޗެކް އެންޑޯޒް ކުރުން ހުއްޓާލައިފި
އެންޑޯޒް ކުރުން ހުއްޓުމަކަށް ގެނައުމުން ނިޒާމްގެ ތެރެއިން ކަންކަން ކުރެވޭނެ

ބޭންކްތަކުން ޗެކް އެންޑޯޒް ކުރުން ހުއްޓާލާފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ގަވަނަރ ވިދާޅުވީ ޗެކް އެންޑޯޒް ކުރުން ހުއްޓުމަކަށް ގެނައުމުގެ ސަބަބުން ނިޒާމްގެ ތެރެއިން ކަންކަން ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

ޗެކް އެންޑޯސްކުރުމަކީ އެއް ފަރާތަކަށް ދޭ ޗެކްއެއް އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރެވޭ ގޮތަށް އޮންނަ އޮތުމެއް ކަމަށާއި މިހާރު މި ގޮތަށް ޗެކް އެންޑޯޒް ކުރުން ހުއްޓާލާފައިވާ ކަމަށެވެ.

ދިވެހި ރާއްޖޭގައި ހިންގާ ވިޔަފާރި ބޭންކްތަކުގެ ތެރެއިން، އެއް ބޭންކެއްގެ ކަސްޓަމަރަކު އެހެން ބޭންކެއްގެ ކަސްޓަމަރަކަށް ފައިސާ ދިނުމަށްޓަކައި ލިޔެފައިވާ ޗެކަށް ފައިސާ ދޫކުރުމުގައި، މެނުއަލްކޮށް ކުރީގައި ކުރެވުނުއިރު، ކޮންމެ ދުވަހަކު ކަނޑައެޅިފައިވާ ވަކި ވަގުތަކު ހުރިހާ ބޭންކްތައް އެ އޮތޯރިޓީއަށް ހާޒިރުވެ، ކޮންމެ ބޭންކަކުންވެސް އެ ބޭންކެއްގެ ކަސްޓަމަރުން ޑިޕޮސިޓް ކުރުމަށް ފާއިތުވި ދުވަހު އެ ބޭންކަށް ހުށަހަޅާފައިވާ އެހެން ބޭންކްތަކުގެ ޗެކްތައް، އެ ޗެކްތައް ނިސްބަތްވާ ބޭންކަކާ ޙަވާލުކުރަމުންދެއެވެ.

އެހެންކަމުން ކޮންމެ ބޭންކަކަށް ވެސް ލިބޭނީ އެ ބޭންކެއްގެ ޗެކްތަކެވެ.

އެގޮތުން، އެމްއެމްއޭއަށް ވެސް ލިބިގެންދާނީ އެހެން ބޭންކްތަކަށް ޑިޕޮސިޓްކުރުމަށް ހުށަހަޅާފައިވާ އެ އޮތޯރިޓީގެ ޗެކްތައް އެކަނި ކަމަށާއި މިހެންކަމުން، އެއްވެސް ބޭންކަކަށް އަދި އެ އޮތޯރިޓީއަކަށް ވެސް، އެހެން ބޭންކެއްގެ ޗެކްތަކުގައި ހިމެނޭ އެއްވެސް މަޢުލޫމާތެއް އެނގޭކަށް ނުއޮންނާނެ ކަމަށް ގަވަނަރު ވިދާޅުވިއެވެ.

އެހެން ބޭންކަކަށް ލިބުނު ޗެކްތަކަކީ ކޮން ފަރާތްތަކަކުން ކޮން ފަރާތްތަކަކަށް ދިން ޗެކްތަކެއް ކަން ނުވަތަ އެއިން ޗެކެއް އެންޑޯސްކޮށްފައިވާކަން ނުވަތަ ނޫންކަން، ޗެކު ހުށަހަޅާ ބޭންކާއި ޗެކް ރައްދުވާ ބޭންކު ފިޔަވާ، އެހެންއެއްވެސް ބޭންކަކަށް އަދި އެ އޮތޯރިޓީއަކަށް ވެސް ނޭނގޭނެ ކަމަށްވެސް ގަވަރނަރު ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ކުރިއަށްގެންދާނީ ޗެކް ކްލިއަރިންގ ކަމަށާއި މީގެ ބޭނުމަކީ ބޭންކްތަކަށް ލިބޭ އެހެން ބޭންކްތަކުގެ ޗެކްތަކުގެ ސެޓްލްމަންޓް ހެދުމަށްޓަކައި އެ ޗެކްތައް ނިސްބަތްވާ ބޭންކްތަކާ ޗެކްތައް ޙަވާލުކުރުން ކަމަށްވެސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ގަވަނަރު ނަސީރު ވިދާޅުވީ ފައިނޭންޝަލް ސްޓެބިލިޓީ ނުވަތަ މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓޭނީ، މާލީ ދާއިރާއާ މެދު އާންމުގެ ހިތުގައި އޮންނަންޖެހޭ އިތުބާރު ދެމެހެއްޓިގެން ކަމަށާއި އަދި، އިޤްތިޞާދު ކުރިއަރެވުމަށް މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށެވެ.

މިގޮތުން، ފައިނޭންޝަލް ސްޓެބިލިޓީއަށް ކުރިމަތިވާ ނޭދެވޭ ކަންކަމުގެ ރިސްކްތަކުގެ ސަބަބުން މުޅި އިޤްތިޞާދަށް ނޭދެވޭ އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.

މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަކީ ރާއްޖޭގެ މަރުކަޒީ ބޭންކުގެ ހައިސިއްޔަތުން އެ އޮތޯރިޓީގެ ޒިންމާއެއް ކަމުގައިވީނަމަވެސް، މިކަން ޙާޞިލްކުރެވޭނީ ވަރަށް ގިނަ ފަރާތްތަކުގެ އިހްލާސްތެރި މަސައްކަތުން ކަމަށް ފާހަގަކުރައްވާ ގަވަނަރު ނަސީރު ވިދާޅުވީ ހުރިހާ ފަރާތްތަކުންވެސް، މާލީ ދާއިރާއާ ގުޅޭގޮތުން ކަންކަން ހާމަކުރުމުގެ ކުރިން އެކަންކަމުގެ ތެދު މަޢުލޫމާތު ސާފުކުރެއްވުމަކީ މުހިއްމު ކަމެއް ކަމެއް ކަމަށެވެ.  

- ކޮމެންޓް