Advertisement
ކ. މާލެ
|
8 ޑިސެންބަރ 2018 | ހޮނިހިރު 12:14
ރައީސް މައުމޫނު އަބުދުލްގައްޔޫމް
ރައީސް މައުމޫނު އަބުދުލްގައްޔޫމް
މުހައްމަދު ޝަރުހާން
ސާފުރާއްޖެ- އަހަރެންގެވެސް ޒިންމާ
ސާފު ތަނެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް އެއްމެ މުހިއްމު ކަމަކީ ފަރުދީ ޒިންމާ އަދާކުރުން: ރައީސް މައުމޫނު
ސާފުތާހިރުކޮށް ރާއްޖެ އޮތުމަކީ އިގުތިސާދީ އެތަށް ފައިދާއެއް އެކުލެވޭ ކަމެއްކަމަށް ވިދާޅުވި

ސާފުތަނެއްގެ ގޮތުގައި ދިވެހިރާއްޖެ ބޭއްވުމަށް އެއްމެ މުހިއްމުކަމަކީ ފަރުދީ ޒިންމާ އަދާކުރުންކަމަށް ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

"ސާފުރާއްޖެ-މަގޭވެސް ޒިންމާ،" މި ޝިއާރުގެ ދަށުން މުޅި ރާއްޖޭގައި ހޮނިހިރު ދުވަހު ފެށި ގައުމީ ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކޮންމެ މީހަކުވެސް އެމީހަކު ދިރިއުޅޭ ސަރަހައްދު ނުވަތަ ގެއާއި މަގުތަކާއި ސްކޫލާއި، ވިޔަފާރި ކުރާތަން އަދި ޖުމްލަކޮށް ވަށައިގެންވާ، ވެށި ސާފުތާހިރުކޮށް ބޭއްވުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއްކަމުގައި ދެކެން ޖެހޭކަމަށެވެ.

ތަންތަން ސާފުކޮސް ރީތިކޮށް ބޭއްވުމަކީ އެކަމުން އަޅުގަނޑުމެންގެ އަމިއްލަ ހިތްހަމަޖެހުމާއި، އިގުތިސާދީ އަދި ސިއްހީ އެތަށް ފައިދާއެއް އެކުލެވޭ ކަމެއް ކަމަށް އެމަނިކުފަނު ވިދާޅުވިއެވެ.

"މީ ވަރަށް މުހިއްމު ޕްރޮގްރާމެއް. އަޅުގަނޑުގެ ދައުރުގައިވެސް މިކަހަލަ ޕްރޮގްރާމްތައް ހުންނާނީ ހިންގާފައި މާލޭގައިވެސް އަދި އަތޮޅު ތަކުގައިވެސް. މިއަދު މީގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ރައީސް މައުމޫނު ވިދާޅުވިއެވެ.

ތިމާވެށި ރައްކާތެރިކުރުމަކީ ރާއްޖެއަށް މުހިއްމު ކަމެއްކަމަށާއި، ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮތްގައުމަކަށް ވާއިރު، އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ބައިނަލްއަގުވާމީ ގޮތުން ރާއްޖެ އިސްނަގައިގެން 1987 ވަނަ އަހަރު ކޮަމަންވެލްތް ޖަލްސާގައި ދުނިޔެ ހޫނު ވުމާއި، ކަނޑުތައް އުފުލުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ގޮތުން އެމަނިކުފާނު ފުރަތަމަ ވާހަކަފުޅު ދެއްކެވި އިރު، އެތަނުގައި ތިއްބެވި ގިނަ ބޭފުޅުންނަށް އެމަނިކުފާނު އޭރު އެ ދެއްކެވީ ކޮން ވާހަކައެއްކަންވެސް އެނގިވަޑައި ނުގަންނަވާކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.

މުޅިދުނިޔެއަށް ތިމާވެއްޓާއި ގުޅޭގޮތުން ހޭލުންތެރިކަން އުފެއްދުމުގައި އެ ދައުރުގައި ރާއްޖެ ވަރަށްބޮޑު އިސްނެގުމެއް ނަގައިގެން މަސައްކަތްތަކެއް ކުރެވުނުކަމަށާއި އަދި އޭގެ ފަހުން އައި އެފަދަ ބައިނަލްއަގުވާމީ ހުރިހާ ޖަލްސާއެއްގައިވެސް ތިމާވެއްޓާއި ގުޅޭގޮތުން ވަކާލާތު ކުރެއްވިކަމަށެވެ.

ތިމާވެށި މުހިއްމީ ރާއްޖެއަށް އެކަނިނޫން ކަމަށާއި، ތިމާވެއްޓަކީ މުޅި ދުނިޔެއަށް މުހިއްމު އެއްޗެއްކަމަށާއި، ދުނިޔޭގެ އެއްވެސް ތަނެއްގެ ތިމާވެއްޓަށް އަންނަ ބަދަލަކީވެސް އޭގެ އަސަރު ރާއްޖެއަށް ފޯރާނެ ކަމެއްކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.

އެެހެންކަމުން ބައިނަލްއަގުވާމީ، ސަރަހައްދީ އަދި ގައުމީ ގޮތުން ތިމާވެށި ހިމާޔަތްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް