Advertisement
ކ. މާލެ
|
6 ޑިސެންބަރ 2018 | ބުރާސްފަތި 22:17
ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރާއްޖެ އެމްވީ
ކޮޕް ސަމިޓް
ކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސްނަޝީދު ޕޮލެންޑަށް ފުރާވަޑައިގެންފި
ޖައްވައްދޫކުރާ ވިހަ ގޭސް މަދުކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވޭނެ

24 ވަނަ ކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް މުހައްމަދު ނަޝީދު ޕޮލެންޑަށް ފުރާވަޑައިގެންފިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ފަހަރުގެ ކޮޕް ސަމިޓްގައި ވާހަކަތައް އަމާޒުކުރެވިފައި ހުންނާނީ ދެ ގޮތަކަށް ކަމަށެވެ. އެގޮތުން އޭގެ ތެރޭގައި ހިމެނެނީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރެވޭނެ ގޮތަކީ ކޮބައިތޯ ބެލުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކުރާ އަސަރާއި ދިމާވާ ކަންކަން އެއްކިބާވުމަށް ކުރެވެން ހުރި މަސައްކަތަކީ ކޮބައިތޯ ބެލުމާއި އެކަމާއި ގުޅޭ މަޝްވަރާތައް ކުރުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. 

ރައީސް ނަޝީދު ވިދާޅުވީ ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމުގައި މި ފަހަރުގެ ކޮޕް ސަމިޓްގައި އެހެން ބާވަތްތަކުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކަރަންޓް އުފެއްދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެވޭނެ ކަމަށާއި، އެގޮތުން ޑީސަލް ނޫން ގޮތަކަށް ކަރަންޓް އުފެއްދުމުގެ މުހިންމު ކަމުގެ މައްޗަށް މަޝްވަރާކުރެވޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި އިތުބާރާ އެކީގައި ކަރަންޓް ހެޔޮ އަގުގައި ދެވެން އެބައޮތް ކަމަށާއި، އެ މަނިކުފާނުގެ އަމާޒަކީ ޑީސަލް ނޫން އެހެން ގޮތަކަށް ކަރަންޓް އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށް މަޝްވަރާކުރެއްވުން ކަމަށެވެ. އެގޮތުން ވަޔާއި، އަވި ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ މުހިންމު ކަމުގެ މައްޗަށް ކަމަށެވެ.

އެ މަނިކުފާނުގެ އަމާޒަކީ މި ބާވަތުގެ ހަކަތަ އުފެއްދުމަށް ގިނަ ފާއިސާ ވެސް ލިބޭނެ ގޮތް މަގުފަހިވެގެން ދިއުމާއި، ވަޔާއި، އަވި ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ ޓެކްނޮލިޖީ ތަރައްގީކުރުމަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް ލިބުމުގެ މަގު ކޮޕް ސަމިޓުގެ ތެރޭގައި ފަހިވެގެން ދިއުން ކަމަށެވެ.

"ހާއްސަ ގޮތެއްގައި ސޯލާ ޕެނަލް ބޭނުންކޮށްގެން ކަރަންޓް އުފެއްދުމާއި، އަދި ވައިން ކަރަންޓް އުފެއްދުމާއި، މިހެން ގޮސް މި ބާވަތުގެ ކިތަންމެ ކަމެއް މިއަދު ފެންނާން އެބަހުރި. މި ބާވަތުގެ ކަރަންޓްގެ އަގު މިހާރު ޑީސަލްގެ ކަރަންޓަށް ވުރެ މާ ބޮޑުތަކުން ހެޔޮ. މިސާލަކަށް ދިވެހިރާއްޖޭގައި ހަތް ރުފިޔާއަށް އާންމު ރޭޓެއް ކަރަންޓު ޔުނިޓެއް. އަވީގެ ދޯދިން އުފައްދާ ކަރަންޓް އެންމެ އަގު ހެޔޮކޮށްވެސް ދެ ރުފިޔާ ބަޔަށް އުފެއްދޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އެކަމުން އަރައިގަތުމަށް ކުދި ގައުމުތަކަށް ބޭނުންވާ އިންވެސްޓްމަންޓް އާއި އެހީތެރިކަން ހޯއްދަވައިދެއްވުމަށް ކޮޕް ސަމިޓް ތެރޭގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި ފަހަރުގެ ކޮޕް ސަމިޓްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައި ވަނީ ޕެރިސް އެގްރިމެންޓްގެ ކަންތައް ތަންފީޒުކުރުމާ ގުޅޭ ގޮތުން އޮނިގަނޑެއް ހެދުމެވެ. 
 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް