Advertisement
ކ. މާލެ
|
10 ޑިސެންބަރ 2018 | ހޯމަ 13:23
ހިލޭ ސައިކަލު ޕާކުކުރާ ސަރަހައްދު މިނިސްޓަރު ނަހުލާ ހުޅުއްވައިދެއްވަނީ
ހިލޭ ސައިކަލު ޕާކުކުރާ ސަރަހައްދު މިނިސްޓަރު ނަހުލާ ހުޅުއްވައިދެއްވަނީ
ރާއްޖެއެމްވީ
ޓްރާންސްޕޯޓް މިނިސްޓްރީ
އެއަރޕޯޓުގެ މުއައްޒަފުންނަށް ހިލޭ ސައިކަލު ޕާކުކުރާނެ ސަރަހައްދު ހުޅުއްވައިދެއްވައިފި
މި ޕާކިން އޭރިޔާގައި 700 ސައިކަލު ޕާކު ކުރެވޭނެ
އެއަރޕޯޓުގައި މަސައްކަތް ކުރާ ހުރިހާ މުއައްޒަފުންނަށް ބޮޑު ލުޔެއް ލިބޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިލޭ ސައިކަލު ޕާކު ކުރެވޭ ސަރަހައްދު ހުޅުއްވައިދެއްވައިފިއެވެ.

ހޯމަ ދުވަހު އެއަރޕޯޓުގައި ބޭއްވި މިހަފްލާގައި ޝަރަފުވެރިކޮށްދެއްވާ، މިސަރައްހަދު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ އެވެ.

މިހަފްލާގައި މިނިސްޓަރ ނަހުލާ ވިދާޅުވީ މިއަދަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން މުހިންމު އެއް ވައުދު ފުރިހަމަ ވެގެން ދިޔަ ދުވަހެއް ކަމަށެވެ.

އެގޮތުން، މިއަދުން ފެށިގެން ހިލޭ ސައިކަލު ޕާކު ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހުޅުވި ޕާކިން އޭރިޔާގައި 700 ސައިކަލު ޕާކު ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއީ އެއަރޕޯޓުގައި މަސައްކަތް ކުރާ ހުރިހާ މުއައްޒަފުންނަށް ވެސް ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

"މިގޮތަށް ހަމަޖެހުމުން އެއާޕޯޓުގައި އެކި ޝިޕްޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އެފަރާތްތަކުގެ ސައިކަލުގައި ވަޒީފާއަށް އައިސް ގޮސްވުމަށް ފަސޭހަވެގެންދާނެ. މިއަދާ ހަމައަށް މުއައްޒަފުން އަމިއްލަ ސައިކަލުގައި އަންނަ ނަމަ ކޮންމެ ގަޑިއަކަށް 10 ރުފިޔާގެ މަގުން ސައިކަލަށް ނަގަމުން އައީ. ޕާކިން ފީ އެއާޕޯޓުގައި މަސައްކަތް ކުރައްވާ މުއައްޒަފުންނަށް ވަޒިފާގައި ތިބޭ ވަގުތުގައި ހިލޭ ކުރެވިގެންދާނެ،" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މީގެ އިތުރަށް މިނިސްޓަރ ނަހުލާ ވިދާޅުވީ އޭޕްރަންގެ އިރުމަތީ ފަރާތުގައި 1000 އަށް ވުރެ ގިނަ ސައިކަލު ޕާކު ކުރެވޭނެ ސަރަހައްދެއް ވެސް ތަރައްގީ ކުރަމުންދާ ކަމަށެވެ.

ރައީސް ސޯލިހު ދަތުރުފަތުރާއި ބެހޭ ގޮތުން، 100 ދުވަސް ތެރޭ ކުރައްވަން ވެވަޑައިގެންފައިވާ 15 ވައުދުގެ ތެރެއިން 5 ވައުދު ފުރިހަމަ ވެފައިވާކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް