Advertisement
ކ. މާލެ
|
10 ޑިސެންބަރ 2018 | ހޯމަ 04:08
ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވާހަކަފުޅު ދައްކަވަނީ
ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ރާއްޖެ އިސްލާމްވި ދުވަސް
ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާނީ ސާބިތުކަމާ އެކު: އިސްލާމިކް މިނިސްޓަރު
އިސްލާމް ވީއްސުރެ ގޮންޖެހުންތަކާ ކުރިމަތިވޭ: މިނިސްޓަރު

ރާއްޖެ އިސްލާމް ވީއްސުރެ، ދިވެހިންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާނީ ސާބިތުކަމާއެކީގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހަކީ ދިވެހި ތާރީހުގައި އެންމެ އުފާވެރި ޝަރަފުވެރި ދުވަސް ކަމަށެވެ.

ދީނީ އިލްމުން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ޒާހިރު ވިދާޅުވީ ރާއްޖެ އިސްލާމްވީއްސުރެ ކުރިމަތިވި ގޮންޖެހުންތަކާ ދިވެހިން ކުރިމަތިލީ ސާބިތުކަމާއެކުގައި ކަމަށާއި އިރާދަ ކުރެއްވިއްޔާ ތާ އަބަދު ދިވެހިން ތިބޭނީ އިސްލާމް ދީން މަތީގައި ކަމަށެވެ.

"އާދެ ކުރިއަށް އޮތް ތާނގައި ވެސް ﷲގެ ވާގިފުޅާއެކު ދިމާވާ ކޮންމެ ގޮންޖެހުމަކަށް އަޅުގަނޑުމެން ކުރިމަތިލާނީ ވަރަށް ސާބިތުކަމާ އެކު. އިރާދަ ކުރެއްވިއްޔާ ތާ އަބަދު އަޅުގަނޑުމެން ތިބޭނީ މި މަތިވެރި ދީންމަތީގައި،" އަދާލަތު ޕާޓީގެ ފަރާތުން ވަޒީރުކަމަށް ވަޑައިގެންނެވި ޒާހިރު ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

މިނިސްޓަރުގެ ވާހަކަފުޅުގައި އިންސާނުނަށް ލިބިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން މިސާލު ދައްކަވަމުން އިންސާނުންނަށް ލިބިފައިވާ ނިއުމަތްތަކަށް ޝުކުރު ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

"އިންސާނުންނަށް އޮތް ގޮތަކީ މާތްﷲ ގެ ނިއުމަތް ލިބުމަށް އެދި ދުއާ ކުރުން. އެ ލިބުމަށް މަސައްކަތް ކުރުން. ފަހަރެއްގައި ވެސް ހިތަށް އަރައިގެން ނުވާނެ، ތިމާއަށް ލިބޭ ނިއުމަތަކީ ނުވަތަ ތިބާއަށް ލިބޭ އެ ތަނަވަސްކަމަކީ އެއީ ފަހަރެއްގައި ވެސް ތިމާގެ އަމިއްލަ މޮޅުކަމަކުން، ހާސިލު ކުރި އެއްޗެކޭ،" އިސްލާމިކް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްޕުޅު ކުރެއްވި ޒާހިރު ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި ވަޒީރުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހި ދައުލަތުން ރަސްމީކޮށް އިސްލާމް ދީން ގަބޫލުކޮށް، އެ ދީނަށް ދިވެހިން އެނބުރުމަށް އޭރުގެ ރަދުން ސްރީތިރިބަވަނަ އާދީއްތިޔަ ނުވަތަ ދަރުމަވަންތަ ރަސްގެފާނު އަމުރު ކުރެއްވީ ހިޖުރައިން 548 ވަނަ އަހަރުގެ އަބިއުލްއާޚިރު މަހުގައެވެ. އެއީ މީލާދީން 1153 ވަނަ އަހަރުގައެވެ. ރާއްޖެ އަށް އިސްލާމީ ހިދާޔަތު ގެނެސްދެއްވި ބޭކަލަކާމެދު ބައެއް ތާރީހީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވިޔަސް، ދިވެހި ދައުލަތުން ރަސްމީކޮށް ކަނޑައަޅާފައި ވަނީ ރާއްޖެ އިސްލާމް ދީން ގެނެސްދެއްވީ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީއެވެ. އޭނާއަކީ މޮރޮކޯއިން ނުވަތަ މަޣުރިބުކަރައިން ރާއްޖެވަޑައިގެންނެވި ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް