Advertisement
ކ. މާލެ
|
6 ޑިސެންބަރ 2018 | ބުރާސްފަތި 21:36
ޚާރިޖީ ވަޒީރު ޝާހިދު (ކ) ރައީސް ސޯލިހާއިއެކު ކެބިނެޓް ބައްދަލުވުމެއްގައި
ޚާރިޖީ ވަޒީރު ޝާހިދު (ކ) ރައީސް ސޯލިހާއިއެކު ކެބިނެޓް ބައްދަލުވުމެއްގައި
ރައީސް އޮފީސް
ކޮމަންވެލްތާއި އަލުން ގުޅުން
ކޮމަންވެލްތާއި ގުޅެން މިހަފްތާގައި ހުށަހަޅާނަން: މިނިސްޓަރ ޝާހިދު
ކޮމަންވެލްތާއި އަލުން ގުޅުމަށް މަޖިލީހުން ވަނީ ރުހުން ދީފައި

ކޮމަންވެލްތާއި ގުޅެން ކެބިނެޓުން ނިންމި ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާއިއެކު، މިހަފްތާގައި އެޖަމްއިއްޔާއާއި އަލުން ގުޅުމަށް ކޮމަވެލްތު ސެކްރެޓޭރިއޭޓަށް ހުށަހަޅުއްވާނެކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު ވިދާޅުވީ ކޮމަންވެލްތާއި ވަރަށް އަވަހަށް އަލުން ގުޅެން އުއްމީދު ކުރައްވާކަމަށެވެ.

ކޮމަންވެލްތާއި ގުޅެން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެމްޑީޕީ، ޖޭޕީ، ޕީޕީއެމް އަދި އެމްޑީއޭގެ މެމްބަރުން ހިމެނޭ ގޮތަށް 62 މެމްބަރުން ވޯޓު ދެއްވިއެވެ. އޭގެ ތެރޭގައި 2016 ވަނަ އަހަރު ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ވޯޓު ދެއްވި މެމްބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. 

ކޮމަންވެލްތާއި އަލުން ގުޅުމަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިޙްގެ ސަރުކާރުން ފުރަތަމަ 100 ދުވަސްތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރެއިން އެއް ކަންތަކެވެ. 

ރާއްޖެ، ކޮމަންވެލްތުން ވަކިވާން ރައީސް ޔާމީންގެ ސަރުކާރުން ނިންމީ ރާއްޖޭގައި ހިނގަމުންދިޔަ ސިޔާސީ ހަމަނުޖެހުންތަކާއި ސަރުކާރުން އިންސާނީ ހައްޤުތަކަށް އަރައިގަންނަކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް އެޖަމާޢަތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕުން ބަލާނެކަމުގެ އިންޒާރުދީ، އިންސާނީ ހައްޤުތަކުގެ ޙާލަތުގެ މައްސަލައިގައި ބަޔާންތައް ނެރެން ފެށުމުންނެވެ. ރާއްޖެއަކީ ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކުގެ ތެރެއިން އެޖަމާޢަތުން ވަކިވި މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. 

ރާއްޖެއަކީ ކުރިންވެސް ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށްވުމާއިއެކު، އެޖަމާޢަތުގެ މެމްބަރޝިޕް އަލުން ހޯދުމަށް ފަސޭހަ ވެގެންދާނެކަމަށް ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ކުރިން ހުންނެވި ސަފީރު ފަރަހަނާޒް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ރާއްޖެ ކޮމަންވެލްތުގެ މެމްބަރަކަށް ވެފައިވަނީ 1982 ވަނަ އަހަރުގެ ޖުލައި 9 ގައެވެ. އަދި ކޮމަންވެލްތުން ވަކިވާން ރައީސް ޔާމީންގެ ކެބިނެޓުން ނިންމި ނިންމުމަށް ޕީޕީއެމްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ނިންމީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް