Advertisement
ކ. މާލެ
|
8 ޑިސެންބަރ 2018 | ހޮނިހިރު 16:18
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
މުހައްމަދު ޝަރުހާން
ބީއެމްއެލް
ޔާމީންގެ ތުހުމަތަށް ބީއެމްއެލްގެ ރައްދު: މުއާމަލާތް ހިންގީ ގާނޫނުތަކާ އެއްގޮތަށްކަން ޔަގީން
އެމްއެމްޕީއާރްސީގެ ތުހުމަތު ޔާމީން ކުރެއްވީ ބޭންކުތަކަށް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ބޭންކުތަކަށް ތުހުމަތުތަކެއް ކުރައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމިީން ވިދާޅުވި ވާހަކަތަކަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރައްދު ދީފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމް.އެމް.ޕީ.އާރް.ސީގެ ހިޔާނާތް ހިންގާފައި ވަނީ ބޭންކިންގ ނިޒާމުގެ ތެރެއިން ކަމަށާއި ބޭންކުތަކުން އެކަމުގެ ޒިންމާވާން ޖެހޭނެ ކަމަށެވެ. އެ ހިޔާނާތް ހިންގާފައި ވަނީ ބޭންކުތައް ބައިވެރިވެގެން ކަމަށް ތުހުމަތުކޮށް ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

"އެމް.އެމް.ޕީ.އާރް.ސީއަށް ކްރޮސްކޮށްފައި ދޭ ޗެކު، ކީއްވެގެންހޭ އެހެން ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށް ދެނީ. ޖަމާކޮށްދޭއިރު ބޭންކުތަކުގައި ތިބޭ މީހުންނަށް އެނގެންވާނެ، އެސްއޯއެފަކީ ޕްރައިވެޓް ކުންފުންޏެއްތޯ؟ ސަރުކާރު ކުންފުންޏެއްތޯ؟،" ރައީސް ޔާމީން ވިދާޅުވިއެވެ.

"މިއީ ބޭންކިންގެ ނިޒާމުގެ ތެރޭގައި ހިންގާފައި ހުރި ކަންކަން. ބޭންކު ނިޒާމުގެ ތެރޭގައި މިވަރުގެ ކަންކަން ހިނގާފައިވާ ކަމުގައި ވަންޏާ، ބޭންކުގެ ކޮންމެ ވެސް ލެވެލްއަކުން މިއަށް ޒިންމާ އުފުލަންޖެހޭނެ."

ރައީސް ޔާމީންގެ އެ ވާހަކަފުޅާ ގުޅިގެން ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ގެއްލުނު މައްސަލާގައި ހިމެނޭ މުއާމަލާތްތައް ބީއެމްއެލުން ހިންގާފައި ވާނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. ބީއެމްއެލުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ބޭންކިންގ އާ ގުޅޭ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"މިކަމުގައި ބީއެމްއެލުން ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން އަރުވަން. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ މައްސަލައަކީ މިވަގުތު ވެސް ތަހުގީގީ އިދާރާތަކުން ބައްލަވަމުން ގެންދަވާ މައްސަލައަކަށްވާތީ މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު މިވަގުތު ހާމަކުރެވެން ނެތް ވާހަކަ ދަންނަވަން،" ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ އަބަދުވެސް އެ ބޭންކުން މަސައްކަތް ކުރަމުންދާނީ ނަޒާހަތްތެރިކަން ހިފެހެއްޓުމަށާއި ބޭންކަށް ލިބޭ އާމްދަނީ އަނބުރާ މުޖުތަމައަށް ފޯރުކޮށްދީ ގައުމުގެ ކުރިއެރުމަށެވެ.

ރާއްޖޭގެ ފަޅު ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ ޔާމީންގެ ވެރިކަމުގައި ވަނީ ހިޔާނާތްތެރިވެފައެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ)ގެ ތެރެއިން ހިންގި އެ ހިޔާނާތުގެ ތެެރެއިން 80 މިލިއަން ޑޮލަރު ޔާމީންގެ ގެކޮޅަށް ގެންގޮސް ވަކި ކޮޓަރިއެއްގައި ގުނި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ވަނީ ވިދާޅުވެފައެވެ. ގ. ދޫވެހީގައި ހުންނަ އެ ކޮޓަރިއަކީ ފައިސާ ގުނުމަށް ހާއްސަ ކޮށްފައި ހުންނަ ކޮޓަރިއެއް ކަމަށާއި އެކޮޓަރީގައި ރައީސް ޔާމީން ފައިސާ ގުނުއްވަނީ ބަންގްލަދޭޝް މީހަކާ އެކުގައި ކަމަށް ވެސް އަދީބު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް