Advertisement
ކ. މާލެ
|
10 ޑިސެންބަރ 2018 | ހޯމަ 00:34
އާސިފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އާސިފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މުހައްމަދު ޝަރުހާން
އެމްޓީޑީ
އެމްޓީޑީން ބަރުލަމާނީ ނިޒާމަކަށް ތާއިދު ނުކުރޭ!
ޕާޓިން މަޖިލީހަށް ކެންޑީޑޭޓުން ނެރޭނެ
ރައީސް އިބޫގެ ސިޔާސަތަށް ތާއިދުކުރަން

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް ޕާޓީ (އެމްޓީޑީ) އިން ބަރުލަމާނީ ނިޒާމަކަށް ތާއިދު ނުކުރާ ކަމަށް ބުނެފއެވެ.

އެމްޓީޑީގެ މަސައްކަތް ކުރިއަށްދާ ގޮތް ނޫސްވެރިންނާ ހިއްސާ ކުރުމަށް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ މުސްތަޝާރު އަދި ވިޔަފާރި ވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފް ވިދާޅުވީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ތާއިދު ނުކުރާ ކަމަށާއި، އެފަދަ ވިސްނުމެއްވެސް ނުގެންގުޅުއްވާ ކަމަށެވެ. 

ބަރުލަމާނީ ނިޒާމުގެ ދަށުން ވެރިކަންކުރަމުންދާ ސްރީލަންކާ އަށް އިޝާރަތް ކުރައްވާ އާސިފް ވިދާޅުވީ އެގައުމުގައި މިހާރު އޮތް ހާލަތަށް ވެއްޓިގެން ދިޔައީ ވެސް ބަރުލަމާނީގެ ސަބަބުން ކަމަށެވެ. އެގޮތުން އެމްޓީޑީގެ މެމްބަރުންވެސް ބަރުލަމާނީ ނިޒާމާ ދެކޮޅުކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. 

ސަރުކާރުން ކުރާ ރަނގަޅު ކަންތައްތަކަށް ތާއީދު ކުރާނެ ކަމަށް ފާހަގަކުރައްވަމުން އާސިފް ވިދާޅުވީ، ސަރުކާރުންވެސް ގޯސްކަމެއް ކޮށްފިއްޔާ އެ ޕާޓީން އެކަމާ ދެކޮޅަށް އަޑު އުފުލާނެ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރު މިހާތަނަށް ކުރިއަށް ދާގޮތް ރަނގަޅަށް ކަމަށާއި، އަދި ކުރިޔަށް ގެންދާ ކަންކަމަށް ފުރިހަމައަށް ތާއިދު ކުރާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. 

"މީގެ ކުރިންވެސް ކުރީގައި ވެރިކަން ކޮށްފައި ހުރި ބައެއް މީހުންގެ އުޅުމާއީ ކަންތައްތަކާއި ބަސްމަގާއި ހުންނަގޮތަކަށެއް ނޫން އިބޫ ސޯލިހުގެ އުޅުމާއި ބަސްމަގާ އެހެރީ. އެހެންވީމާ އެކަންތައްތައްވެސް އަޅުގަނޑުމެން ބަލައިގަންނަން" އެމްޓީޑީގެ މުސްތަޝާރު ވިދާޅުވިއެވެ.

ޕާޓީއަށް މިހާރުވެސް ގިނަ ޒުވާނުންތަކެއް ސޮއި ކުރަމުން އަންނަ ކަމަށާއި، ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު އެ ޕާޓީއަށް ސޮއިކުރެއްވުމަކީ ލިބިގެންދިޔަ ކުރިއެރުމެއްކަމަށް އާސިފް ވިދާޅުވިއެވެ. އަދި އަދީބް އާއި އެޕާޓީއާ ގުޅުވައިގެން ގިނަ ވާހަކަތަކެއް މީޑިއާގައި ދެކެވެމުންދާ ކަމަށާއި، އެކަމާއި ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރު މާޗް މަހުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޓީޑީ އިން ކެންޑިޑޭޓުން ނެރުމުގެ ޝައުގުވެރިކަން ހުރިތޯ ނޫސްވެރިއަކު ސުވާލުކުރުމުން އާސިފް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ރަޖިސްޓްރީ ކުރުމުގެ ކަންތައްތައް ކަމަށާއި، މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ނެރުމުގެ ވިސްނުންވެސް އެޕާޓީން ގެންގުޅޭ ކަމަށެވެ.

މޯލްޑިވިސް ތާޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ) ގެ ނަމުގައި ޕާޓީއެއް ރަޖިސްޓްރީ ކުރުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެގޮތުން އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅަކީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް